ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓް އަލުން އެކުލަވާލައްވައި 12 ވަޒީރަކު އައްޔަންކުރެއްވުމުގެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުން ހުވާކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ކެބިނެޓަށް ބަދަލު ގެނައުމާ އެކު ނަތީޖާ ރަނގަޅުވެއްޖެ: ރައީސް

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އިންތިހާބުގެ ނަތީޖާއިން އެނގުނީ ސަރުކާރު ކުޑަކޮށް، އަލުން އެކުލަވާލައި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަން ރައްޔިތުން ބޭނުންވާކަން

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކޮށް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ގެނައި ބަދަލާ ގުޅިގެން، ރަނގަޅު ނަތީޖާތަކެއް ފެންނަން ފަށައިފި ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު ފަހު، ރައީސް އަންގަވަޑައިގެން، އަށް ވަޒީރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެއަށް ފަހު އެމަނިކުފާނު ހަތަރު މިނިސްޓްރީއެއް އެއްކޮށްލައްވައި އާ މިނިސްޓަރުން އައްޔަން ކުރެއްވި އެވެ.

ތަފްސީލް - ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ އިންތިހާބުން، ބަދަލުތަކެއް ގެންނަން ޖެހޭކަން ބުނެދޭ ކަމަށާއި ގޯސްކޮށް ސިޔާސަތުތަކެއް ތަންފީޒު ކުރެވުމުން، އެކަންކަން ރަނގަޅު ކުރުމަކީ އެ މަނިކުފާނު ފަސްޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެ ނަތީޖާއިން އެނގުނީ، ސަރުކާރު ކުޑަކޮށް، އަލުން އެކުލަވާލައި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އެހެންވެ، ވަގުތުން ފިޔަވަޅު އަޅަން ނިންމީ ކަމަށް ވިދާޅުވި އެވެ.

"ކެބިނެޓަށް ގެނައި ބަދަލާ އެކު، ބައެއް މިނިސްޓްރީތަކުގެ ފެންވަރު ރަނގަޅު ކުރެވިއްޖެ. މީގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާ އެކު މަސައްކަތް ނުކުރީއޭ. އެކަމަކު އެއަށް ވުރެ މަސައްކަތްތައް ރަނގަޅު ކުރަން ވެގެން ބަދަލު ގެނައީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތް ވެސް ބަލަމުންދާއިރު، އެ ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ނަތީޖާ ރަނގަޅު ވަމުންދާނެ ކަމަށެވެ.

މިސާލެއްގެ ގޮތުން ރައީސް ނެންގެވީ، މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި އޮތް ހަޔާ އެޑިއުކޭޝަނުގެ މަސައްކަތްތަކެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި:

  • ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ކުދިންގެ އިންތިޒާމުތައް ކުރިން ވަރަށް ލަސް. ހާއްސަކޮށް، އެ ދަރިވަރުން ކަމަކު އެދުމުން، އެކަން ޕްރޮސެސްވެ، ނިންމަން އާއްމުކޮށް ހަތަރު ހަފުތާ ނަގާ

  • އެކަމަކު މިހާރު ހުށަހަޅާ ކަންކަން އެންމެ ހަތަރު ދުވަހުގެ ތެރޭގައި ނިމޭ

"މިއީ ވަރަށް ބޮޑުތަނުން ރަނގަޅުވުން. ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ މިއަށްވުރެ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ކެބިނެޓަށް ގެނައި ބަދަލާ އެކު، އަލަށް މިނިސްޓަރުކަމަށް އައްޔަންކުރީ:

  • ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު

  • އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ

  • އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް

  • ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ

އޭގެ އިތުރުން، ހަތަރު މިނިސްޓްރީއެއް އެއްކޮށްލައި ބައެއް މިނިސްޓްރީތަކުގެ ދާއިރާއަށް ގެނައި ބަދަލުތަކާ ގުޅިގެން އަށް ވަޒީރަކު ވަނީ އަލުން ހުވާކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ:

  • މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް 

  • އަލީ އިހުސާން - މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ 

  • ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް

  • މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

  • ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް

  • މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

  • ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް

  • މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް - އަބްދުﷲ ރާފިއު

ކޮމެންޓް (2)

ސިކުނޑި

23 މޭ 2026
އެވީ!! ވިދާޅުބަސްފުޅުން ހުރިހާ ކަމެއްވެސް ކުރަނީ! ހަގީގަތުގައި ވުޒާރާތަކުގެ ޕާރފޯރމަންސްއަށް އެއްވެސް ބަދަލެއް ނާދޭ! އެހެންތާވާނީ، ވެރިމީހާ އެކަނި ބަދަލުވީ! މަސައްކަތްތަކަށް އެއްވެސް ބަދަލެއްނާދޭ! ސަރުކާރުގެ އިތުރު ސިޔާސަތެއް ނެތް! ބައްޕާފުޅުގެ ފޮތް އޮތީ ލޮލުބޭހަކަށްވެސް!! ރައީސް ރަނގަޅޭ ކިޔާލަ ކިޔާލާ އިންނައިރު މިއަދުވެސް ބޭނުންވާ ބޭހެއް ނުލިބޭ! ޑޮލަރުގެ އަގާއި ތަކެތީގެ އަގު އުޅެނީ އާސްމާނުގައި! ކަރަޕްޝަންއާންމުވެއްޖެ! ސިޔާސީ މަސްލަހަތު ހިމާޔަތް ކުރުމަށް އާންމުން އަނގަމަތީގައި މަލަން އަޅައިފި! ޖުމުލަކޮށް ސިއްހީ، އިޖްތިމާޢީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމަށް ބެލިޔަސް ކުރެވެނީ ފެއިލްވެފައިވާ ސަރުކާރެއްގެ އުރަތްޕެއް ނެތް ކަމުގެ އިހުސާސް!
1 0

މަޖިލިސް5555

22 މޭ 2026
ވީ އެންމެ ރަގަޅެއްވެސް ބުނެބަލަ. ދެތިން ޕީއެސްގެ ވަޒީފާ ގެއްލުން ފިޔަވައި އިތުރުކަމެއްނުވޭ. މުވައްޒަފުންތައް ވާންވީ ގޮތެއް ނޭނގި ކޮންމެ ދުވަހަކު ސޮއިކޮށްލާފަ އަންނަނީ.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް