ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީގެ ކޮންނަބޯޓު މިއަދު ކޮމަންޑޫގައި ބަނދަރުކޮށްފައި. (ފޮޓޯ/ޕީއެސްއެމް)
2 ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި؛ 'ކޮމަންޑޫގެ ތާރީހު ބަދަލުކޮށްލާނެ'
ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅުރަށް، މަތިކޮމަންޑޫ ގުޅާލަން ހިންގާ 250 މިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މިއީ، މި މަޝްރޫއު އިފްތިތާހުކޮށްދެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ސިފަކުރެއްވި ގޮތުގައި، ކޮމަންޑޫގެ ތާރީހު ބަދަލުކޮށްލާނެ މަޝްރޫއެކެވެ.
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސައިން ވަހީދު މިދިޔަ މަހު އަވަހާރަވުމުން އެ ދާއިރާގެ ގޮނޑި ހުސްވެ، ބައި-އިލެކްޝަނެއް އިއުލާނުކޮށްފައި ވާއިރު، ޕާޓީތަކުން އަންނަނީ އެ އިންތިހާބަށް ފޯރިއާ އެކު ކެމްޕޭނު ކުރަމުންނެވެ.
އަންނަ މަހުގެ 5ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި އަލަށް އުފެއްދި މޯލްޑިވިސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވާދަކުރެ އެވެ. އިންތިހާބާ ދިމާކޮށް މިފަދަ މަޝްރޫއެއް އިއުލާނުކުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިއުލާނުކުރެއްވީ:
-
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން އިފްތިތާހުކުރަން މިދިޔަ ހަފްތާގެ ބަންދުގައި އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި
-
އެއީ މި އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ނޫން ކަމަށާއި 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެއް ކަމަށް ވިދާޅުވި
-
އެ ދެ ރަށް ގުޅުވާލައިގެން ނޫނީ، ގާތްގަނޑަކަށް ފުރިފައިވާ ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވި
-
މި އަހަރުގެ ބަޖެޓްގައި ވެސް ނުހިމެނޭ މި މަޝްރޫއު، އިއުލާނުކުރުމަކީ ސަރުކާރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ތުހުމަތުކޮށް، ކަންބޮޑުވުން ފާޅުކޮށްފައި
މިއީ ތިބޭފުޅުންގެ ކުރިއަށް އޮތް ޖީލުތަކަށް އަމިއްލަ ވަޒަނުގައި ހިތްހަމަޖެހިލައިގެން އުޅެލެވޭނެ ގޮތް ހަދައިދޭނެ މަޝްރޫއެއް... މިއީ ތިބޭފުޅުންގެ ތުއްތު ކުދިންނަށް ކިޔައިދޭނެ ދުވަހެއް. މިއީ، ކައުންސިލްގެ ރައީސް ވެސް ފާހަގަކުރެއްވި ގޮތަށް، ކޮމަންޑޫގެ ތާރީހު ބަދަލުކޮށްލާނެ ދުވަހެއް.
ވީ ކިހިނެއް؟ - މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކޮމަންޑޫގައި މިއަދު ބޭއްވި ހަފްލާއެއްގައި، މި މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމަކީ އެ ދާއިރާގެ ކުރީގެ މެމްބަރު، ވެރިކަން ކުރާ އެމްޑީޕީގެ ހުސައިން ވަހީދުގެ ވަރަށް ބޮޑު ހުވަފެނެއް އަދި އުންމީދެއް ކަމަށެވެ.
"މިއަދު މިއީ ރަސްމިއްޔާތެއް ބާއްވާލީކީ ނޫން. މިއަދު އެމްޓީސީސީން މި ތަނުގައި މި ބަނޑަހަ ޖެހީ. ތިބޭފުޅުންނަށް މާދަމާ ވެސް ފެނިގެން ދާނެ މި ދޭތެރޭގައި މަސައްކަތްތައް ކުރިއަށް ދާ ތަން،" ފައްޔާޒު ވިދާޅުވި އެވެ.
"މިއީ ތިބޭފުޅުންގެ ކުރިއަށް އޮތް ޖީލުތަކަށް އަމިއްލަ ވަޒަނުގައި ހިތްހަމަޖެހިލައިގެން އުޅެލެވޭނެ ގޮތް ހަދައިދޭނެ މަޝްރޫއެއް... މިއީ ތިބޭފުޅުންގެ ތުއްތު ކުދިންނަށް ކިޔައިދޭނެ ދުވަހެއް. މިއީ، ކައުންސިލްގެ ރައީސް ވެސް ފާހަގަކުރެއްވި ގޮތަށް، ކޮމަންޑޫގެ ތާރީހު ބަދަލުކޮށްލާނެ ދުވަހެއް."
ކޮމަންޑޫ އާއި އެ ރަށާ ގާތްގަނޑަކަށް 700 މީޓަރު ދުރުގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުން ހައްލު ލިބޭނީ، ފައްޔާޒު ވިދާޅުވި ގޮތުގައި، ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮމަންޑޫ އަދި އެ ސަރަހައްދުގައި އިގްތިސާދީ މަސައްކަތްތައް ވެސް މިހާރަށް ވުރެ ފުޅާވެ، ބާރު ދުވެލީގައި ހިނގައިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
'ރާއްޖެ މި ގެންނަނީ 19 ވަނަ ގަރުނުން 21 ވަނަ ގަރުނަށް'
މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރުގެ ގޮތުގައި ބެލެވޭ ފައްޔާޒު ވިދާޅުވީ، 2018ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ސޯލިހާ އެކު އޭނާ ވެސް ރަށްރަށަށް ވަޑައިގެންނެވިއިރު ފެނިވަޑައިގަތީ ރާއްޖެ 19 ވަނަ ގަރުނުގައި އޮތް ތަން ކަމަށެވެ. ކޮވިޑުގެ ދަތި ހާލަތުގައި ވެސް މި ސަރުކާރުން މިހާރު ކުރަނީ، އޭނާ ސިފަކުރެއްވި ގޮތުގައި، މި ހިނގާ 21 ވަނަ ގަރުނަށް ރާއްޖެ ގެނައުމުގެ މަސައްކަތެވެ.
"އަޅުގަނޑުމެންނަށް ފަހަރެއްގައި ގޫގްލް ސްޕީޑުގައި ނުދެވިދާނެ. ގޫގްލް ސްޕީޑުގައި ދެވެނީ އިންޓަނެޓް ސްޕީޑު އޮތް ހިސާބަކުން. އަޅުގަނޑުމެން ދާނީ އިރާދަކުރެއްވިއްޔާ އިންޓަނެޓް ސްޕީޑު އޮތް ހިސާބަކާ އެއްވަރަށް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޝްރޫއުތައް ހިންގީ "ގޫގުލް ސްޕީޑުގައި" ކަމަށް އެ ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ ސިފަކުރެއްވުމަށް އިޝާރާތްކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.
ރައްޔިތުންނާ ބައްދަލުކުރުމުން ފެނުނު އަދި އެނގުނު ކަންތައްތަކަށް ބިނާކޮށް މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހިންގާ މަޝްރޫއުތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ:
-
ބޯހިޔާވަހިކަން ފޯރުކޮށްދިނުން
-
ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުން
-
ހުރިހާ ރަށަކަށް ސާފު ބޯފެން ފޯރުކޮށްދިނުން
-
ރައްޔިތުންނާ ކައިރިން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން
-
ސްކޫލުތަކުގެ ހާލަތު ރަނގަޅުކުރުން
އެ މަޝްރޫއުތައް ހިންގަނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ރައްޔިތުންގެ އަޑުއަހައިގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތައް ބަދަލުކުރަން ޖެހިއްޖެ ނަމަ އެކަންް ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ:
-
1-
ކުރީގެ ސަރުކާރުން ހުދުމުހުތާރުކޮށް ވެރިކަން ކުރިއިރު ވެސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ނުދެވުނު ކަމަށް
-
2-
މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ ފާރަވެރިވާނެ މުއައްސަސާތަކާއި މީޑިއާތަކަށް ވެސް ހުޅުވާލެވިފައިވާ ފުރުސަތުތައް ދީގެން ކަމަށް
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ބަލާލުމެއް
ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މި މަޝްރޫއު، މިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް ދެ އަހަރުދުވަހުގެ މުއްދަތެކެވެ.
މިއަދު މިއީ ރަސްމިއްޔާތެއް ބާއްވާލީކީ ނޫން. މިއަދު އެމްޓީސީސީން މި ތަނުގައި މި ބަނޑަހަ ޖެހީ. ތިބޭފުޅުންނަށް މާދަމާ ވެސް ފެނިގެން ދާނެ މި ދޭތެރޭގައި މަސައްކަތްތައް ކުރިއަށް ދާ ތަން.
މި މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކަކީ:
-
ކޮމަންޑޫ އާއި މަތިކޮމަންޑޫ ބިން ހިއްކައިގެން ގުޅުވާލުން
-
މަތިކޮމަންޑޫން އިތުރު 16 ހެކްޓަރުގެ ބިންހިއްކައި ބޮޑު ހިލަ ޖެހުން
-
މަތިކޮމަންޑޫގައި 1،500 މީޓަރުގެ ތޮށްޓެއް ގާއިމްކުރުން
-
ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުން