އަލީ އަފްލަހު (ފޮޓޯ/ފުލުހުން)
ޓިއުޝަނަށް ދިޔަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަފްލަހަށް 6 ދައުވާއެއް
ދެ އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ހަ ދައުވާއެއްކޮށްފި އެވެ.
ވީ ކިހިނެއް؟ - އަފްލަހު، 27، ހައިރާތު/ހުޅުމާލެ، ޖިންސީ ގޯނާކުރި ކަމަށް ވަނީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އަފްލަހު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ތަފްސީލް - މި ދައުވާތައް ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން، ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަކީ:
-
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ
-
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ
-
މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާ
-
އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
އެނގުން މުހިންމު - ޖިންސީ ގޯނާކުރުމުގެ ތުހުމަތުތައް އަފްލަހުގެ މައްޗަށް ކުރެވެން ފެށުމުން އޭނާ ހުރީ ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގަ އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައުމުންނެވެ. މިވަގުތު އޭނާ ހުރީ ހައްޔަރުގަ އެވެ.