އާސަންދައިގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ. (ފޮޓޯ/އާސަންދަ)

އެންސްޕާގެ ގިނަ ހިދުމަތްތައް އާސަންދައަށް ބަދަލުކޮށްފި

އެންސްޕާއިން ދެމުން އައި މައިގަނޑު ފަސް ހިދުމަތެއް މާދަމާއިން ފެށިގެން އާސަންދައިގެ ދަށަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް ހިމެނޭހެން އެ އެެޖެންސީން ދެމުން އައި ގިނަ ހިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ވީ ކިިހިނެއް؟ - ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން، ހެލްތް މިނިސްޓަރު ގީލާ އަލީއާ ހަވާލާދީ ރިޕޯޓު ކުރި ހަބަރުގައިވާ ގޮތުން މާދަމާއިން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ފަށާނަ އެވެ.

ތަފްސީލު - އެ ހަބަރުގައިވާ ގޮތުން، އެންސްޕާއިން ދެމުން އައި މައިގަނޑު ފަސް ހިދުމަތެއް އާސަންދައިގެ ދަށަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ބޭސްފަރުވާއާ ގުޅޭ ކަންކަމުގައި ރައްޔިތުންނަށް ދޭ ހިދުމަތްތައް

  • 2-

     ޓެސްޓުތައް ހެދުމާއި ހާއްސަ މެޑިކަލް ޑިވައިސްއާ ގުޅޭ ހިދުމަތްތައް

  • 3-

    ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދޭ ސިއްހީ ހިދުމަތްތައް

  • 4-

    ރިފަރަލް އަދި އެމަޖެންސީ ބަލިމީހުންނަށް ދޭ ހިދުމަތްތައް

  • 5-

    ހާއްސަ ހާލަތްތަކުގައި ދޭ ހިދުމަތްތައް (ތެލެސީމިއާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓަށް ދާ މީހުންނަށް ފޮލޯއަޕް ހެދުމާއި އަމިއްލަ ބޭސްފަރުވާއަށް ބޭރަށް ދާ މީހުންނަށް ދޭ އެހީތެރިކަން)

މި ބަދަލު ގެނައުމުގެ ބޭނުމަކީ، މިނިސްޓަރު ގީލާ ވިދާޅުވި ގޮތުގައި، ބޭސްފަރުވާގެ އެކި ކަންކަމުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

"މިހާރު ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ އެހީތެރިކަމަށް ބަލާއިރު އާސަންދަ ކުންފުނިން މި އެދެވެނީ ވަކި ކަންކަމަކަށް. އެންސްޕާއިން އިތުރު ކަންކަމަށް އެހީތެރިކަމަށް އެދެމުން މިދަނީ. އެހެންވީމަ މިގޮތަށް ބަދަލުވުން އެއްތަނަކުން މީހުންގެ މައުލޫމާތު ވެސް ބެލެހެއްޓިގެންދާނެ އަދި ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އާންމު ރައްޔިތުންނަށް މި ގެނައި ބަދަލަކީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް." 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގީލާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

މި ބަދަލާ އެކު މިހާރު އެންސްޕާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ދެން ޖަވާބު ދޭނީ އާސަންދަ ކުންފުނިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ދެން މި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވެސް ދޭނީ އާސަންދަ ކުންފުނީގެ ފަރާތުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް