ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެނާޖީ މިނިސްޓަރު އަލީ ޝަރީފް ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހަނގުރާމައާ ހެދި ތެޔޮ ހޯދަން ކުރަން ޖެހޭ ހަރަދު 50 މިލިއަނުން 116 މިލިއަން ޑޮލަރަށް އަރައިފި

އަލީ ޝަރީފް ވިދާޅުވީ މިހާރު ވެސް ސަރުކާރުން ތެޔޮ ފޯރުކޮށްދެމުން އަންނަނީ ސަބްސިޑައިޒްކޮށްގެން ކަމަށާއި ހަނގުރާމައިގެ މި ވަގުތު ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވެފައިވާ ކަމަށް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ތެޔޮ ހޯދުމަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުވެފައިވާ ކަމަށް އެނާޖީ މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ ހަނގުރާމައާ ގުޅިގެން އޭގެ އަސަރު ރާއްޖެއަށް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، މެދުއިރުމަތީގައި ތެލުގެ އަގުބޮޑުވެފައިވާއިރު ތެޔޮ ހޯދުމަށް ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އެ މިނިސްޓްރީން ބުނި ގޮތުގައި، ހަނގުރާމައިގެ ކުރިން ތެޔޮ ހޯދުމަށް މަހެއްގެ މައްޗަށް ހަރަދުކުރަނީ 50 މިލިއަން ޑޮލަރެވެ. އެކަމަކު މިހާރު އެ އަދަދު 116 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބުންޏެވެ.

އަލީ ޝަރީފް ވިދާޅުވީ މިހާރު ވެސް ސަރުކާރުން ތެޔޮ ފޯރުކޮށްދެމުން އަންނަނީ ސަބްސިޑައިޒްކޮށްގެން ކަމަށާއި ހަނގުރާމައިގެ މި ވަގުތު ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވެފައިވާ ކަމަށެވެ.

ތެލާ ބެހޭ ހަރަދުތަކުގެ މި ފަދަ ޓެކްނިކަލް މައުލޫމާތު ދެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ރަށްރަށުގައި ކަރަންޓުގެ ހިދުމަތަށް ދުވާލަކު 8،000 ފީފާގެ ޑީސަލް ބޭނުންވޭ؛ އެއީ އަހަރަކު 2.9 މިލިޔަން ފީފާގެ ޑީސަލް

  • މިދިޔަ އަހަރު އެކަނި ވެސް ތެޔޮ ގަތުމަށް 10 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވޭ

  • ހަނގުރާމައާ ގުޅިގެން ތެޔޮ ގަތުމަށް ކުރަން ޖެހޭ ބޮޑުވެފާއިރު، އެކަން ހައްލުކުރުމަށް އޮތް ގޮތަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން

  • އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ބޭނުން ވަރަށް ބޮޑަށް މިވަގުތު ކުރަން ޖެހޭ

އޭނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، 2028ގެ ނިޔަލަށް އެ ބޭނުންކުރާ މިންވަރު %33 އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް