ރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރާ ހިލާފުވި ކަމަށް ބުނެ ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި ނޫސްވެރިން ބޭއްވި ހަރަކާތް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޖޭއޭ

'އަދަދު'ގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ މައްސަލަ އދ.އަށް

އދ.ގެ މެންޑޭޓްތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލެއްވުމަށް ވަނީ އެދިފައި

ނޫސްވެރިން ޖަލަށްލުމާއި 'އަދަދު' ނޫހުގެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ މައްސަލަ އދ.ގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)ން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އދ.ގެ ސްޕެޝަލް ޕްރޮސީޖާސްގެ ގިނަ މެންޑޭޓްތަކަކާ ގުޅިފައިވާ ކުއްލި މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ފަސްމަންޒަރު - 'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީއެއްގައި ރައީސް މުހައްމަދު މުއިއްޒުއަށް ގަޒުފުކުރި ކަމުގެ ތުހުމަތުގައި އެ ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ދައުވާކޮށްފަ އެވެ. އަދި ޕީޖީގެ ފަރާތުން އެދިގެން، ކްރިމިނަލް ކޯޓުން ވަނީ، އެ ވީޑިއޯގެ މައުލޫއުއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެއްވެސް މީހަކު އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފަ އެވެ.

'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒުއާ ކުރި ސުވާލެއްގައި އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އޭނާ 15 ދުވަހަށް ވަނީ ޖަލަށް ލައިފަ އެވެ. އަދި ހަމަ އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނީ އަމުރާ ހިލާފަށް ކަމަށް ނިންމައި އޭނާ 10 ދުވަހަށް ވަނީ ޖަލަށް ލާފަ އެވެ.

'ތަފްސީލް - އެ ޖަމްއިއްޔާ އިން ބުނި ގޮތުގައި، އެ މައްސަލަ ހުށަހެޅި ތަންތަނަކީ:

  • އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާ

  • ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާ

  • އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ބެހޭ ސްޕެޝަލް ރެޕަޓުއާ

  • ޒާތީ ދިރިއުޅުމުގެ ހައްގާ ބެހޭ ސްޕެޝަލް ރެޕަޓުއާ 

  • ސުލްހަވެރިކަމާ އެކު އެއްވެއުޅުމާއި ޖަމާއަތް ހެދުމުގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާ

ތުހުމަތުކުރެވޭ ކަންކަން:

  • ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުކުރުން

  • ސިއްރު ޝަރީއަތްތައް ހިންގުން

  • ފުޅާ ދާއިރާއެއްގައި ވާހަކަދެއްކުން މަނާކުރާ އަމުރު ނެރުން

  • ނިއުސްރޫމުގެ ވަސީލަތްތައް ހިފެހެއްޓުން

  • ދަތުރުފަތުރުކުރުން މަނާކުރުން

  • ގާނޫނީ ވަކީލެއްގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ހުރަސްއެޅުން

  • މިނިވަން މީޑިއާއަށް އަމާޒުކޮށް ބަދަލުހިފުމުގެ އަމަލުތައް ހިންގުން

އދ.ގެ ސްޕެޝަލް ޕްރޮސީޖާސްއަށް ހުށަހެޅި މައްސަލައިގައި އެމްޖޭއޭން ބުނެފައިވަނީ، މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ސަބަބަކީ:

  • ދެ ނޫސްވެރިއެއްގެ މިނިވަންކަން ނިގުޅައިގަނެވިފައިވަނީ ސީދާ އެ މީހުންގެ ނޫސްވެރިކަމުގެ މަސައްކަތާ ގުޅުންހުރި ހާލަތްތަކެއްގައި ކަމަށް ވާތީ

  • މިކަމާއި ގުޅިގެން ނޫސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ހިފެހެއްޓުންތަކުގެ ސަބަބުން މީޑިއާއަށާއި އާންމު ރައްޔިތުންނަށް އަދިވެސް އަސަރުކުރަމުންދާތީ

  • މި ޝަރީއަތްތަކުގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށާއި އާންމު މަސްލަހަތާ ގުޅޭ ހަބަރު ފެތުރުމަށާއި މައުލޫމާތު ދޭ މަސްދަރުތައް ރައްކާތެރިކުރުމަށް އަދި ޑިމޮކްރެޓިކް މުޖުތަމައެއްގައި އޮންނަންޖެހޭނެ ޖަވާބުދާރީވުމުގެ އަސާސްތައް ނެގެހެއްޓުމުގައި ނޫސްވެރިންނާއި އާއްމު ރައްޔިތުންނަށް އިންތިހާއަށް ބިރުވެރި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ފެންނަން އޮތުމުން

ޝަހުޒާން އަދި ލީވާން ޖަލަށްލުމަކީ ގާނޫނާ ހިލާފަށް މީހުން ހައްޔަރުކޮށް ބަންދުކުރުން ކަމަށް ބެލެވޭ ކަމަށް ވެސް އެމްޖޭއޭގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވެ އެވެ.

މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެމްޖޭއޭން އެދިފައިވާއިރު، އދ.ގެ މެންޑޭޓްތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން، ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލެއްވުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، އެ ހުށަހެޅުމުގައި އެދިފައިވަނީ:

  • ގާނޫނީ އިމުގެ ތެރެއިން ކުރާ ނޫސްވެރިކަމުގެ މަސައްކަތްތަކާ ގުޅިގެން ހިންގާ ބަދަލުހިފުމުގެ އަމަލުތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލުމަށް 

  • ކޯޓުގެ ހުރުމަތް ކެނޑުންކަމަށް ތުހުމަތުކޮށް ނިންމާފައިވާ ނިންމުންތަކާއި އެކަމާ ގުޅިގެން ދީފައިވާ އަދަބުތައް ބާތިލުކުރުން ނުވަތަ އިންސާފުވެރިކަމާއެކު އަލުން މުރާޖައާކުރުމަށް ގޮވާލުމަށް

  • ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަކީ ސައްހަ މަގުސަދެއް ހާސިލުކުރުމަށްޓަކައި، ގާނޫނީ އިމުގެ ތެރެއިން، އެމަގުސަދު ހާސިލްކުރަން ބޭނުންވާ މިންވަރަށް ވުރެ ފުޅާ ނުވާނެ ގޮތަށް ސުންގަޑިއެއް ކަނޑައެޅިގެން ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކާ އަނގަ ބަންދުކުރުމުގެ އަމުރު އުވާލުން ނުވަތަ އެ އަމުރުގެ ދާއިރާ ހަނިކުރުމަށް ގޮވާލަން

  • 'އަދަދު' ނޫހުގެ ތަކެއްޗާއި އާލާތްތައް ހިފެހެއްޓުން އިންސާފުވެރިކަމާއެކު މުރާޖައާކޮށް ކަނޑަނާޅާހާ ހިނދަކު އަދަދު ނޫހުގެ ނިއުސްރޫމަށް ވަދެ، ހިފަހައްޓާފައިވާ ތަކެތި އަނބުރާ ރައްދުކުރުމަށް ގޮވާލުމަށް

  • ޝަރީއަތްތަކާ ކުރިމަތިލާންޖެހިފައިވާ ހުރިހާ ނޫސްވެރިންނަށް ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރުމާއި ހުޅުވާލައިގެން ޝަރީއަތްތައް ގެންދިއުމާއި އިންސާފުވެރި ޝަރީއަތެއްގެ ޔަގީންކަން ހޯދައިދިނުމަށް ގޮވާލުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް