އާސަންދަ އޮފީސް. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

އާސަންދަ

ރާއްޖޭން ލިބޭ ފަރުވާތައް ވެސް ހޯދަން ދަތި ނަމަ ބޭރަށް ފުރަން އާސަންދައިން ހަރަދު ދެނީ

މީގެ ކުރިން އާސަންދަ ގަވާއިދުގައި ރާއްޖޭން ލިބެން ނެތް ހިދުމަތްތަކުގެ ގޮތުގައި ބަލަނީ ހަމައެކަނި ރާއްޖޭން ނުލިބޭ ހިދުމަތްތަކާއި އާސަންދަ އެއްބަސްވުމުގައި ނެތުމުން ނުހޯދޭ ހިދުމަތްތަކަށް ރާއްޖޭން ބޭރަށް ފުރަން ހަރަދު ހަމަޖައްސައިދެވޭ ގޮތަށް

ރާއްޖޭން ލިބޭ ފަރުވާތައް ވެސް ހޯދަން ދަތި ނަމަ އަދި ވަށައިގެން ހުރި ކަންކަމަށް ބެލުމަށް ފަހު، އެ ފަރުވާ ހޯދަން ބޭރަށް ފުރަން އާސަންދައިން ހަރަދު ދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށް، އިއްޔެ ޝާއިއުކޮށްފި އެވެ.

ވީކިހިނެއް؟ - މީގެ ކުރިން އާސަންދަ ގަވާއިދުގައި ރާއްޖޭން ލިބެން ނެތް ހިދުމަތްތަކުގެ ގޮތުގައި ބަލަނީ ހަމައެކަނި ރާއްޖޭން ނުލިބޭ ހިދުމަތްތަކާއި އާސަންދަ އެއްބަސްވުމުގައި ނެތުމުން ނުހޯދޭ ހިދުމަތްތަކަށް ރާއްޖޭން ބޭރަށް ފުރަން ހަރަދު ހަމަޖައްސައިދެވޭ ގޮތަށެވެ.

ތަފްސީލް - 'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު'ގައި ރާއްޖޭން ލިބެން ނެތް ފަރުވާއަކަށް ބޭރަށް ފޮނުވުމުގައި ހިމަނާފައި އޮތީ:

  • އާސަންދައިން ހުއްދަކުރާ ރާއްޖޭގައި ލިބި ނުދެވޭ ހިދުމަތަކަށް ރާއްޖެއިން ބޭރަށް ރިފާ ކުރެވުން

  • އާސަންދައިގައި ރަޖިސްޓަރީ ވެފައިވާ ހިދުމަތް ދޭ މަރުކަޒެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން އާސަންދަ ކުންފުންޏާ އެކު އެއްބަސްވެފައިނުވާ ހިދުމަތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިހުތިޔާރު އާސަންދަ ކުންފުންޏަށް ލިބިގެންވޭ

ގަވާއިދުގެ އެ މާއްދާ ބަދަލުކޮށް ކުރިން ހިމެނޭ ދެ ހާލަތުގެ އިތުރަށް ހިމާނާފައިވާ ހާލަތަކީ:

  • ބަލީގެ ބާވަތާއި ބަލީގެ ހާލަތާއި ރާއްޖޭގައި ލިބެން ހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭން ލިބެން ހުރި ފަރުވާއެއް ހޯދުމަށް

މީގެ އިތުރުން، އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދޭތީ، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ނުދެވޭ ކަންކަމުގެ މާއްދާގައި ކުރިން ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުުންވާ އާލަތްތަކުގެ ހަރަދުގެ ބައި ވަނީ އެ މާއްދާއިން އުނިކޮށްފަ އެވެ.

އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ނުދެވޭނެ ކަންކަމުގެ މާއްދާގެ އެ އަކުރުގައި ކުރިން ލިޔެފައި އޮތީ:

  • ނުކުޅެދުންރެތިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ހަރަދު؛ އެއީ އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދޭކަމަކަށްވާތީ (ހިއަރިން އެއިޑް، ވީލްޗެއާ ފަދަ ތަކެތި)

ފާހަގަކޮށްލެވޭ - އާސަންދަ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ އެންސްޕާއިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް އާސަންދައަށް ބަދަލުކޮށްފައިވަނިކޮށެވެ. އެގޮތުން، ރާއްޖޭން ބޭރުގައި ތިބެގެންނާއި ރަށްރަށުގެ މީހުން މާލޭގައި ތިބެގެން ބޭސްފަރުވާ ހޯދުމަށް، މީހާގެ މާލީ ހާލަތު ބަޔާންކޮށް ހުށަހެޅުމުން އެންސްޕާއިން ކުރިން މާލީ އެހީ ފޯރުކޮށްދީފައި އެބަހުއްޓެވެ.

ނަމަވެސް އެކަން ހަމަޖެއްސުމުގައި ލަސްވާ ކަމުގެ ޝަކުވާ އަބަދު ވެސް ބޮޑެވެ.

ކޮމެންޓް (2)

ސިކުނޑި

3 ޖޫން 2026
ރާއްޖޭން ލިބެން ހުރި ފަރުވާ ލިބުމުގައި ދަތިތަކެއް ހުރުމަކީ ލިބެން ނެތުން! މިހާ ދޯހަޅިކޮށް ގަވައިދު ހެދީމާ އޭގެ ނާޖާއިޒު ފައިދާ ނަގާނެ މީހުން އުޅޭނެ! އެއަރ އެމްބިއުލެންސްއަށް ވާވަރު ވާނީ! ކޮންމެ ގަވައިދެއް ކޮންމެ ގޮތަކަށް ހެދިޔަސް، ކަރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުން ނުހުއްޓާހާ ހިނދަކު އެއަކުން އާންމު ރައްޔިތުންނަށް ވާނެ ފައިދާއެއްނެތް! @ތެފައާސާ ގެ ކޮމެންޓްގައި އެއޮތީ އޭގެ މިސާލެއް! ރާއްޖޭން ބޭރުން ހޯދި ފަރުވާއެއްގެ ރިވިއުއަށް ބޭރަށްދާން އާސަންދަ ނުލިބެންވީ އެއްވެސް ސަބަބެއްނެތް! އެކަމަކު ނުފޫޒު ގަދަ މީހެއްވިޔާ އެކަން އެގޮތަށް ހަމަޖެހޭނެ!
0 0

ތެފައާސާ.

2 ޖޫން 2026
މި ޚަބަރުގައި މިއޮތްގޮތަށް މިކަން ތަންފީޒު ކުރަން ފަށައިފިނަމަ ކިތަންމެހާވެސް ރަނގަޅު. އަހަރެންގެ އަމިއްލަ ތަޖުރިބާއެއް ހިއްސާކޮށްލާނަމަ، ބައްޕަގެ ލިވާރ ޓްރާންސްޕްލާންޓް ސާޖަރީ އިންޑިއާއިން ހަދައިގެން، ދޭތެރެ ދޭތެރެއިން ހަދަންޖެހޭ ރިވިއުތަކަށް ދާން މީގެ ކުރިން އާސަންދަ ނުދޭ. ސަބަބެއްކަމަށް ދައްކަނީ ރިވިއުއަށް ގޮސް އިންޑިއާއިން އާންމުކޮށް މި ހަދާ ބްލަޑް އިންވެސްޓިގޭޝަން ތަކާއި ސްކޭންއާއި އެމްއާރުސީޕީ ފަދަ ޓެސްޓްތައް ރާއްޖެއިންވެސް ހެދޭކަމަށް ބުނެ. އެކަމަކު ރިވިއުއަށް މި ދަނީ ހަމައެކަނި މި ޓެސްޓްތައް ހަދާކަށް ނޫން. ޓެސްޓުތައް ހެދުމަށްފަހު ޓްރާންސްޕްލާންޓް ސާރޖަން އެ ބަލާ ބެލުންތަކެއް ބަލައި އިވެލުއޭޓްކޮށް ބޭހުގެ ޑޯޒޭޖް ބަދަލުކުރަންޏަ އެކަމެއް ކޮށް މި ހުރިހާ ސަކަރާތެއް ޖަހަން. އެއަކީ މި ގައުމުން ވާ ކަމެއް ނޫން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް