ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ޖެހި، ރަމީޒު މަގުމައްޗަށް ވެއްޓިފައި. އޭނާގެ ހާލު ސީރިއަސް

އެކްސިޑެންޓުވެ، 3 ކުދިންގެ ބައްޕަ މަރާ ހަނގުރާމަކުރަނީ

އޭނާ ސައިކަލު ދުއްވީ ބަލައިގެން، ވަރަށް މަޑުން. އެކަމަކު ނުބައި ފަޅިން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި، މިހާރު ދަނީ ފުރާނައާ ހަނގުރާމަކުރަމުން

މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:30 ވުމާ ހަމައަށް، އަބްދުﷲ ރަމީޒުގެ ދިރިއުޅުމުގައި ހުރިހާ ކަމެއް ވެސް ދިޔައީ ހަމަ އާދައިގެ މަތިން، ރަނގަޅަށެވެ.

އެރޭ އިރާކޮޅު ދަރިފުޅު ޓިއުޝަނުން ނިމުމުން، ދަރިފުޅު ގެއަށް ގެނަ އެވެ. ބަނޑުހައިވެފައި ހުރުމުން، ނޫޑްލްސް ކައްކާފައި ދަރިފުޅަށް ކާންދިނެވެ. ދެން އަނެއްކާވެސް ބޭރަށް ނުކުތީ މަންމަގެ ގެއަށް ގޮސް، އެގޭގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެއަށް ފަހު ރައްޓެހިންނާ އެކު މަސައްކަތެއް ކުރުމުގައި މަޝްއޫލުވެ އުޅުނެވެ.

އެކަމަކު މަސައްކަތް ނިންމާފައި އެރޭ 9:30 ހާއިރު އެނބުރި ގެއަށް ދަނިކޮށް، އައްޑޫ ހިތަދޫގެ މައި މަގެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ އެކު އޭނާގެ ހުރިހާ ކަމެއް ބަދަލުވި އެވެ. ނުބައި ފަޅިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިިޔަ ސައިކަލެއްގައި ޖެހި އޭނާ މިހާރު ދަނީ މަރާ ހަނގުރާމަކުރަމުންނެވެ.

"އޭނާގެ ހާލު ވަރަށް ދެރަ. ވަކި އެއްޗެއް ބުނާކަށް އަދި ނޭނގޭ،" އޭޑީކޭ ހޮސްޕިޓަލުގައި އިނދެ، ފޯނުން ވާހަކަ ދައްކަމުން ރަމީޒްގެ އަނބިމީހާ އައިމިނަތު އަޒްރާ ބުންޏެވެ.

އެ އެކްސިޑެންޓް ހިނގި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެއިން ފެންނަ ގޮތުގައި ރަމީޒު ވަރަށް މަޑުމަޑުން ސައިކަލު ދުއްވާފައި އަންނައިރު، މަގުގެ އަނެއް ކޮޅުން ބާރު ސްޕީޑެއްގައި ސައިކަލެއް ދެ އެވެ. ނުބައި ފަޅިން ދިޔަ އެ ސައިކަލު ގޮސް، ރަމީޒްގެ ސައިކަލުގައި ޖެހުމާއެކު އޭނާ ވިއްސައިގެން ގޮސް ވެއްޓެ އެވެ. އަނެއް ސައިކަލަށް ވީގޮތެއް އެ ވީޑިއޯއަކުން ނުފެނެ އެވެ.

އެކްސިޑެންޓުވި ހަބަރު އަޒްރާއަށް ދިނީ، އެ މަންޒަރު ފެނުނު ރަމީޒުގެ ކޮއްކޮއެކެވެ. އޭރު އެމީހުން އެމްބިއުލާންސްއަށް ގުޅައިގެން އޭނާ ހޮސްޕިޓަލަށް ގެންދަނީ އެވެ.

"އަޅުގަނޑަށް ރަމީޒު ފެނުނު އިރު އޭނާ އޮތީ ކަޅި ހުއްޓިފައި. އަނގައިންނާއި ނޭފަތުންނާއި ކަންފަތުން ވެސް ހޮޑު އާދޭ. ވަރަށް ކްރިޓިކަލް ހާލަތެއްގައި އޮތީ،" އަޒްރާ ބުންޏެވެ.

އޭނާ ބުނީ ނޭވާ ނުލެވޭތީ ވަގުތުން ރަމީޒު ވެންޓިލޭޓަރަށްލި ކަމަށާއި އެއާ އެމްބިއުލާންސްގައި ފިރިމީހާ މާލެ ގެނައީ އަނެއް ދުވަހު ކަމަށެވެ. އަޒްރާ ކިޔައިދިން ގޮުތުގައި އޭޑީކޭއަށް ދެއްކުމުން، ފިރިމީހާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަން އެނގުނެވެ. އަދި ހަށިގަނޑުގެ އެކި ތަންތަން ވެސް ބިންދައިގެން ގޮސްފައިވާއިރު، ކަނާތު ފައިގެ ބޮޑުވައި އިނގިލި ފިޔަވައި ހުރިހާ ތަނެއް ޗިސްވެފައިވާކަން އެނގުނު ކަމަށް ބުންޏެވެ.

އެކަމަކު ފުރާނަ ސަލާމަތް ކުރަން ޖެހޭތީ، އޭޑީކޭއިން ފުރަތަމަ ވެސް ކުރީ ބޮލުގެ އޮޕަރޭޝަނެވެ. އެ އޮޕަރޭޝަނަށް މިއަދު ހެނދުނު 48 ގަޑިއިރު ވެފައިވާއިރު، އަދި ހާލަތާ ގުޅޭގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށް އަޒްރާ ބުންޏެވެ.

"ޑޮކްޓަރުން ބުނަނީ ކުރިއެރުމެއް ނާންނަންޏާ އަލުން ވެންޓިލޭޓަރަށް ލާން ޖެހިދާނެ ކަމަށް،" އޭނާ ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރަމީޒު މާލެ ގެނައީ، އަޒްރާ ބުނިގޮތުގައި އައިޖީއެމްއެޗުން އެތަނުގެ ޑޮކްޓަރުންގެ ޓީމެއް އޮޕަރޭޝަނަށް ތައްޔާރުކަމަށް އެންގުމުންނެވެ. އެކަމަކު އައިޖީއެމްއެޗަށް ގެންދިޔުމުން، 'އައިސީޔޫގައި ބެޑެއް ނެތް' ކަމަށާއި 'ސީޓީ ސްކޭން ހަދާ މެޝިން ރަނގަޅު ނޫން' ބުނެ، ހޮސްޕިޓަލުގެ އީއާރުގައި ދެ ގަޑިއިރެއްހާއިރު ބޭއްވި ކަމަށް ބުންޏެވެ. އަދި އެވަގުތުތަކުގައި ހޮސްޕިޓަލާއި ޑޮކްޓަރުންގެ ފަރާތުން މާބޮޑު ސަމާލުކަމެއް ބަލި މީހާއަށް ނުލިބޭ ކަމަށް ބުންޏެވެ.

އޭގެ ފަހުން ބަދަލު ކުރީ އޭޑީކޭއަށެވެ.

"މިތަނަށް ގެނައުމާ އެކު ސީޓީ ސްކޭން ހަދާފައި ބުނީ ބޮލަށް ވަރަށް ވަރުވެފައި ކަމަށް. ވަގުތުން އޮޕަރޭޝަން ކުރަން ނިންމީ،" އަޒްރާ ބުންޏެވެ.

"އެންމެ ކުޑަމީހާއަށް އަދި ތިން އަހަރު ނުފުރޭ. އޭނާ ގުޅާފައި އެބައަހާ ބައްޕައަށް ތަދުވީތޯ. ކިހިނެއްތޯ އޭނަ ކައިރީ ބައްޕަގެ ހާލު ބުނެދޭނީ. ބައްޕަ އެއޮތީ ފުރާނައާ ހަނގުރާމަކޮށްލަކޮށްލާ."

އޭނާ ސިފަކުރި ގޮތުގައި، ޝެފެއްގެ ގޮތުގައި މަސައްކަތް ކުރާ ރަމީޒަކީ ނަމޫނާ ބައްޕަ އެކެވެ. ތިން ކުދިން ތިބި އިރު، ކުދިންގެ ކަންކަން ފަރުވާތެރިކަމާއެކު ކުރެ އެވެ. ކުއްޖަކު އެއްޗެއް ކާހިތްވެއްޖެ ނަމަ ވަގުތުން އެ އެއްޗެއް ތައްޔާރުކޮށްލާފައި ކާންދެ އެވެ.

"ސައިކަލު ވެސް ދުއްވާނީ ވަރަށް މަޑުން، ވަރަށް ބަލައިގެން. އެކަމަކު ރަނގަޅަށް ދުއްވި މީހާ އެއޮތީ އޮތް ހާލު. މީހަކު ނުބަލާ ސައިކަލު ދުއްވައިގެން، އާއިލާއެއް ބިކަވާތަން މިއަދު މި ފެންނަނީ،" އޭނާ ބުންޏެވެ.

ކޮމެންޓް (5)

ކޮމަން ސެންސް މޭން

5 ޖޫން 2026
އައްޑޫ ސިޓީ ގައި 24 ގަޑިއިރު ފުލުހުންގެ ޓްރެފިކް ޗެކް ޕޯސްޓުތައް ޖަހައިގެން އުޅަނދު ފަހަރު ދުއްވާ މީހުނަކީ ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލުކޮށް ގަވާއިދުން ވެހިކަލް ތައް ދުއްވާ މީހުން ތޯ ބަލާ ޗެކް ކުރާ ހިސާބަށް މިހާރު ވަނީ މަގުމަތީގެ ޓްރެފިކް މައްސަލަ ތައް ގޯސްވެ ނާމާން ބިރުވެރި ތަނަކަށް މަގުތައްވެފައި އެވެ. ދެން ވެސް ލަސްނުކޮށް ކުރަންޖެހޭ ކަމަކީ ސްޕީޑް ބްރޭކަރު ތައް މިހާރަައް ވުރެ ގިނަކޮއް މިބުނި ގޮތައް ޓްރެފިކް ކަންކަން 24 ގަޑިއިރު ބަލަހައްޓައި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް މިހާރަައް ވުރެ ހަރުކަށި ފިޔަވަޅު ތައް އަޅާ އިހުމާލު ވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ!
4 0

ގޮވެލި

4 ޖޫން 2026
މަށަށް މިތާ ގޮވޭނެ އެއްޗެހި ވިސްނާލާފަ އެއްޗެއް ބުނަން ނިންމީ މި. ހުރިހާ އެންމެންވެސް އާޚިރަތް ދުވަހުން އިންސާފު ހޯދުމަށް އުންމީދުގަ ތިބެންވީ. ދައިތަވެސް މި އިނީ އެ އުންމީދުގަ.
9 0

ތެފައާސާ.

4 ޖޫން 2026
ޚަބަރު ކިޔާފައި ވަރަށް ދެރަވެއްޖެ. އަދި މި ގައުމުގައި ތިޔަފަދަ ކަމެއް ދިމާވާ ބަޔަކަށް ލިބޭނޭ އިންސާފެއް ނެތްކަން ހިތަށްއަރާފައި އެކަމާއިމެދުވެސް ވަރަށް ދެރަވެއްޖެ. އަނިޔާ ލިބުނު ފަރަތަށް އަވަސް ޝިފާއަކަށް އެދެން.
20 0

ކޮމެންޓު މޭން

4 ޖޫން 2026
ދިވެހި ރާއްޖޭގެ އެއްވެސް މުއައްސަސާއެއް ހިނގަނީ އެތާ ތިބޭ ވެރިންގެ އަމިއްލަ މުދަލެއްހެން. ދައުލަތެއްގެ ކަލެކްޓިވް ވިސްނުމަކުން އެއްވެސް ކަމެއް ނުކުރާނެ. ދެން މީހުން ޕުރެޝަރު ކުރީމާ، ޖިނާއީ ދައުވާއެއް ކޮށްފާނެ. ދެތިން މަސްދުވަހުން އެމީހާ މިނިވަންވާނެ. ގެއްލުމުގެ ބަދަލެއް ހޯދަން އުޅެފި މީހަކު މޮޔަވާނެ. 12 އަހަރު ކޯޓުގަ. މުޅި ދައުލަތް ޑިފެންސަށް. އެންމެން އެކުރިކަމެއް ފޮރުވޭތޯ އެއްވެސް މަޢުލޫމާތެއް ހިއްސާ ނުކުރާނެ. އެހެންޏާ މިހީވަނީ ތިމާގެ ކުށްހޯދަން އުޅެނީއޭ. މިއުޅެނީ މީހެއްގެ މައްސަލައެއް ހޯދާކަށް ނޫން، މިއުޅެނީ ޢަދުލު އިންސާފު ޤާއިމުކުރަން. އެކަމެއް ނޭގެ ތަންހިންގަން ތިބޭ ވެރިންނެއް ނުވަތަ ސިޔާސީ މީހުންނެއް. ދެން އުޅެނީ އިދިކޮޅު މީހުން އެމީހުންވެސް އެކަން ކުރާނީ ސިޔާސީ ބޭނުމެއްގައި ސަރުކާރަށް ޕުރެޝަރު ކުރަން. މިއީ ޤައުމު ހިނގާގޮތް. އާޚިރަތް ދުވަހުން ދަޢުވާކުރާނަން. މަޢާފެއް ނުދޭނަން
35 1

ޓްރުތު

4 ޖޫން 2026
@ކޮމެންޓު މޭން މިއަށްވުރެ ތެދު ވާހަކައެެއް މިއަދު އަދި އަޑުނާހަން
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް