ގެއްލުނު މީހާ ހޯދުމަށް ސިފައިންގެ ޑައިވަރުން މަސައްކަތް ކުރަނީ

ދިވެހި ޑައިވަރުން ދެން ކުރާނީ ޑީކޯ ނުވާނެ ފަދަ ޑައިވްތައް: ތަރުޖަމާނު

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ މީހުން ހޯދުމުގެ އޮޕަރޭޝަން އަދި ނުފަށާ ކަމަށް

އިޓަލީގެ ގެއްލުނު ޑައިވަރުން ހޯދުމަށް މިހާރު ހިންގާ އޮޕަރޭޝަނުގައި ސިފައިންގެ ޑައިވަރުން ދެން ކުރާނީ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ނުވާނެ ފަދަ ޑައިވްތައް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ވ. އަލިމަތާ ޑައިވް ޕޮއިންޓް ކައިރީ ކޭވްއަކަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި ސިފައިންގެ މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

ސާޖެންޓު މުހައްމަދު މަހުދީ މަރުވީ، 60 މީޓަރު އަޑީގައި އޮތް އެ ކޭވަށް ފީނަން މަސައްކަތްކުރުމުގެ ތެރޭގައި ޑީކޯ ވެގެން، އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.

އެއާއެކު މެދުކަނޑާލާފައި އޮތް މި އޮޕަރޭޝަނަށް ފިންލޭންޑުންގެ ތިން ޑައިވަރުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

ތަފްސީލް - 'ދައުރު'އާ ވާހަކަ ދައްކަވަމުން މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ ގުޅިގެން ހިންގާ އެ އޮޕަރޭޝަނުގައި ސިފައިންގެ ޑައިވަރުން، ފުރާނައަށް ނުރައްކާ ނެތް، ޑީކޯ ނުވާ ޑައިވް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ

އެއީ މާފުނަށް ނުގޮސް ކުރާ، ރެކްރިއޭޝަނަލް ސްކޫބާ ޑައިވްތަކެވެ.

"ކޭވްއަށް ފީނާނީ ތަޖުރިބާކާރު ޑައިވަރުން. އެއީ އެ ފަދަ އޮޕަރޭޝަންތަކަށް ވަރަށް މޮޅު، ތަޖުރިބާހުރި ބައެއް. މިހާރު ނިންމާފައި އޮތީ ދިވެހި ކުދިން [އެހާ] އަޑިއަށް ނުދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވީ ބޭރުގެ ޑައިވަރުން އަދި މީހުން ހޯދުމަށް ނުފީނާ ކަމަށާއި މިހާރު ކުރަމުންދަނީ، އެ ސަރަހައްދު ބަލައި ފަރިތަ ކުރުމަށް ހިންގާ 'އޮރިއެންޓޭޝަން ޑައިވް'ތައް ކަމަށެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ވެސް މިހާރު ލިބިފައިވާ މި އޮޕަރޭޝަނުގައި ތަޖުރިބާކާރުންގެ ޓީމާއި ސިފައިންގެ އިތުރުން ދިވެހި ދެ ކުންފުންޏެއްގެ ޑައިވަރުން ވެސް ބައިވެރިވެ އެވެ. ދިވެހި ކުންފުނިތަކުގެ ޑައިވަރުން ކުރަނީ ސާވޭ ކުރުމުގެ މަސައްކަތް ކަމަށް މުހައްމަދު ހުސެން ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މި އޮޕަރޭޝަނުގައި މިހާރު މޫދު އަޑިއަށް ފޮނުވާ އުޅަނދު ނުވަތަ އާރުއޯވީ ވެސް ބޭނުން ކުރާ ކަމަށް

  • އެކަމަކު އޮއެގަދަ ކަމުން އަދި އެންމެ ރަނގަޅަށް އެކަން ނުކުރެވޭ ކަމަށް ވިދާޅުވި

"އިރާދަކުރެއްވިއްޔާ މާދަމާ ޑައިވަރުން މީހުން ހޯދުމުގެ އޮޕަރޭޝަން ފަށާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.

ކޮމެންޓް (6)

ސަކޫރު

18 މޭ 2026
އެނދުމަތީ ތަ ކުރަނީ އެކަހަލަ ޑައިވް
0 0

ޖޭމުގޭ އަހައްމާދީ

18 މޭ 2026
އެހެންވީމ ސުނޯކްލިން ތިޔަށް ކިޔާނީ، ޑައިވެކޭ ނުކިޔާނެ
0 0

މެކްސް

18 މޭ 2026
ދެން އެބުނީ ދިވެހި ޑައިވަރުން އިހަށް މަޑުން ތިބޭށޭ.
1 0

ތެފައާސާ.

18 މޭ 2026
ޑިކޯ ނުވާ ފަދަ ޑައިވޭ؟ އެހެންވީމާ ތިބެންޖެހޭނީ އެއްގަމުގައިތާ؟
5 0

އަލީ ބަލީ

18 މޭ 2026
@ތެފައާސާ. ކީއްކުރާނީ މި ގޮވައިގެން ވިއްޔާ އުޅެން މިޖެހެނީ.
0 0

ސޮޓާ ސިނަމާ ބޭޅާ

18 މޭ 2026
ހެހެހެ. އެކަހަލަ ޑައިވް ހުރޭތޯ ބޭޅާ؟ މިބޭޅާމެންނަށް ޑައިވް ކިޔަވައި ދިން ބޭޅުން ކިޔަވައިދީފަ އޮތީ ރެކްރިއޭޝަނަލް ޑައިވްއެއް ނޫން ނާޗަރަންގީ ޑައިވެއްވިޔަސް ޑައިވަކަށް ގޮއްސިއްޔާ ޑިކޯ ހަދަން ޖެހޭނެ އެ ހެޔޮ ދިހަ މީޓަރަށް ދިޔަޔަސް ވިހި މީޓަރަށް ދިޔަޔަސް.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް