އިޓަލީގެ ފަސް ފަތުރުވެރިން ތާށިވި 60 މީޓަރު އަޑީގައި ހުރި ކޭވް؛ މިއީ ރެކްރިއޭޝަނަލް ޑައިވްތަކަށް ފީނުން ހުއްދަ އޮންނަ ތަނެއް ނޫން(ފޮޓޯ/ޝަފްރާޒް ނައީމް)
ޑައިވަރުން ހޯދަން މާދަމާ އަންނަނީ ފިންލެންޑުގެ 3 ތަޖުރިބާކާރުން؛ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ފަންނީ އެހީ
ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް އިޓަލީ ސަރުކާރުން ހުށަހަޅައިގެން ބޭރުގެ ތަޖުރިބާކާރު ތިން ޑައިވަރަކު މާދަމާ ރާއްޖެ އަންނާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޑައިވަރުން ހޯދުމުގެ ރެސްކިޔު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، 44، ވަނީ މިއަދު މަރުވެފަ އެވެ.
ތަފްސީލް - ޑައިވަރުން ހޯދުމުގެ މަސައްކަތަށް ބޭރުގެ މާހިރުން ގެނައުމަށް އިޓަލީ ސަރުކާރުން ލަފާދީފައިވާއިރު، އެފަދަ ޑައިވްތައް ކުރުމުގެ ތަޖުރިބާ އާއި ފަންނު ހުރި ތިން ޑައިވަރުން މާދަމާ ހެނދުނު ރާއްޖެ އަންނާނެ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވި އެވެ.
"ތިން މީހުންނަކީ ފިންލޭންޑު މީހުން ކަމަށް މައުލޫމާތު ލިބެނީ. އެ މީހުން އެކަމަށް ހާއްސަ އިކުއިޕްމެންޓާ އެކު ރާއްޖެ އަންނާނެ،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ މި އޮޕަރޭޝަނަށް އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ ސަރުކާރުތަކުން ވެސް ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
"[މާދަމާ ރާއްޖެ އަންނަ މީހުންގެ ތެރޭ] ސްޕެސިފިކަލީ ކޭވް ޑައިވިންގެ އެކްސްޕީރިއަންސް އާއި އެކްސްޕަޓައިޒް ހުރި މީހެއް ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އެ މީހުންނަކީ އިޓަލީގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެކެވެ.
އިސް ތަރުޖަމާނު ވިދާޅުވީ އެ ތިން މީހުން ވެސް ހަރަކާތްތެރިވާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނާ އެކު ކަމަށެވެ.
"އެ މީހުން ރާއްޖެ އައިސް، އޮޕަރޭޝަން ރީ ސްޓްރެޓަޖައިޒްކޮށް، މަޝްވަރާކޮށްފައި ކުރިއަށްދާނީ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - މިއަދު ހިނގި ހިތާމަވެރި ހާދިސާއާ އެކު ރެސްކިއު އޮޕަރޭޝަން އޮތީ މިވަގުތަށް މެދުކަނޑާލާފަ އެވެ.
މިއަދުގެ ޑައިވްގައި 8 އޮފިސަރުން ބައިވެރިވި ކަމަށް މުހައްމަދު ހުސެން ޝަރީފް ވިދާޅުވި އެވެ. އޭނާއާ ހަވާލާދީ ބީބީސީގައި ބުނީ، ޑައިވަރުން މައްޗަށް އެރި އިރު މި ހާދިސާގައި މަރުވި މަހުދީ ނެތްކަން ފާހަގަވެގެން އަލުން ގޮސް ބެލިއިރު ފެނުނީ ބްލެކްއައުޓް ވެފައި އޮއްވާ ކަމަށެވެ.
އިއްޔެގެ ޑައިވްގެ އަލީގައި މިއަދު ކުރިއަށް ގެންދިޔައީ އިތުރަށް ސްޓްރެޓަޖައިޒްކޮށްގެން ކަމަށް ތަރުޖަމާނު މިރޭ 'ދައުރު'އަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - ވ. އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރުން ފީނާފައިވަނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ކޭވް އަކަށެވެ. ގަވައިދުގައި އޮންނަ ގޮތުން، އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ.