ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ހޯދުމަށް ކިހާދުއަށް ދާ ކުދިން ދަތުރަށް ފުރުމުގެ ކުރިން އާއިލާއާ ބައްދަލު ކުރަނީ

ވަތަނީ ހިދުމަތުގެ 77 ކުދިން ކިހާދުއަށް ފުރައިފި

މިއީ އެ ޕްރޮގްރާމްގެ ދެ ވަނަ ބުރު ނިންމައި، ފަންނީ ތަމްރީނު ހޯދަން ބޭނުންވި ކުދިން

ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވި 77 ކުދިން، އިތުރު ތަމްރީނަށް ބ. ކިހާދުއަށް ފުރައިފި އެވެ.

ވީ ކިހިނެއް؟- މިއީ ވަތަނީ ހިދުމަތުގެ ދެވަނަ ބުރު ފުރިހަމަ ކުރި ކުދިންނެވެ. އެ ޕްރޮގްރާމް ނިންމި، 343 ކުދިންގެ ތެރެއިން ފަންނީ ޕްރޮގްރާމް ކުރިއަށް ގެންދަން ބޭނުންވީ 77 ކުދިންނެވެ. އެ ކުދިން މިއަދު ކިހާދުއަށް ފުރީ، އެ ރަށުގައި ހުންނަ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކުން ތަމްރީނު ހޯދުމަށެވެ.

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ހޯދުމަށް ކިހާދުއަށް ދާ ކުދިން ދަތުރަށް ތައްޔާރުވެގެން

މީގެ ތެރޭގައި 50 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރުގެ ޒުވާނުން ހިމެނެ އެވެ. އެ ކުދިން ފަންނީ ހަ ދާއިރާއަކުން ތަމްރީނުވާނެ އެވެ.

ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ފޮޓޯތަކާ އެކު ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މިއީ، އެ ކުދިންނަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ބައިވެރިން ކަމަށެވެ.

އެނގުން މުހިއްމު- ވަތަނީ ޕްރޮގްރާމްގެ ފުރަތަމަ ބުރު، 344 ކުދިން ފުރިހަމަކޮށް، 63 ކުއްޖަކު، އެކި ފަންނީ ދާއިރާތަކުން ތަމްރީނު ހޯދި އެވެ. އެ ޕްރޮގްރާމްގެ ތިން ވަނަ ބުރު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ނެޝަނަލް ސާވިސް އިނީޝިއަން ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އެ ތަމްރީންގެ ސެޓްފިކެޓާއި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑްގެ އިތުރުން އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުގެ ސެޓްފިކެޓު ވެސް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް