ކަނޑު އަޑީގެ ކޭވްއެއްް: ފަސް ޑައިވަރުން މަރުވީ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް (ފޮޓޯ/ޝަފްރާޒް ނައީމް)

ޓޫރިސްޓުން މަަރުވީ ހުއްދަ ނޫން ފުން މިނަކަށް ގޮސް އުޅެނިކޮށް

ރާއްޖޭގައި ހުއްދަ އޮންނަނީ 30 މީޓަރަށް ޑައިވްކުރަން. އެކަމަކު އިޓަލީގެ ފަސް ޑައިވަރުން ފީނީ 60 މީޓަރު އަޑީގައި އޮތް ކޭވްއަކަށް. ބައެއް ތަޖުރިބާކާރުން ބުނަނީ މިގޮތަށް ގަވާއިދާ ހިލާފަށް ޑައިވްކުރާ ކަމަށް

ވ. އަތޮޅުގައި ޑައިވިންގައި އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިއަކު އިއްޔެ ވަނީ ކޭވްއެއް ތެރޭގައި މަރުވެފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ، އެންމެ މީހެއްގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި އެ ކޭވް ތެރެއިންނެވެ.

އެމްއެންޑީއެފްއިން ލަފާކުރަނީ އަނެއް ހަތަރު މީހުން ވެސް ވީ 200 ވަރަކަށް ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށެވެ.

މިހާރު ކުރިމަތީގައި އޮތް މައްސަލައަކީ ރާއްޖޭގައި ހުއްދަ އޮންނަ ވަރަށް ވުރެ ފުނަށް އެ ޓޫރިސްޓުން ލައްވާ ފީނުވުމެވެ. ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ. އެކަމަކު މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު އެ ވަނީ 60 މީޓަރަށް ފީނައިފަ އެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ބައެެއް ޑައިވަރުންގެ ޝަކުވާއަކީ ފަތުރުވެރިން ލައްވާ ގަވާއިދާ ހިލާފަށް ޑައިވްކުރުމެވެ. އެެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ވެސް ބައެއް ޑިވަރުން ވަނީ ގޮވާލައިފަ އެވެ.

ޑައިވިންގެ ދާއިރާގައި 27 އަހަރު ހޭދަކޮށްފައިވާ ޑައިވިން އިންސްޓްރަކްޓަރު ޝަފްރާޒް ނައީމު އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރިކްރިއޭޝަނަލް ޑައިވަރުންނަށް 58 މީޓަރުގެ ފުންމިނަކީ ހުއްދަ އޮންނަ ސަރަހައްދެއް ނޫން ކަމަށެވެ. އެއީ ވަރަށް އެޑްވާންސް ޓެކްނިކަލް ޑައިވިން ހިމެނޭ ފުންމިނެއް ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ސުވާލަކީ ޑައިވުކުރުމުގެ ގަވާއިދުތަކާއި ފުން މިނުގެ ހަމަތަކަށް ނުބަލައި، އެހާ ފުނަށް ޓޫރިސްޓުން ގޮވައިގެން ފީނީ ކީއްވެތޯ އެވެ.

މި ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޑައިވިން އިންސްޓްރެކްޓަރު ޒޫނާ ނަސީމް ވެސް އެ ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާ ބުނީ ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވިންގެ ގަވާއިދުގައި ހުއްދަ އޮންނަނީ 30 މީޓަަރަށް ކަމަށާއި އެއަށް ވުރެ ފުނަށް ފީނުމަކީ މަނާ ކަމެއް ކަމަށެވެ. އެހެން އެކަން އޮއްވައި 60 މީޓަރު އަޑިއަށް ފީނީ ކީއްވެތޯ ތަހުގީގު ކުރަން ވެސް އޭނާ ގޮވާލި އެވެ.

"މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށް، [ގަވާއިދާ ހިލާފަށް] އަމަލުކުރާ ޑައިވް ގައިޑުންނާއި އޮޕަރޭޓަރުންނަށް ފިޔަވަޅު އަޅަން ޖެހޭ،" ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޒޫނާ ބުންޏެވެ.

ދިވެހި ތަޖުރިބާކާރުންގެ އެ ވާހަކަތަކަށް ކޮމެންޓްކުރި މީހުންގެ ހިޔާލު ވެސް ހުރީ އެހެންނެވެ. ބައެއް މީހުން ބުނީ ރާއްޖެ އަންނަ ޓޫރިސްޓުންނާއި ބޭރުގެ ބައެއް ޑައިވް އިންސްޓްރަކްޓަރުން ރާއްޖޭގެ ގަވާއިދުތަކަށް ބޯނުލެނބުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މައްސަލައަކީ ގަވާއިދާ ހިލާފަށް އެކަން ކުރުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުން ކަމަށް، ބައެއް މީހުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ސަފާރީތައް ހިންގާ ކުންފުނިތަކާއި ޑައިވް އިންސްޓްރަކްޓަރުން ހިމެނެ އެވެ.

"މިއީ ރާއްޖެ. އެކަށީގެންވާ ތަހުގީގެއް ހިންގޭނެ ކަމާ މެދު ވެސް ސުވާލެއް ނެތް. އެކަށީގެންވާ ރަނގަޅު ތަހުގީގެއް ހިންގިއްޖެ ނަމަ، [ގަވާއިދާ ހިލާފަށް ކަންކަންކުރާ ތަންތަނުގެ] ހިންގުމުގެ ލައިސެންސް ފަދަ ހުރިހާ ކަމެއް ހިފެހެއްޓޭނެ،" މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.

https://x.com/najeebshahym/status/2055119365071376654?s=20

"ފުރަތަމަ ކަމަކަށް މިތަނަށް އަންނަ ގިނަ ދޮން މީހުންނަކިީ ދިވެހިން ބުނާ އެއްޗަކަށް އިހުތިރާމުކުރާ ބައެއް ނޫން. އަނެއްކޮޅުން ދިވެހިންނަކީ ގަވާއިދުތަކާއި ގާނޫނު ތަންފީޒުކުރަން ދަންނަ ބައެއް ނޫން،" އެހެން މީހަކު ބުންޏެވެ.

ގެއްލުނު ޓޫރިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު މި ހާދިސާ ހިނގަން ދިމާވީ ސީދާ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެއްފަހަރާ ފަސް މީހުން މަރުވާނެ ސަބަބަކަށް އޮންނާނީ ވައި ވިހަވުމެވެ.

"ކޮންމެ ކަމެއް ވެސް އެކަމެއް އޮންނަ ގޮތް ނޫން އެހެން ގޮތްގޮތަށް ހައްދުން ނައްޓާލީމާ ދިމާވާ ހިތާމަވެރި ހާދިސާތައް. ރާއްޖޭގައި 30 މީޓަރަށް ވުރެން އަޑިއަށް ޑައިވިން ކުރުމަކީ މަނާކަމެއް،" ޑައިވް އިންސްޓްރަކްޓަރަކު ސޯޝަލް މީޑިއާގައި ލިއުނެވެ.

"އެއްފަހަރާ ފަސް މީހުން މަރުވާން ދިމާވާނެ ހަމައެކަނި ސަބަބަކަށް އޮންނާނީ ވައި ވިހަވުން. އެއްފަހަރާ ފަސް މީހުންގެ ވައި ހުސްވުމަކީ ވަރަށް ނުވާނެ، ނާދިރު ކަމެއް. ތިން ވަނަ ކަމަކީ އެމީހުން ފީނަން ބޭނުންކުރި އާދައިގެ ވައިތޯ ނޫނީ ނިޓްރޮކްސްތޯ؟ އެހެންވެއްޖެ ނަމަ އޮކްސިޖަން ޓޮކްސިޓީ ވެފައި އޮތީ، %100 ޔަގީން."

ޑައިވިންގައި އިއްޔެ މަރުވި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރޭގައި މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން ހިމެނެ އެވެ. އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް، 21، ވެސް މަރުވި އެވެ.

ދެން ހިމެނޭ މޮނިކާ 51، އާއި މުރިއަލް އޮޑެނީނޯއަކީ ވެސް ކަނޑުގެ މާހައުލާ ބެހޭ ދިރާސާވެރިންނެވެ. އެކަމަކު އިޓަލީގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އިއްޔެ ޑައިވްކުރީ ރާއްޖެއާ ބެހޭ ގޮތުން މޮނިކާ ހަދަމުން އަންނަ ދިރާސާގެ ކަމެއްގައެއް ނޫނެވެ. 

ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން އެމްއެންޑީއެފުން ހިންގަމުން އަންނަނީ، ސަލާމަތީ ބާރުން ބުނި ގޮތުގައި، 'ހައި ރިސްކް އޮޕަރޭޝަނެކެ'ވެ. 

އެއީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނަކަށް ވާތީ އިތުރު ޑައިވަރުންނާއި ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ.

މި މަސައްކަތުގައި ޓޫރިސްޓުން ޗުއްޓީއަށް އައި ސަފާރީ އާއި ވ. އަތޮޅު ފުލުހުން ވެސް ބައިވެރިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް