ރައީސް މުހައްމަދު މުއިއްޒު،(ކ)، ހޯމް މިނިސްޓަރު އިހުސާން(ވ) (ފޮޓޯ/ ރައީސް އޮފީސް)

ފުލުހުން

އިދިކޮޅުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ބުނި މައްސަލަ ފައިލްކޮށްފި

މި ސަރުކާރުން ތުހުމަތުކޮށްފައިވަނީ ބީއެމްއެލްގެ ތެރެއިނއިދިކޮޅުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް؛ އެ މައްސަލަ ފައިލްކޮށް ބުނެފައިވަނީ ޖިނާއީ ތަހުގީގެއް ކުރަންޖެހޭފަދަ ކަމެއް އޭގައި ނެތް ކަމަށް

ގައުމީ ބޭންކް، ބީއެމްއެލްގެ ތެރެއިން، އިދިކޮޅުގެ އެމްޑީޕީއާ ގުޅިގެން މާލީ ބަގާވާތެއް ގެންނަން އުޅުނުކަމަށް ތުހުމަތުކޮށް ފުލުހުން ބަލަން ފެށި މައްސަލަ ފައިލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް 25 އޮގަސްޓު 2024ގައި ނިންމި އެވެ. އެ ދުވަހު ހެނދުނު ނިންމި ނިންމުން ހަމަ އެ ދުވަހުގެ ހަވީރު ބޭންކުން ބަދަލުކުރީ މަރުކަޒީ ބޭންކް އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށެވެ.

ބީއެމްއެލްގެ އެ ފިޔަވަޅަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުން އޭރު ބަލަން ފެށި އެވެ. އެގޮތަށް ތުހުމަތުކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވެސް އޭރު ވިދާޅުވީ އެކަންކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ތަފްސީލް - އެ މައްސަލަ މިހާރު އޮތް ހިސާބެއް ހޯދަން އާންމުންގެ މީހަކު މިދިޔަ މަހު، ފުލުހުންނަށް ހުށަހެޅި އާރްޓީއައިއަކަށް ދިން ޖަވާބުގައި ވާގޮތުން، އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފަ އެވެ.

"މި ހިދުމަތުގެ ރިކޯޑުތަކުން ދައްކާ ގޮތުން، 2024 ވަނަ އަހަރު ބީއެމްއެލްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމާ އެކު އެކަމަކީ ކޯލޯސްކޮށް ނިންމާފައި އޮތް ކަމެކެވެ،" އާރްޓީއައިއަށް ދިން ޖަވާބުގައިވެ އެވެ.

މި ޖަވާބު ފުލުހުން ފޮނުވާފައިވަނީ މި މަހުގެ 8ގަ އެވެ. އެ މައްސަލަ ފައިލުކުރީ ކޮން އިރަކުތޯ ފުލުހުންނާއި 'ދައުރު'ން ސުވާލުކުރުމުން ވަކި ޖަވާބެއްދީފައެއް ނުވެ އެވެ.

ކޮމެންޓް (4)

ސިކުނޑި

21 މޭ 2026
އަނެއްކާވެސް އަނެއް ބުހުތާނު ދޮގު ފަޅާއަރައި އަމިއްލައަށް ބޭޒާރުވީ! ސިޔާސީ ނޭނގި ސިޔާސީވާން އުޅޭތީ ދެރައީ!! ދިވެހި ދައުލަތް އިތުރަށް ޚަރާބުނުކޮށް އަވަހަށް އިސްތިއުފާ ދެއްވުން ވަރަށްބޮޑަށް އެދެން! ﷲ އަށް ބިރުވެތިވާ މީހަކު މިވަރަށް ދޮގުހަދައި ގައުމެއް ފަސާދައެއް ނުކުރާނެ! ގައިމު ހިސާބު ބެއްލެވޭނެ ދުވަހެއް އަންނާނެކަން މިވެރިންނަށް އިނގޭނެ!
0 0

ކުރިކީލަ

21 މޭ 2026
މިފަދަ ކަންކަމުން އެނގިހާމަވަނީ ރައީސް މުއިއްޒަކީ ވެރިކަމަށް އެއްގޮތަކަށްވެސް ކުފޫހަމަވާ ފަރާތެއްނޫންކަން.
0 0

ތެފައާސާ.

20 މޭ 2026
އަސްލު ގައުމުގެ އެންމެ ބޮޑު އަދި ގައުމީ ބޭންކާއިމެދު މިފަދަ ސީރިއަސްކަން ބޮޑު ދޮގު ތުހުމަތެއް ކޮށް، އެ ބޭންކުގެ އޭރުގެ ސީއީއޯ މަގާމުން އިސްތިއުފާދޭން މަޖުބޫރުކޮށް، ބޭންކުގެ ކަސްޓަމަރުންގެ ހިތުގައި ބޭންކާއިމެދު އޮތް އިތުބާރަށް ބުރޫއަރުވާލާ، މިވަރުގެ ވާހަކައެއް ގައުމުގެ އެންމެ އިސް ވެރިޔާ ޕަބްލިކްގައި ދައްކައި، އަދި އެ ވާހަކައަށް ބިނާކޮށް ފުލުހުންގެ ޖިނާއީ ތަހުގީގެއް ހިންގާކަމަށް ބުނެ 2 އަހަރާއި ގާތްވަންދެން ކުރިކަމެއް ކޮށްފައި ނޭގޭކަމަށް ހަދައިގެން މައްސަލަ ފައިލްކޮށްފީމޭ ބުނުމަކުން ނުފުދޭނެ. މި ބޮޑު ސީރިއަސް ތުހުމަތު ކުރި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭނެ. މި ހުންނަނީއަކީ ކުޅޭކުޅޭ ސަމާސާ ކަންކަމެއް ނޫން.
7 0

އިބިރަހިމާ

21 މޭ 2026
@ތެފައާސާ. މަވެސް މި ބުނަނީ ތިޔަ ވާހަކަ. މި މީހުން ހަމަ ބޭނުންވީމަ ކޮންމެ ވާހަކައެއް ވެސް ދައްކަންވީ. ފަހުން ދެން އެއީ ނުވާކަމެއް، ނުހިނގާ ކަމެއް ނުވަތަ ނުދައްކާ ވާހަކައެއް ކަމަށް ހަދާލަންވީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް