މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ގުނުން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މީދޫ ކައުންސިލްގެ ރައީސް ހޮވަން ވޯޓުލުން އަންނަ މަހު 13ގައި
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލުގެ ރައީސްގެ ގޮނޑީގެ ވޯޓުގައި މައްސަލަޖެހިގެން އަލުން ގުނިއިރު ބާތިލުކުރި ވޯޓު، ހައި ކޯޓުގެ ހުކުމަކުން ސައްހަކަމަށް ކަނޑައެޅުމުން އެ ގޮނޑީގެ ވޯޓު އެއްވަރުވުމުން ބާއްވާ އިންތިހާބު އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މީދޫ ކައުންސިލުގެ ރައީސްކަން 393 ވޯޓާ އެކު ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމް އެވެ. އެންމެ ގާތުން ވާދަކުރި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެގޮތުން:
-
ވޯޓުލުމުގެ ހައްގު ލިބިފައިނުވާ މީހަކު ވޯޓު ލާފައިވާތީ ހުށަހެޅުނު ޝަކުވާއަކަށް ފަހު އެއް ވޯޓު ބާތިލުވެ، ދެ ކެންޑިޑޭޓުންގެ ވޯޓު 392 ވޯޓުން އެއްވަރުވި
-
އޭގެ ފަހުން، ޕީއެންސީގެ އިތުރު ވޯޓެއް ބާތިލުކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ވޯޓު އަލުން ގުނަން އެދިގެން ފަހުން ވޯޓު ގުނިއިރު، ސުހާގެ އިތުރު ވޯޓެއް ބާތިލުވެ އެ ގޮނޑި ޕީއެންސީއަށް ގެއްލުނު
-
މި ނަތީޖާ އެކު، 392 ވޯޓާ އެކު އެއް ވޯޓުގެ ތަފާތުން ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓު ޝާހިދު
-
ޕީއެންސީގެ ކެންޑިޑޭޓު ސުހާއަށް ލިބުނީ 391 ވޯޓު
-
ދެ ވޯޓެއް ބާތިލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ސުހާގެ ފަރާތުން
ތަފްސީލް - އީސީން މިއަދު ބުނީ މީދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް އިތުރު ބުރެއް އަންނަ މަހުގެ 13ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން:
-
ދެވަނަ ބުރުގައި ވާދަކުރާނީ ޝާހިދާއި ސުހާ އެކަނި
-
ވޯޓުލުން ކުރިއަށްދާނީ އަންނަ މަހު 13ގެ ހެނދުނު 8 އިން ހަވީރު 4އަށް
-
އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ ޖެހިގެން އަންނަ ދުވަހު