ޗެނަލް13ގެ ލޯގޯ ފެންނަ ފޮޓޯއެއް
ޗެނަލް13ގެ ސާވާ ބަޔަކު ހެކްކޮށްފި: 'މިއީ އަޑު ކަޑުވާލުމަށް ދިން ހަމަލާއެއް'
ޗެނަލް13ގެ ސާވާތައް ބަޔަކު ހެކްކޮށްފައިވާ ކަަމަށާއި މިއީ މީޑީއާގެ އަޑު ކަނޑުވާލަން ދިން ހަމަލާއެއް ކަމަށް އެ ޗެނެލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު ހަބަރުތައް އަދި ވަކިން ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ހަރަކާތްތައް ކަވަރުކުރާ ޗެނަލް13ގެ ސާވާތައް ހެކްކޮށްފައިވާ ކަމަށް ބުނެ އެ ކުންފުނިން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލު - އެ ބަޔާނުގައިވާ ގޮތުން، އެ ޗެނަލްގެ ސާވާތައް ބަޔަކު ހެކްކޮށްފައި ވަނީ ރޭ 11:53ގަ އެވެ. މިކަން ކޮށްފައި ވަނީ ވަކި ފަރާތެއް ނޭނގޭ ހެކަރުންތަކެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"މިއީ ވަކި ފަރާތްތަކުން ރާއްޖޭގެ ކުރިއަރާފައިވާ މީޑިއާތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށް މި ކުންފުނިން ދެކެމެވެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.
މިފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކޮމްޕިއުޓަރާ އަދި ކޮމްޕިއުޓަރާ ގުޅުން ހުރި އަމަލުތަކެއްކަން ފާހަގަކޮށް، ބަޔާނުގައި ބުނީ، މިއި ޑިމޮކްރަސީ ނުދަންނަ އެކި ފަރާތްތަކުން ހިންގާ އަމަލުތަކެއް ކަމަށެވެ.
"ނޫސްވެރިކަމަށް ހުރަސް އެޅުމަށް ޑިމޮކްރަސީ ނުދަންނަ އެކި ފަރާތްތަކުން ގަނދައަޅައި މަސައްކަތްކުރަމުންދާ ދިއުމުގައި ގާނޫނީ އިމުން ބޭރުވެ، މީޑިއާތަކުގެ ސާވާތައް ހެކްކޮށް، މީޑިއާގެ އަޑު ކަނޑުވާލުމަށް އެ ފަރާތްތަކުން ކުރަމުންދާ ކަންތައްތައް މި ކުންފުނީގެ ފަރާތުން ހަރުއަޑުން ކުށްވެރިކުރުމެވެ،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ފާހަގަ ކުރި ގޮތުގައި:
-
ސާވާތައް ހެކްކޮށްފައި ވަނީ، އެ ޗެނަލުން ގެނެސްދީފައިވާ 'ކޮކްރޮޗު ޖަންތާ ޕާޓީ'ގެ ވެބްސައިޓު ޑައުންކުރި ވާހަކަތަކާއި އެ 'ޕާޓީ'ގެ އިންސްޓަގްރާމް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރި ވާހަކަ ގެނެސްދީފައި ވަނިކޮށް
"ބިރު ދެއްކިޔަސް، އަނގަ ބަންދު ކުރިޔަސް، ޖަލަށް ލިޔަސް، ހެކްކުރިޔަސް، ޗެނަލް 13އިން މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެން،" ބަޔާނުގައި ބުންޏެވެ.
ފާހަގަކޮށްލެވޭ - ބަޔާނުގައި އެ ފާހަގަ ކުރި 'ކޮކްރޮޗު ޖަންތާ ޕާޓީ'އަކީ އިންޑިއާގައި ޖެންޒީން ހިންގާ މޫވްމަންޓަކަށް ކިޔާ ނަމެކެވެ.
ކޮމެންޓް (1)
އަފުން