ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް). (ފޮޓޯ/ މަޖިލިސް)
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ.
ވީކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. އެ ގޮތުން:
-
ނާޒިމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި އޭނާ ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް
-
ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރީ މަޖިލީހުގެ މެންބަރުންގެ ދެމެދު މަސަލަސްކަން ގެއްލުވާލަން މަސައްކަތްކުރައްވާ ކަމަށް؛ ނާޒިމް އިސްތިއުފާ ދެއްވައި އިއްޔެ ނެރުއްވި ބަޔާނުގައި އެ ތުހުމަތުތަކަށް އިންކާރުކުރެއްވި
ތަފްސީލް - މަޖިލީހަށް ނައިބު ރައީސަކު އިންތިހާބުކުރަން ކުރިއަށް ގެންދިޔަ ޖަލްސާގައި ހުށަހެޅި ތާއީދު ލިބުނީ ދެ ނަމަކަށެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުށަހެޅި ސަލީމްގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. އެ ގޮތުން:
-
ސަލީމްގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް؛ ތާއީދުކުރެއްވީ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
-
ޒިޔާދުގެ ނަން ހުށަހެޅުއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ؛ ތާއީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
ނައިބު ރައީސް އިންތިހާބުކުރުމަށް ނެގި ސިއްރު ވޯޓުގެ ނަތީޖާއަކީ:
-
ސަލީމަށް 62 ވޯޓު
-
ޒިޔާދަށް 10 ވޯޓު
-
ބާތިލް 2 ވޯޓު
ފާހަގަކޮށްލެވޭ - ސަލީމަކީ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން، ފެހި ގާނޫނުއަސާސީގެ ފަހުން މަޖިލީހުގައި މެދުކެނޑުމެއް ނެތި އިންނެވި އެއް މެންބަރެވެ.
އެގޮތުން، 2004 އިން ފެށިގެން މިހާތަނަށް މަޖިލިހުގައި އޭނާ ހޭދަކުރައްވަމުން އެ ގެންދަވަނީ ފަސް ވަނަ ދައުރެވެ. ސޯޅަ ވަނަ މަޖިލީހުގައި ބ. އަތޮޅުގެ މެންބަރަކަށް ހުންނެވުމަށް ފަހު، 17 ވަނަ މަޖިލީހުން ފެށިގެން 20 ވަނަ މަޖިލީހާ ހަމައަށް ތަމްސީލްކުރެއްވީ އޭދަފުށި ދާއިރާ އެވެ.
ނިމިދިޔަ 19 ވަނަ މަޖިލީހުގައި މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކީ ވެސް ސަލީމެވެ.
ކޮމެންޓް (1)
ތެފައާސާ.