މީކާއިލްގެ ކެމްޕެއިން ޓީމުން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ކެމްޕެއިން ޓީމް)

އެމްޑީޕީގެ ކައުންސިލަރުންނަށް ގައުމީ މަޖިލީހުގައި ބަސް އިއްވޭނެ ނިޒާމެއް ގާއިމް ކުރާނަން: މީކާއިލް

މީކާއިލް ވިދާޅުވި ގޮތުގައި، އެ އިސްލާހު ޕާޓީގެ އަސާސީ ގަވައިދަށް ގެނައުމަށް ކޮންގްރެސްއަށް ހުށަހަޅުއްވާނެ

އެމްޑީޕީގެ ޓިކެޓްގައި ކައުންސިލްތަކަށް ހޮވޭ މެންބަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުގައި ބަސް އިއްވޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީކާއިލް މިގޮތަށް ވިދާޅުވީ، އޭނާގެ 'އިތުބާރު' ކެމްޕެއިނުން ރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީގެ އެންމެ މުހިންމު އެއް ރައުސުލްމާލަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ލާމަރުކަޒީ ނިޒާމް ހިންގުމަށް އިންތިހާބުކޮށްފައިވާ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުން ކަމަށެވެ. ނަމަވެސް ޕާޓީއަށް 21 އަހަރުވާން ދާއިރު، ގައުމީ މަޖިލީހުގައި އެ ކައުންސިލަރުންގެ ދައުރެއް ނެތުމަކީ ހިތާމައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ އެ ކައުންސިލަރުންނަށް އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގައި ބަސް ކިޔޭނެ ނިޒާމެއް، އޮނިގަނޑެއް ނެތް. އަޅުގަނޑު މި އަންނަނީ އެ އޮނިގަނޑު ގެނެސް، ކޮންގްރެސްއިން އެ އިސްލާހާ އެކު ތިބޭފުޅުންނަށް ގައުމީ މަޖިލީހުގައި ބަސް ކިޔޭނެ ޖާގަ ހުޅުވާލަައިދޭން،" މީކާއިލް ވިދާޅުވި އެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި މީކާއިލް ވާހަކަ ދައްކަވަނީ (ފޮޓޯ/ މައިމޫން)

މީކާއިލްގެ ވައުދަކީ، އެމްޑީޕީގެ ހުރިހާ ކައުންސިލަރުންނަކީ ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނުން ކަމެއް އޭނާގެ ވާހަކައިން ސާފެއް ނޫނެވެ. ނަމަވެސް އޭނާ ތަކުރާރުކޮށް ވިދާޅުވީ، އެ "ކައުންސިލަރުންނަށް ގައުމީ މަޖިލީހުގައި ބަސް ކިޔޭނެ ނިޒާމެއް ގާއިމްކޮށްދޭނެ" ކަމަށެވެ.

ޗެއާޕާސަންގެ މަގާމަށް އަންނަ މީހެއްގެ މަސްއޫލިއްޔަތަކީ، މީކާއިލް ވިދާޅުވި ގޮތުގައި، ޕާޓީ ހިންގުމެވެ. އަދި އެއީ ރާއްޖޭގެ ރައީސްގެ މަގާމަށް އަންނަން ކޮށާ މަގަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗެއާޕާސަންގެ މަގާމަކީ ރައީސްކަމުގެ މަގާމަށް ކޮށާ މަގެއްގެ ގޮތުގައި އޮތް އޮތުން އަޅުގަނޑު ހުއްޓުވާނަން. ޗެއާޕާސަންގެ މަގާމަށް އަންނަ ކޮންމެ މީހަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބޫތުކާން ޖެހޭ މީހެއް ކަމަށް އަޅުގަނޑު ނުދެކެން،" ޗެއާޕާސަން ރޭހުގައި އޭނާއާ ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވަމުން އޭނާ ވިދާޅުވި އެވެ.

މީކާއިލްގެ ކެމްޕެއިން ޓީމުން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މައިމޫން)

ރޭގެ ޖަލްސާގައި މީކާއިލް ވެވެޑައިގެންނެވި އެހެން ބައެއް ވައުދުތައް:

  • އިންތިހާބެއް އޮތަސް ނެތަސް، މާލޭގައި ހުންނަ ޕާޓީގެ މައި އޮފީހާއި ރަށްރަށުގައި ތިބި އާންމު މެންބަރުންނާ އޮންނަން ޖެހޭ ގުޅުން ކެނޑިޔަނުދީ ހިފަހައްޓާނަން

  • ޕާޓީ މާލެއަށް ބަރޯސާވެފައި އޮތް އޮތުން ހުއްޓުވައި އަތޮޅުތެރޭގައި ޕާޓީ ހަރަކާތްތެރިކޮށްދޭނަން

  • އެމްޑީޕީއަށް ލިބޭ ފައިސާގެ ވަކި މިންވަރެއް ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހަށް ހާއްސަކޮށްދޭނަން

  • ޕާޓީގެ މުދަލާއި މާލީ ތަފާސްހިސާބުތައް އަދި އާކައިވްތަކުގެ ރިކޯޑް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރާނަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް