ހއ. ބާރަށް: އެ ރަށުން ރުއްގަސްކަނޑައިގެން އެމްޓީސީސީ ވަނީ ޖޫރިމަނާކޮށްފައި (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އެމްޓީސީސީ

ބާރަށުން ރުއްގަސް ކަނޑައިގެން އެމްޓީސީސީ 550،000ރ.އިން ޖޫރިމަނާކޮށްފި

ގަވައިދާ ހިލާފަށް އެމްޓީސީސީން ރުއްގަސް ކެނޑީ އެ ތަނުން ހިންގި ސީއެސްއާރު މަސައްކަތެއްގެ ގޮތުގައި

ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ރުއްގަސް ކަނޑައިގެން އެމްޓީސީސީީ 550،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ން މިއަދު ބުނި ގޮތުގައި، އެމްޓީސީސީން އެކަން ކޮށްފައިވަނީ، ބާރަށު ކައުންސިލްގެ އެދުމުގެ މަތިން ހިންގި އެ ކުންފުނީގެ ސީއެސްއާރުގެ މަސައްކަތެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. 

މަގު ފުޅާކޮށް ސާފުކުރުމުގެ ގޮތުން އެ ކުންފުނިން ކަނޑާފައިވަނީ، ބާރަށު ކުޅި އާއި ފާ އަދި ޗަސްބިން ސަރަހައްދުގައި ހިމެނޭ ރުއްގަހެވެ.

ތަފްސީލް - އީއާރްއޭން ބުނި ގޮތުގައި، އެމްޓީސީސީން ވަނީ ދެ ގަވައިދަކާ ހިލާފުވެފަ އެވެ. އެހެންވެ، ޖޫރިމަނާކުރީ ވެސް އެ ދެ ގަވައިދުގެ ދަށުން ކަމަށް އެ ތަނުން ބުންޏެވެ.

ޖޫރިމަނާކޮށްފައިވަނީ:

  • ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން 500,000ރ. އިން

  • ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން 50،000ރ. އިން

އީއާރުއޭން ވަނީ އެމްޓީސީސީން ދައްކަން ޖެހޭ 550،000ރ.، 'ބަނޑޭރި ޕޯޓަލް' މެދުވެރިކޮށް އެއް މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެދިފަ އެވެެ.

އެ އޮތޯރިޓީން ބުނީ:

  • ބާރަށުގެ ވަށައިގެންވާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އެ ތަނުން ބާރަށު ކައުންސިލަށް އަންގާފައިވާނެ

  • އެކަމަކު އެމްޓީސީސީން ގަވައިދާ ހިލާފަށް އެ މަސައްކަތް ކުރިއިރު، އެކަން ރިޕޯޓުކޮށްފައި ނުވާ ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް 

  • އެހެންވެ، އެކަން ތަކުރާރު ނުކުރުމަށް އީއާރުއޭން ވަނީ ބާރަށު ކައުންސިލަށް އަންގާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް