އއ. ތޮއްޑޫ (ފޮޓޯ/ސޯޝަލް މީޑިއާ)

އއ. ތޮއްޑޫ

ތޮއްޑޫގެ ކުޅިވަރު ކުޅޭ ތަންތަން ނަމާދު ގަޑިތަކަށް ބަންދުކުރަން ނިންމައިފި

ތޮއްޑޫ ކައުންސިލުން ނިންމީ ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓުގެ އިތުރުން މަގުރިބާއި އިޝާ ނަމާދު ދޭތެރޭ އަދި ހުކުރު ވަގުތަށް ކުޅިވަރު ކުޅުން މަނާކުރަން

ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން އއ. ތޮއްޑޫ ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ތޮއްޑޫ ކައުންސިލްގެ މި ނިންމުން އައީ ކުޅިވަރު ކުޅުމަށް ހަދާފައި ހުންނަ ސަރުކާރުގެ އިމާރާތްތަކާއި ތަންތަނުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ތަފްސީލު - ތޮއްޑޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ހުރިހާ ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ތޮއްޑޫ ކައުންސިލުން ނިންމާފައިވާ ގޮތަކީ:

  • ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓު ބަންދުވާނެ

  • ކޮންމެ ދުވަހަކު އިރުއޮއްސި 6އިން ރޭގަނޑު 8އަށް ބަންދުވާނެ

  • ހުކުރު ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 2އަށް

އެ ވަގުތުތަކުގައި ކުޅިވަރު ކުޅޭ އެއްވެސް ތަނެއްގައި ކުޅިވަރު ކުޅުމަކީ މަނާކަމެއް ކަމަށް ކައުންސިލްގެ އިއުލާންގައި ވަނީ އަންގާފަ އެވެ.

"މިކަން ބެލެހެއްޓުން ޔޫތު އެސޯސިއޭޓު އައްޒާމް އަހްމަދު އަދި ސ. ސްޕޯޓްސް ކައުންސިލަރު މުހައްމަދު މާޒިންއާ ހަވާލުކުރެވިފައިވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.

ގުޅުންހުރި - ރައީސް އިއްޔެ ވިދާޅުވީ ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމަށް ފަހު އެ ތަންތަނުގައި ނަމާދުކުރެވޭ ގޮތް ހަމަޖައްސަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުން މަޝްވަރާކޮށްފައިވަނީ:

  • ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ހުރެފައި ނަމާދު ގަޑި ގެެއްލުނަނުދިނުމަށްޓަކައި ނަމާދުކުރެވޭ ގޮތަށް ހަމަޖެއްސުން

  • ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަންޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން؛ އެއީ 20 މިނެޓަށް ވިޔަސް

  • ކުރިއަށް އޮތް ދުވަސްތަކުގައި މިކަންކަން ތަންފީޒުކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް