އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

އެމްޑީޕީ

ކުރީގެ ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފި

މި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްތަކެއް ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން، އަދި އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިދިކޮޅު ހަރަކާތެއް ފައްޓަވާފައި

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ އިދިކޮޅު ހަރަކާތަށް އެއްބާރުލުން ދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ތަފްސީލް - އެ ތިން ލީޑަރުންގެ ހަރަކާތުގައި އެމްޑީޕީން ބައިވެރިވެ އެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ވަނީ ތާއީދުކުރައްވައިފަ އެވެ.

އެމްޑީޕީގެ ދެ ސަރުކާރުގައި ވެރިކަންކުރެއްވި ދެ ރައީސުން ހިމެނިވަޑައިގަންނަވާ ހަރަކާތަށް އެ ޕާޓީން އެއްބާރުލުން ދިނުމުގެ ގަރާރު ފާސްކުރީ ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވަނީ:

  • ގާނޫނުއަސާސީން ދިވެހިންނަށް ކަށަވަރުކޮށްދީފައިވާ އަަސާސީ ހައްގުތަކަށް މި ސަރުކާރުން ފާޅުގައި އަރައިގަންނަމުންދާކަން

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، މަޖިލީހުގެ ބާރު ކަނޑުވާލުމަށް ފަހު ފަނޑިޔާރުގެ އާއި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ވަނީ ގެއްލުވާލާފައި

  • ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮތް ފާރަވެރިވުމުގެ ނިޒާމާއި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލައި ސަރުކާރުން ކުރަމުން ދަނީ ހުދުމުހުތާރު ވެރިކަމެއް

  • އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އިންތިއާއަށް އުފުލި، ސަރުކާރުން ކުރަމުންދާ އިސްރާފުތަކުގެ އިތުރުން އަސާސީ ތަކެތި ލިބުމުގައި ވެސް އާންމުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައިވޭ

  • ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްއިދާރާއެއް ރެއިޑްކޮށް، ދެ ނޫސްވެރިއަކު ޖަލަށް ލުމުގެ އިތުރުން ސުލްހަވެރި އިހުތިޖާޖުތަކުގައި ބައިވެރިވި މީހުން ޖަލަށް ލަމުންދާތީ، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ވަނީ ގެއްލިފައި

ފާހަގަކޮށްލެވޭ ކަމެއް - ގައުމީ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވި ފައްޔާޒު އަދި ގަރާރަށް ތާއީދުކުރެއްވި ސަލީމް، ތިން ރައީސުންގެ ހަރަކާތް ހިންގުމަށް އެކުލަވާލި މަންދޫބުންގެ ކޮމިޓީގައި ތިއްބަވަ އެވެ. އެގޮތުން:

  • ނަޝީދުގެ މަންދޫބުންނަކީ ފައްޔާޒާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ

  • ޔާމީންގެ މަންދޫބުންނަކީ ޕީއެންއެފްގެ ނައިބު ރައީސް މުހައްމަދު މަލީހް ޖަމާލާއި އިސްމާއިލް ޒަރިޔަންދު

  • ސޯލިހުގެ މަންދޫބުންނަކީ ސަލީމް އާއި އަލިފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އެނގުން މުހިއްމު - ކުރީގެ ތިން ރައީސުންގެ އިދިކޮޅު ހަރަކާތުގައި މި ވަގުތަށް އެއްބަސްވެފައިވަނީ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަނބުރާ އިއާދަކުރުމަށް މަސައްކަތްކުރެއްވުމަށެވެ.

ތިން ބޭފުޅުންގެ ފުރަތަމަ ބައްދަލުވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުން ވެސް ވިދާޅުވެފައިވަނީ އެ ބޭފުޅުންގެ ވެރިކަންތައް ވެސް އެހާ ފުރިހަމަ ނޫންކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ކަންކަން މާ ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް