އިޓަލީގެ ފަސް ފަތުރުވެރިން ތާށިވި 60 މީޓަރު އަޑީގައި ހުރި ކޭވް؛ މިއީ ރެކްރިއޭޝަނަލް ޑައިވްތަކަށް ފީނުން ހުއްދަ އޮންނަ ތަނެއް ނޫން(ފޮޓޯ/ޝަފްރާޒް ނައީމް)

ގެއްލުނު ޑައިވަރުން ހޯދަން އެހީވާން އިޓަލީ ސަރުކާރުން 2 މާހިރުން ފޮނުވަނީ

ގެއްލިފައިވަނީ އިޓަލީއަށް ނިސްބަތްވާ ހަތަރު ޑައިވަރުން އަދި އެ މީހުންގެ އިންސްޓްރަކްޓަރު ވަނީ މަރުވެފައި އޮއްވާ ފެނިފައި

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މިހާރު ދިވެހި ސިފައިންގެ ޑައިވަރުން ހިންގަމުންދާ އޮޕަރޭޝަންގައި އެހީތެރިވުމަށް އިޓަލީގެ ސަރުކާރުން ފަންނީ މާހިރުން ފޮނުވަން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ޑައިވަށް ދިޔަ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ދެން ތިބި މީހުން ހޯދުމަށް ސިފައިންގެ ޑައިވަރުން ހިންގާ އޮޕަރޭޝަން ދަނީ އަދިވެސް ކުރިއަށެވެ. 

ތަފްސީލް - އެ އޮޕަރޭޝަންގެ މައުލޫމާތު ސީދާ ރައީސް އޮފީހުން މީޑިއާތަކަށް އާންމުކުރާ ގޮތަށް ނިންމާފައިވާއިރު، އޮޕަރޭޝަންގެ މައުލޫމާތު 'ދައުރު'އާ ހިއްސާކުރައްވަމުން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް މިއަދު ވިދާޅުވީ:

  • މިއަދު ވެސް ހެނދުނު 10:30އިން ފެށިގެން ސިފައިންގެ ޑައިވަރުން، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ކަމަށް 

"އިއްޔެގެ ޑައިވުން ހޯދުނުގެ ކުރިއެރުންތަކުގެ މައްޗަށް ބަލާ މިއަދުގެ ޑައިވް ކުރިއަށް ގެންދާނީ އެބޭފުޅުން،" އިސް ތަރުޖަމާން ވިދާޅުވި އެވެ.

އާދައިގެ އޮޕަރޭޝަނެއް ނޫން

މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި ގެއްލުނު ޑައިވަރުން ހޯދުމަށް ސިފައިން ބަލަމުން ދަނީ އެ މީހުން ވަދެ ތާށިވި ކަމަށް ބެލެވޭ ކަނޑު އަޑީގެ ހޮހޮޅަ ނުވަތަ ކޭވްއެކެވެ. މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ:

  • ހޮހޮޅައަށް ވަންނަ ދިމާ ނުވަތަ އަނގަމަތި ހުންނަނީ 45-50 މީޓަރު ފުނުގައި 

  • ހޮހޮޅައިގެ ބައެއް ދިމާތައް ދެ ކަފިވެފައި ވެސް ހުރިއިރު އެތަނުގެ އެތެރޭގައި އާންމުކޮށް ހުންނަނީ ދެ މީޓަރާ ހަތަރު މީޓަރާ ދެމެދު ފުޅާމިން؛ އެއީ 200 މީޓަރު ދިގު ހޮހޮޅައެއް

  • ހަނި ސަރަހައްދުތަކުން ގޮސް ނުކުމެވޭ ހޮހޮޅައިގެ މައި ހިސާބުގައި 70 މީޓަރު ވެސް ހުރޭ 

"އެއްވެސް ވަރަކަށް އައްޔެއް ވެސް ކޭވްގެ ތެރޭގައި ނުހުރޭ. އެއްބައި ޑައިވަރުން ހޮހޮޅައިގެ ވަންނަތަކުގައި ތިބެފައި އަނެއްބައި ޑައިވަރުން ފައިބަނީ އެތެރެއަށް. އެކަހަލަ ގޮތަކަށް ކުރިއަށް ގެންދަން މިޖެހެނީ،" މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ. 

މިދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްކޮޅެއް ކަމުން ކަނޑގަދަވުމާއި އަޑީގައި އޮޔެ ގަދަވުމުގެ ސަބަބުން ހުރަސްތަކެއް އެބަހުރި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓާނުލާ ކަމަށް ވިދާޅުވި އެވެ. 

ބޭރުގެ މާހިރުން އަންނަނީ

އޭނާ ވިދާޅުވި ގޮތުގައި ސިފައިންގެ ޑައިވަރުންނަށް އެހީތެރިވުމަށް އިޓަލީ ސަރުކާރުން ދެ ތަޖުރިބާކާރަކު ފޮނުވަން މިހާރު ނިންމާފަ އެވެ. އަދި އެކަމަށް ނިންމަން ޖެހޭ އެންމެހާ އިންތިޒާމްތައް ނިންމައި ކަންކަން މިހާރު ފައިނަލްވެފައިވާ ކަމަށް ވެސް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ. 

"ލަސްތަކެއް ނުވެ އިޓަލީ ސަރުކާރުން ފޮނުއްވާ ތަޖުރިބާކާރުން ރާއްޖެ އައިސް ސިފައިންގެ ޓީމާ އެކު މަސައްކަތް ކުރައްވަން ފައްޓަވާނެ. އެބޭފުޅުން ތިބި ތަނުން ފްލައިކޮށްފައި އައުން ދެން އޮތީ،" މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ. 

ގުޅުންހުރި - މި ހާދިސާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލާތީ އެ މީހުން ޑައިވަށް ގެންދިޔަ ސަފާރީ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. 

ފާހަގަކުރެވޭ - މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް