ރިސޯޓުގެ ސްޓާފުން ދަތުރުކުރި ލޯންޗު ފަޅައިގެން ގޮސް އެ މީހުން ކަނޑުވެފައި

އީދު ޝޯ ބަލަން ރަސްދުއަށް ދިޔަ ބަޔަކު ކަނޑުވެއްޖެ

އެ އެންމެން ވެސް ސަލާމަތް ކުރީ، ކަނޑުމަތީގައި ތިބޭތާ ބައިގަޑިއިރު ފަހުން

ބޮޑު އީދު ފާހަގަކުރުމަށް އިއްޔެ ރޭ އއ. ރަސްދޫގައި ބޭއްވި ޝޯއެއް ބަލަން ދިޔަ ބަޔަކު އެނބުރި ދަނިކޮށް ކަނޑުވެގެން ސަލާމަތްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، އެ މީހުން ކަނޑުވީ، ދަންވަރު ދަތުރުކުރި އެ ލޯންޗު އަޑިން ފަޅައިގެން ގޮސް ދިޔަވެ، ލޯންޗު ބަންޑުން ޖަހާލުމުންނެވެ. އެއީ އެ އަތޮޅުގެ ރިސޯޓެއްގެ ސްޓާފުންތަކެއް އީދު ޝޯ ބަލަން ކުރި ދަތުރެކެވެ.

ތަފްސީލް - އއ. ހިމަންދޫގެ އެ ލޯންޗުގެ ވެރިފަރާތް، ޒައިނުލްއިބާދު ބުނީ:

  • ލޯންޗުގައި އެ ވަގުތު 23 ފިރިހެނުން ތިބި

  • ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފެށުމުން، އެ އެންމެން ވެސް ކަނޑަށް ފުންމާލި

  • ކަނޑުވި މީހުން އެކި އެއްޗެހީގައި ހިފަހައްޓައިގެން ފެންމަތީގައި ތިބި އިރު، ފަތަން ނޭނގޭ މީހުން ފަހުން ތިބީ ބަންޑުން ޖަހާލި ލޯންޗުގެ މައްޗަށް އަރާ

ރިސޯޓުގެ ސްޓާފުން ދަތުރުކުރި ލޯންޗު ފަޅައިގެން ގޮސް އެ މީހުން ކަނޑުވެފައި
ރިސޯޓުގެ ސްޓާފުން ދަތުރުކުރި ލޯންޗު ފަޅައިގެން ގޮސްފައި

ކަނޑުމަތީގައި ތިބި އެއްވެސް މީހެއްގެ ލައިފްޖެކެޓެއް ނެތެވެ.

"އެގޮތަށް ބައިގަޑިއިރު ކަނޑުވެފައި ތިބެން ޖެހުނު،" ޒައިން ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެ މީހުން ސަލާމަތް ކުރީ މުވައްޒަފުންގެ ރިސޯޓުގެ ލޯންޗަކާއި އިތުރު ދެ ލޯންޗެއް ގޮސްގެންނެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ބުންޏެވެ. އެކަމަކު ލޯންޗު ފަޅައިގެން ގޮސް، އަޑިން ދެ ފޫޓެއްހާ ބާގަނޑެއް ހެދުނެވެ.

އޭނާ ބުނީ ލޯންޗު ފަޅައިގެން ދިޔައީ ކީއްވެކަން ނޭނގޭ ކަމަށާއި ކަނޑު ވެސް އާދަޔާހިލާފަށް ގަދަ ނޫން ކަމަށެވެ. އަދި މިހާރު ލޯންޗު ކަފު ޖަހައިގެން އަނބުރާ ހިމަންދުއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް