ފެނަކައިގެ އިމާރާތް: މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް އެތަނުން ބުނޭ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ކުއްޖަކު ކަރަންޓުގައި ޖެހުން: ކަރަންޓު ނެގީ މަގު ބައްތިއަކުން؛ ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް

ފެނަކައިން ބުނި ގޮތުގައި، މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކައުންސިލްގެ ޒިންމާއެއް

މިދިޔަ ބޮޑު އީދުގެ ތެރޭގައި ލ. ގަމުގައި 14 އަހަރުގެ ކުއްޖަކަށް ކަރަންޓު ޖެހި، ފުރާނައަށް ނުރައްކާވި އިރު ކަރަންޓު ނެގީ މަގުމަތީގައި ހުރި ބައްތިއަކުން ކަަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އޭގައި އަޅާފައި ނެތް ކަމަށް ފެނަކައިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކަރަންޓުގައި ޖެހި އަދިވެސް ވަރަށް ހާލުދެރަވެފައި އޮތް އެ ކުއްޖާގެ މަންމަ ވަނީ، އެކަން ހިނގީ ސަލާމަތީ ގޮތުން ހުރި އިހުމާލުތަކުގެ ސަބަބުން ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ނުވަތަ މީހެއްގެ ގައިގައި ކަރަންޓު ޖެހިއްޖެ ނަމަ، ސާކިއުޓް ޓްރިޕްވެ ކަރަންޓު ކެނޑެން ޖެހޭއިރު، އެ ކުއްޖާ ކަރަންޓުގައި ޖެހިފައި ވަރަށް ގިނައިރު ހުރި ކަމަށް އޭނާ ބުންޏެވެ.

އެގޮތަށް ކަރަންޓު ކެނޑޭނީ، އާތު ލީކް ސާކިޓް ބްރޭކް (އީއެލްސީބީ) ހަރުކޮށްފައި ހުރި ނަމަ އެވެ.

ގިނަ ރަށްރަށުގެ މަގުބައްތިތަކަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނަސް، އެެ އެއްޗެހި ބަލަހައްޓަނީ ރަށު ކައުންސިލުތަކުންނެވެ. އެހެންވެ، ރައްކާތެރިކަމާއެކު ކަރަންޓު ފޯރުކޮށްދޭތޯ ބެލުމަކީ ކައުންސިލްތަކުގެ ޒިންމާއެއްކަމަށް ފެނަކައިން ކުރިން ވެސް ވަނީ ބުނެފަ އެވެ.

ބުނީ ކީކޭ؟ - އެތަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ 14 އަހަރުގެ ކުއްޖާ އާއި އިތުރު ކުދިންތަކެއް ވެގެން އެރޭ ކަރަންޓު ނެގީ މަގުބައްތިއަކުން ކަަމަށާއި އެ ލައިޓުގައި އީއެލްސީބީ ނެތް ކަމަށެވެ.

"އީއެލްސީބީ ހުރިތޯ ބަލައި، އެ ރައްކާތެރިކަން ޔަގީންކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއް. އަޅުގަނޑުމެން މިދަނީ މިކަން ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު ރ. އުނގޫފާރުގައި ވެސް ވަނީ ހަމަ މި ފަދަ ހާދިސާއެއް ހިނގާފަ އެވެ. އެ ރަށުގެ މަގުބައްތިއެއް ހުރި ދިމާލުގައި އޮތް ފެންގަނޑެއް ތެރޭ ކުޅެން އުޅުނު ކުޑަ ދެ ކުއްޖެއްގެ ގައިގައި ކަރަންޓު ޖެހުމުން، އެ ކުދިން ސަލާމަތް ކުރަން އެ ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ން ވަނީ އެކަމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށް ކަނޑައަޅައި، އެ ކުންފުނި 50،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

އެއާ އެކު ހުރިހާ މަގުބައްތިތަކެއްގައި އީއެލްސީބީ ހަރުކުރަން އަންގައި، އެކަން ކުރުމަށް ވަނީ މުހުލަތެއް ދީފަ އެވެ.

މި ހާދިސާ ފުލުުހުން ވެސް މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް