ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި (ކ) އަބްދުﷲ ޔާމީނާއި (މ) އިބްރާހީމް މުހައްމަދު ސޯލިހު (ވ) ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެކުވެރި ގައުމުތައް ހިމެނޭ ގޮތަށް ބޭރުގެ މިޝަންތަކަށް 3 ރައީސުންގެ ސިޓީއެއް ފޮނުވައިފި

ބަންދުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލުމަށް އެ މިޝަންތަކުގެ ފަރާތުން ގޮވާލުމަށް ސިޓީގައި ވަނީ އެދިފައި

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައްސަލަތަކެއް ފާހަގަކުރައްވައި، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޭރުގެ މިޝަންތަކަށް ސިޓީއެއް ފޮނުވައިފަ އެވެ.

ވީ ކިހިނެއް؟ - ކުރީގެ ތިން ރައީސުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރައްވައި، އެކުގައި މަސައްކަތް ކުރެއްވުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ.

ތަފްސީލް - އެ ބޭފުޅުން ބޭރުގެ މިޝަންތަކަށް ފޮނުއްވި ސިޓީގައި އެންމެ ފުރަތަމަ ފާހަގަކުރައްވާފައިވަނީ 10 މެއިގައި ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރުގެ މައްސަލަ އެވެ. ނަޝީދާއި ސޯލިހު އަދި ޔާމީން ފާހަގަކުރެއްވި ގޮތުގައި:

  • އެއީ ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް ނޫހަކުން ނެރުނު ޑޮކިއުމަންޓަރީއެއް ދައުރުކުރުމާއި އެކަމާ ގުޅޭ ގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވާހަކަ ދެއްކުން މަނާކޮށް ނެރުނު އަމުރެއް؛ މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހުގައި ހިޔާލުފާޅުކުރުން ކޯޓަކުން މިވަރަށް މަނާކުރި ފުރަތަމަ ފަަހަރު

  • ދެ ދުވަސް ފަހުން، ސިއްރުން ބޭއްވި އަޑުއެހުންތަކެއްގައި ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ވަގުތު ނުދީ، ޑޮކިއުމެންޓްރީ ގެނެސްދިން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލި؛ މިއީ ފެހި ގާނޫނުއަސާސީއަށް ފަހު، ނޫސްވެރިކަން ކޮށްގެން ނޫސްވެރިންތަކެއް ޖަލުގައި ބަންދުކުރި ފުރަތަމަ ފަހަރު

  •  އެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށް، ޖަލުގައި ވަނީ ބަންދުކޮށްފައި

އެ ސިޓީގައި ދެން ރައީސުން ވިދާޅުވެފައިވަނީ މިިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން ހުރަސްއެޅުމަށް މިއީ ކުރި ހަމައެކަނި ކަންތައް ނޫން ކަމަށާއި އެހާ ހަމައަށް ކަންކަން ދިޔައީ، އޭގެ ކުރިން، އިންތިޒާމުވެގެން ނިޒާމީ ގޮތުން ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

އެގޮތުން، ސިޓީގައި ބުނެފައިވާ ގޮތުގައި:

  • ގާނޫނުއަސާސީއަށް ގެނައި ބަދަލަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ސަރުކާރު ހިންގާ ޕާޓީގެ ކޮންޓްރޯލް ދަށުގައި އޮތް މަޖިލިސް މެދުވެރިކޮށްގެން، މިިނިވަން މުއައްސަސާތައް ބަލިކަށިކޮށްލި

  • ސަރުކާރު ހިންގާ ޕާޓީގެ ބާރު އޮތް އޮތް މަޖިލީހުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް، ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ނަމުގައި، ކޮންޓްރޯލްކުރުމާއި މީޑިއާތައް ބަންދުކުރުމުގެ ބާރު ގާނޫނަކުން ވަނީ ދީފައި

  • މި ހުރިހާ ކަމެއް ކުރަން ދަނިކޮށް، މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެހެން ބަދަލަކަށް ނެގި ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުންގެ %69 މީހުން ވަނީ އެ ބަދަލާ ދެކޮޅު ހަދާފައި

"ރައްޔިތުންގެ ތާއީދު ގެއްލެމުންދާތީ، ވިސްނަންޖެހޭ ވަގުތެއްގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި، ސަރުކާރުން ގެންދަނީ މުއައްސަސާތަކާއި ސަރުކާރު ޒިންމާދާރުކުރަން ތިބި ނޫސްވެރިންނަށް ހަމަލާ ދިނުން އިތުރުކުރަމުން،" ތިން ރައީސުން ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.

މި ކަންކަން ހިނގަމުން މި ދަނީ ރާއްޖޭގެ އިގުތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކަމަށް އެ ސިޓީގައިވެ އެވެ. ރިޒާވު މަދުވެ، ދެމެހެއްޓެނިވި ގޮތެއްގައި އަދާނުކުރެވޭ ހާލަތަށް ގައުމުގެ ކަންކަން ބޮއްސުންލީ، ނާގާބިލް ސަރުކާރެއްގެ އަތްމަތީގައި އޮވެގެން، ޑިމޮކްރެސީ ބަލިކަށިކޮށްލަން އުޅުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ބުންޏެވެ.

އެ ސިޓީ ނިންމާލަމުން ބުނެފައިވަނީ ތިން ރައީސުން ސިޔާސީ ގޮތުން އެހާ ބޮޑަށް ހިޔާލުތަފާތު ނަމަވެސް ދިވެހިން ބިނާކުރި ޑިމޮކްރެސީގެ ދިފާއުގައި އެކުގައި ނުކުންނަވައި މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމެވެ.

އަދި ރާއްޖޭގެ ޑިމޮކްރެސީގެ މުސްތަގުބަލަށް އިންވެސްޓްކުރާ ބައިވެރިންގެ ހައިސިއްޔަތުން، ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރަށް އެ މިޝަންތަކުން ގޮވާލުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް