ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާއިރު ހިޔާ ފްލެޓްތައް ފަހަތުގައި (ފޮޓޯ/އަބްދުﷲ އިޔާން)

މާލޭ މީހުންނަށް ގޯތި ދިނުމުން 16 ބިލިއަން ރުފިޔާގެ ގެއްލުމެއް

ހުޅުމާލެ ފޭސް 2 އަދި 3 އިން 4،120 ފަރާތަކަށް 1،408 ގޯތި ވަނީ ދޫކޮށްފައި؛ މީހެއްގެ ބޮލަކަށް 3.9 މިލިއަން ރުފިޔާ ހަރަދުވެފައިވޭ އަދި އެވްރެޖްކޮށް 690 އަކަފޫޓުގެ ބިން މީހަކަށް ލިބުނު

މިދިޔަ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ސަބަބުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލިބެން އޮތް އާމްދަނީން 16 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އެ ސްކީމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ހާއްސަ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ. 

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ 'ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ސަބަބުން އެޗްޑީސީއަށް ލިބިފައިވާ މާލީ ގެއްލުމުގެ ހާއްސަ އޮޑިޓް ރިޕޯޓް'ގައިވާ ގޮތުން، އެ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އަދި 3 އިން 4،120 ފަރާތަކަށް 1،408 ގޯތި ވަނީ ދޫކޮށްފަ އެވެ. އެގޮތުން:

  • ޖުމްލަ ބިމުގެ ބޮޑު މިނަށް ބަލާނަ އެއީ 2.8 މިލިއަން އަކަފޫޓުގެ ބިން 

  • އެ ބިންތައް ގޯތި ދިނުމަށް އެޗްޑީސީން ދޫކޮށްލުމުން އެ ކުންފުންޏަށް މުސްތަގުބަކުގައި ލިބެން ހުރި އާމްދަނީން 14.85 ބިލިއަން ރުފިޔާ އާއި 15.93 ބިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލިފައިވާ ކަމަށް އަންދާޒާ ކުރެވޭ 

  • އަސާސީ އެކި ހިދުމަތްތައް ފޯރުކޮށްދޭން އެޗްޑީސީން ކަނޑައަޅާފައި ހުރި 563،642 އަކަފޫޓުގެ ބިން ގޯތި ދިނުމަށް ސަރުކާރާ ހަވާލުކުރަން ޖެހުމުން އެ ހިދުމަތްތައް ފޯރުކޮށްދޭން ދަތިތައް ކުރިމަތިވެފައިވޭ 

"މި މާލީ ގެއްލުމުގެ ސަބަބުން، ކުންފުނީގެ އާމްދަނީން ހިންގުމުގެ ހަރަދުތައް ދެކޮޅުނުޖެހުމާއި، ކުންފުނިން ދައްކަން ޖެހޭ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާން ޖެހުމުގެ މާލީ ހިރާސް (ފައިނޭންޝަލް ރިސްކް) އޮތް ކަމަށް ފާހަގަކުރެވޭ،" އޮޑިޓް ރިޕޯޓްގައިވެ އެވެ. 

މީގެ އިތުރަށް ވެސް އޮޑިޓްގައި ފާހަގަކުރި ގޮތުގައި ގޯތި ދިނުމުގެ ސަބަބުން ރޭވިގެން ނުވަތަ ޕްލޭންވެގެން ހިންގާ ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. 

މާލެ ސަރަހައްދުން މާލޭ މީހުންނަށް ހިލޭ 5،000 ގޯތި ދޫކުރާ ތަންތަން

ތަފްސީލް - އޮޑިޓް ރިޕޯޓްގައި ހުރި ހިސާބުތަކަށް ބަލާއިރު، ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް މީހެއްގެ ބޮލަކަށް 3.9 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، އެވްރެޖްކޮށް މީހަކަށް 690 އަކަފޫޓުގެ ބިން ވަނީ ހުޅުމާލޭގެ 2 އަދި 3 ވަނަ ފޭސް އިން ލިބިފަ އެވެ. ސަރުކާރުން ދެން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ އަޅާބަލާއިރު:

  • ހިޔާ ފްލެޓް މަޝްރޫއާ އަޅާބަލާއިރު މިއީ %70 ބޮޑު އަދަދެއް؛ އެ މަޝްރޫއުން މީހަކަށް ލިބުނީ 56 އަކަފޫޓުގެ ބޮޑު މިނުގެ ފްލެޓެއް

  • ގެދޮރުވެރިޔާ މަޝްރޫއާ އަޅާބަލާއިރު ބިން ވެރިޔާ ސްކީމްގެ އަގު %63 ބޮޑު؛ އެ މަޝްރޫއުން އެވްރެޖްކޮށް މީހަކަށް ލިބުނު ފްލެޓްގެ ބޮޑު މިނަކީ 165 އަކަފޫޓުގެ ބޮޑު މިނުގެ ފްލެޓެއް 

އޮޑިޓުގައި ފާހަގަކުރި ގޮތުގައި، ހިޔާ ފްލެޓްތަކާއި ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު މީހުން ކުލި ދައްކަން ޖެހޭއިރު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން އެއްވެސް އަގެއް އެ ބިންތަކަށް ދައްކާކަށް ނުޖެހެ އެވެ. 

'ބިންވެެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުމުގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އޮޑިޓްގައި ބުނެފައި ވަނީ އެޗްޑީސީއަށް ލިބޭ ގެއްލުން ފޫބައްދަން 5.4 ބިލިއަން ރުފިޔާއާ އެއްވަރުގެ ބަދަލެއް ދޭން އެޗްޑީސީ އާއި ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ ޖެނުއަރީގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެގޮތުން އެޗްޑީސީއަށް ދިން ބަދަލަކީ:

  • ކ. ފުށިދިއްގަރުފަޅު (ރަސްމާލެ) - މިތަނުގެ އަގުގެ ގޮތުގައި ހަދާފައި ވަނީ 3.8 ބިލިއަން ރުފިޔާ

  • އެޗްޑީސީން މީރާއަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން އުނިކުރެވޭ - 734.7 މިލިއަން ރުފިޔާ 

  • އެޗްޑީސީން ފިނޭންސް މިނިސްޓްރީއަށް ދައްކަން ޖެހޭ ލޯންތަކުން އުނިކުރާ - 792.2 މިލިއަން ރުފިޔާ

  • އެޗްޑީސީން ފިނޭންސް މިނިސްޓްރީއަށް ދައްކަން ޖެހޭ ލޯނުތަކުގެ އިންޓަރެސްޓާއި ޖޫރިމަނާއިން އުނިކުރެވޭ - 100.7 މިލިއަން ރުފިޔާ 

މިބަދަލާ ގުޅޭ ގޮތުން އޮޑިޓްގައި ފާޅުކުރި ކަންބޮޑުވުމަކީ ސަރުކާރުން އެޗްޑީސީއަށް ދޭ 5.4 ބިލިއަން ރުފިޔާގެ ބަދަލަކީ އެޗްޑީސީއަަށް، ސީދާ އާމްދަނީގެ ގޮތުގައި ލިބޭ ބަދަލެއް ނޫން ކަމެވެ. އަދި ބަދަލުގެ ގޮތުގައި ދީފައިވާ ރަސްމާލެއަކީ ބިން ހިއްކައިގެން ވަގުތުން އެތަނުން އާމްދަނީއެއް ލިބުމަށް އެތައް ޒަމާނެއް ނަގާނޭ ތަނަކަށްވުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކުރި އެވެ. އަދި ބަދަލުގެ ގޮތުގައި ދޭ ރަސްމާލެއަކީ  ހުޅުމާލެއާ އެއްވަރުގެ އަގެއް ލިބޭ ބިމަކަށް ނުވާނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. 

ހުޅުމާލެ: ގޯތި ދިނުމުން ހުޅުމާލެ ރޭވުންތެރި ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ވަނީ ހުރަސްއެޅިފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޮޑިޓަށް ފާހަގަވި އަނެއް ކަމަކީ ގޯތި ދިނުމުގެ ސްކީމް ފެށުމުގެ ކުރިން އެކަމުގެ ސަބަބުން އެޗްޑީސީއަށް ލިބޭނޭ ގެއްލުމާ ގުޅޭ ރަނގަޅު ދިރާސާއެއް އަދި ސާވޭއެއް ހަދައި ބަދަލުގެ ގޮތުގައި ދޭން ޖެހޭ ހަގީގީ އަދަދުތައް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމެވެ. 

އެ އޮޑިޓްގައި އެ ސްކީމާ ގުޅޭ ގޮތުން ހަތަރު ލަފައެއް ވަނީ ދީފަ އެވެ. އެއީ: 

  • އެ ބިންތަކަށް ސަރުކާރުން އެޗްޑީސީއަށް ދޭން ޖެހޭ އަގު މުރާޖައާކުރުން

  • ހުޅުމާލެ ތަރައްގީއަށް އެޗްޑީސީން އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުން

  • ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާއިރު ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތަށާއި އިޖުތިމާއީ ކަންކަމަށް ކޮށްފާނޭ އަސަރު ދެނެގަނެ އެކަންކަމަށް ރިއާޔަތްކުރުން

މީގެ އިތުރަށް ގޯތިދިނުމަށް އެޗްޑީސީން ސަރުކާރަށް ދީފައިވާ 2،886 އަކަފޫޓުގެ ބިން އަދިވެސް ހައުސިން މިނިސްޓްރީގެ ނަމަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެކަން ކުރުމަށް ވެސް އޮޑިޓްގައި ވަނީ އެދިފަ އެވެ. 

ކޮމެންޓް (5)

ޙަސަން

20 މޭ 2026
ކޮބާހޭ ފްލެޓް ކުލި ސަރުކާރުން ދެއްކުމުން ދައުލަތަށް ލިބުނު ގެއްލުން،
0 1

ކޮމެންޓު މޭން

20 މޭ 2026
ކުޑަސިޓީގެ ޒަމާން ނެތިގޮސް މާލެ ރާއްޖެތެރޭ މީހުންގެ ތަފާތުކުރުން އެއްކޮށްހެން ނެތިދިޔަ ފަހުން އަދި އެވާހަކަ އެއްވެސް ބަޔަކު ނުދައްކާ އޮއްވާ އެމް.ޑީ.ޕީން އަލުން މިކަން އިއާދަކޮށްފި. ދެން ދުވަހަކުވެސް މިބޭއިންސާފުން އަރައެއް ނުގަނެވޭނެ. ކުރިޔަށް އޮތް އަހަރަށް މާލެއާ ރާއްޖެތެރޭ ބަހުސް ދާއިމަށް ދާނެގޮތް އެއޮތީ ހަދާފައި. 9001 އާއިލާއަށް މަރުޙަބާ.
4 0

ވަފާދާރު އޯޑިޓް

20 މޭ 2026
މާލެ ސަރަހައްދުން ގޯތި ދިނުމުން ސަރުކާރަށް ގެއްލުންވެފައި؛ ރާއްޖޭގެ އެހެން ރަށްރށުން ގޯތި ދިނުމާ ސަރުކާރަށް ފައިދާ ވަނީ ކިހިނެއްކަން އޮޑިޓުން ތަފްސީލު ކޮށް ދެއްވި ނަމަ ކިހާ ރަގަނޅު ާނެތޯ.
3 2

ސިކުނޑި

20 މޭ 2026
ކުރީ ސަރުކާރުން ދޭން ނިންމީ! މިސަރުކާރުން ދިނީ! ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ކާމިޔާބު ލިބުނީމާ ގެއްލުމެއްނުވޭ! ތައީދު 30 އިންސައްތައަށް ވެއްޓުނީމާ ހުރިހާ އެއްޗެއްވެސް ފެންނަނީ! އަދިވެސް އެކަމަކު ކަރަޕްޝަން ނުފެނޭ!
3 0

ތެފައާސާ.

20 މޭ 2026
އަނެއްހެން ބުނަންޏާ މުޅި ރާއްޖޭގެ އެންމެންގެ އަތުން ނަގާ ޓެކްސް ފައިސާއިން ހަމައެކަނި މާލޭ މީހުންނަށް 16 ބިލިއަން ރުފިޔާ ހިލޭ ބަހާލުން ކަހަލަ ކަމެއް. އިކުއިޓަބަލް ވެލްތް ޑިސްޓްރިބިއުޝަންގެ ފަލްސަފާއާއި މުޅިން އިދިކޮޅަށް ދޯ؟
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް