އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމްގެ އަތްޕުޅުން ހަދީޖާ އަބްދުއްރަހްމާން ޑިގްރީގެ ސެޓްފިކެޓް ހޯދަނީ

ތައުލީމު

އުމުރުން 79 އަހަރު: ޑިގްރީއެއް ހާސިލްކޮށް މި ދައްކައިދިނީ ކިޔެވުމުގައި އުމުރެއް ނެތްކަން

މިހާރު މުނިމާމަ ވެސް ކިޔާފައިވާ ހަދީޖާ ވަނީ މެދުކެނޑުމެއް ނެތި ފަސް އަހަރު ވާންދެން އަރަބި ބަސް ކިޔަވައި ޑިގްރީ ހާސިލްކޮށްފައި

ކިތަންމެ ދުވަހެއް ނެގިޔަސް، ހަދީޖާ މިއަދު އެކަންކޮށްފި އެވެ. އެންމެ ދަށް ލެވެލްއިން ފަށައިގެން ފަސް އަހަރު މެދުކެނޑުމެއް ނެތި ކިޔަވައިގެން އުމުރުން 79 އަހަރުގައި އޭނާ ވަނީ އަރަބި ބަހުން ޑިގްރީ ހާސިލްކޮށްފަ އެވެ.

އިސްލާމިކް ޔުނިވަސިޓީން އަރަބި ބަހުން ޑިގްރީ ނަގައިގެން، މިދިޔަ ހަފުތާގެ ތެރޭގައި ހަދީޖާ ދަސްވެނިވިއިރު އޭނާއަކީ އަށް ކުދިންގެ މަންމައެއް، 19 ކުދިންގެ މާމައެއްގެ އިތުރުން، ހަތް ކުދިންގެ މުނިމާމަ އެކެވެ. އެކަމަކު އޭނާ ސާބިތުކޮށްދިނީ، ކިޔެވުމަށް އުމުރެއް ނެތް ކަމެވެ. އަދި ކިތަންމެ ދުވަހެއް ނެގިޔަސް، އުއްމީދުތަކުގައި ކުލަ ޖެއްސިދާނެ ކަމެވެ.

"ވަރަށް އުނދަގޫ، ވަރަށް ދިގު ދަތުރެއް މިއީ. އެކަމަކު ﷲގެ ރަހުމަތްފުޅުން އަޅުގަނޑަށް މިކަން ކާމިޔާބުވެއްޖެ،" ހަދީޖާ ބުންޏެވެ.

މީގެ 27 އަހަރު ކުރިން، 'ފަށާފިޔަވަހި' ނަމުގައި އަރަބި ބަސް ދަސްކޮށްދިނުމަށް، ކުއްލިއްޔާއިން ހިންގި ކޯހާއެކު ހަދީޖާ ވަނީ ގާރީ ކޯހެއް ވެސް ފުރިހަމަކޮށްފަ އެވެ.

އެކަމަކު ދެން އެހާ ހަމައިން އޭނާގެ ކިޔެވުމުގެ ދަތުރު އޮތީ މެދުކެނޑިފަ އެވެ. ނަމަވެސް އުނގެނުމަށް އޮތް ލޯބި ފަނޑެއް ނުވި އެވެ. އެހެންވެ، އިސްލާމިކް ޔުނިވަސިޓީއިން ޖާގަ ލިބުމާއެކު މީގެ މަދު އަހަރުތަކެއްގެ ކުރިން އޭނާ އަނެއްކާ ވެސް ގާރީ ކޯހުގެ އިތުރު ލެވެލްތައް ފުރިހަމަ ކުރި އެވެ. އެއަށް ފަހު ދެން އަމާޒު ހިފީ، އަރަބި ބަސް ކިޔެވުމަށް ފެށި ދަތުރު ނިންމާލުމަށެވެ.

ހަދީޖާ އޭނާގެ ކްލާހުގެ ދަރިވަރުންނާއެކު ދަސްވެނިވުމުގެ ހަފުލާގައި

އަރަބި ބަހުގެ ފިލާވަޅެއް ހަދީޖާ އަބްދުއްރަހްމާން އެންމެ ފުރަތަމަ އުނގެނުނީ މީގެ 27 އަހަރު ކުރިން، ކުރީގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އޭރު ކިޔެވުނީ، ކުޑަކުޑަކޮށް ގުރުއާނުގެ އާޔަތްތައް ފަހުމްވާ ވަރަށެވެ. އެހެންވެ، އެ އިލްމު ފުރިހަމަ ކުރުމަށް ޔުނިވަސިޓީއަށް އެނބުރި ދިޔުމަކީ އޭނާގެ އަބަދުވެސް އުއްމީދެވެ.

އެގޮތުން ފުރަތަމަ ދެ ލެވެލްގައި އަހަރެއް ހޭދަކުރުމަށް ފަހު، އެޑްވާންސް ޑިޕްލޮމާ ވެސް އެއް އަހަރުން ނިންމާލި އެވެ. އެކަމަކު އެ ދުވަސްތައް އޭނާއަށް ހީކުރިވި ވަރަށްވުރެ އުނދަގޫވީ، ލޯބިވާ ފިރިމީހާ ބަލިއެނދުގައި އޮށޯންނަން ޖެހުމެވެ. ފިރިމީހާ ބަލިވެ އުޅޭތީ، ކިޔަވަން ދިޔުންވީ ވަރަށް ހިތްދަތިވި ކަމަކަށެވެ.

"އެކަމަކު އޭނާ ބުނާނެ ކިޔެވުން މެދުކަނޑާނުލާށޭ. ކިޔަވާށޭ. އޭނާގެ ހިތްވަރުން މިހާ ހަމައަށް މިއާދެވުނީ،" ހަދީޖާ ބުންޏެވެ.

ފިރިމީހާއަށް ފަރުވާ ކުރަން އިންޑިއާއަށް ދާން ޖެހުމުން ހަދީޖާ އެއް ސެމިސްޓާ ފަސްކޮށްލިވެސް މެ އެވެ. އެކަމަކު ގަދަނުވެ، އިންޑިއާގައި އޭނާ ދުނިޔެ ދޫކުރީ އެވެ.

ފިރިމީހާ ނެތްކަމުގެ ފަޅުކަމާ އެކު، ހަދީޖާއަށް ކިޔެވުން ކުރިއަށް ގެންދެވުނީ ދަރިންނާއި ގާތުގައި ތިބި މީހުންގެ ހިތްވަރާއެކު އެވެ. ޑިގްރީގެ ތިން އަހަރާ އޭނާ ކުރިމަތިލީ އެހާލުގަ އެވެ.

ހަދީޖާ ބުނީ އުމުރުން ދޮށިވި ނަމަވެސް، ދަސްކުރުމުގައި އޭނާއަށް އުނދަގޫ ނުވާ ކަމަށެވެ. ކިޔެވުމުގައި އެކުވެރި ކްލާސްކުދިންނާއި ޔުނިވަސިޓީގެ މެނޭޖްމެންޓުގެ ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމެއް ލިބުނު ކަމަށް ބުންޏެވެ.

އެހެންވެ، ކޯހުން ވަރަށް ރަނގަޅަށް އޭނާ ފާސްވި އެވެ.

ހަދީޖާ ބުނި ގޮތުގައި، އަރަބި ބަހުގެ ޑިގްރީ ކޯސް އޭނާ ފެށީ ގުރުއާން ހިތުދަސްކުރުމުގެ ކޯހަކާއެކު އެވެ. އެކަމަކު ކޯހުގެ ވަގުތުތައް މުޑިއަރާތީ ދެ ކޯސް އެއްކޮށް ކުރިއަށް ގެންދަން އުނދަގޫވުމުން، ހިފްޒު ކޯސް އޭނާ ދޫކޮށްލީ އެވެ. އޭރު ގުރުއާނުގެ ފަސް ފޮތް އޭނާ ވަނީ ހިތުދަސްކޮށްފަ އެވެ.

މިހާރު އޭނާ އަމާޒު ހިފާފައި ހުރީ ހިފްޒު ކޯސް ކުރިއަށް ގެންދިޔުމަށެވެ. އުމުރުގައި ތަން އޮތްހާ ހިނދަކު، ކިޔެވުން ހުއްޓާލާކަށް އޭނާގެ ގަސްތެއް ނެތެވެ.

ކޮމެންޓް (1)

މަރްޔަމް ސަޢީދާ

20 މޭ 2026
،مرحبا خديجة! އައްސަރިބަހާއި ސާބަސް! ތިޔަފަދަ ހިތްވަރެއް ދައްކުވައި ދިނީތީ، ކިޔަވާހިތްވާ މީހެއްގެ ހައިސިއްޔަތުން ވަރަށް އުފާކޮށް ތަހުނިޔާ ކިޔަން. ރަނގަޅު ވާހަކައެއް، ކިޔަވާކަށް ވަކި އުމުރެއް ނެތް.
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް