ހައިވޭ ލައިޓު ކައިރީ ރޭ ހިނގި އެކްސިޑެންޓު (ފޮޓޯ/އެމްވީ ކްރައިސިސް)

އެކްސިޑެންޓުގައި މީހަކު މަރުވުން: އިއްޔެ ވެސް ހަމަ އެތަނުގައި ނުރައްކާތެރި އެކްސިޑެންޓެއް

ކުލަ އާކޮށްފައި ހުންނަ ދުވަސްވަރު އެ ފަދަ ތަންތަނުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ

ބުރިޖު ހައިވޭގެ ޓްރެފިކް ލައިޓު ކައިރީގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި އިރު، އިއްޔެ ވެސް ހަމަ އެތަނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ހައިވޭ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓު ލައިޓް ކައިރީ ރޭ ދިހައެއް ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ، 50 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އެ އެކްސިޑެންޓު ހިނގީ، އޭނާ އިން ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ.

މި ހަބަރު ފޭސްބުކްގައި ހިއްސާކޮށް، ޒުވާނަކު ވަނީ މަގުގެ ދެ ލޭނު ވަކިކުރަން ލާފައި ހުރި އެ ކުލަގަނޑުގެ މަތިން އިއްޔެ ވެސް އޭނާ އެކްސިޑެންޓުވި ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި، މީގެ ދޮޅު އަހަރު ކުރިން ވެސް ހަމަ އެތަނުގައި އޭނާ އެކްސިޑެންޓުވި އެވެ.

"ކުރިން އެކްސިޑެންޓުވުމުން އެތަނުން ދުއްވާފައި ދިޔައީ ވަރަށް ބަލައިގެން، މަޑުމަޑުން. އެކަމަކު ހަމަ އެ ކުލަގަނޑު މަތިން، ހަމަ އެތަނަށް ވެއްޓިއްޖެ،" އެ ޒުވާނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެކްސިޑެންޓުގައި އިނގިއްޔަކާއި މޭގެ ކަށިގަނޑެއް ބިންދައިގެން ދިޔަ އެވެ. ދޮޅު އަހަރު ކުރިން ވެސް އެކްސިޑެންޓު ހިނގީ، ޒުވާނާ ބުނި ގޮތުގައި، ރޭ އެ ހިތާމަވެރި ހާދިސާ ހިނގިގޮތަށް، އޭނާ ދުއްވި ސައިކަލު ކަހައިލައިގެން ގޮސް ކާރެއްގައި ޖެހި އެވެ. އެ ފަހަރު އޭނާގެ ގައިގެ އިތުރު ކަށިތަކެއް ބިނދުނު ކަމަށް ބުންޏެވެ.

 ދެ އެކްސިޑެންޓު ހިނގީ ވެސް، އޭނާ ބުނި ގޮތުގައި، ވާރޭ ވެހި މަގުތެމިފައި އޮއްވަ އެވެ. 

"ކުރިން ވެސް ޝައްކު ކުރެވުނު އެއީ އެތަނުގައި ލާފައި ހުރި ކުލައިގެ ސަބަބުން ހިނގި ކަމެއް ކަމަށް. އެކަމަކު މިހާރު އެކަން ޔަގީންވެއްޖެ. ހިތާމައަކީ ރޭ އެތަނުން މީހެއްގެ ފުރާނަ ދިޔުމުން،" އޭނާ ބުންޏެވެ.

"ފަހުން އެނގުނު ގޮތުގައި އެތަނުގެ ކުލަ ހުރީ ވަރަށް ފަހުން އާކޮށްފައި."

އެއާޕޯޓާއި ހުޅުމާލެއަށް މަގު ވަކިވާ ހިސާބުން، މަގު ވަކިކުރަން ދަމާފައި ހުންނަ ކުލަގަނޑު މަތިން ވެހިކަލް ދުއްވަން މަޖުބޫރުވެ އެވެ. ސައިކަލުގެ އިތުރުން ކާރު ވެސް އެތަނުން ދާއިރު ކަހާލާ ކަމަށް ބައެއް މީހުން ބުނެ އެވެ.

އެ ޒުވާނާގެ ޕޯސްޓަށް ގިނަ ބަޔަކު ވަނީ ހަމަ އެކަހަލަ ތަޖުރިބާތަކެއް ކުރި ކަމަށް ބުނެ ކޮމެންޓުކޮށްފަ އެވެ. ހާއްސަކޮށް، މަގުމަތީގައި ކުލަ އާކޮށްފައި ހުންނަ ދުވަސްވަރު އެކްސިޑެންޓުތައް ހިނގައި ބޮޑެތި އަނިޔާތައް ވެފައިވާކަން ފާހަގަކޮށްފައި ވެ އެވެ. އެހެންވެ، ދުއްވާ މީހުންނަށް އެކަން އެނގޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ބެހެއްޓުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް (2)

އަސްލުވެސް

14 މޭ 2026
ލޭނު ވަކިކުރަން ދަމާފައި ހުންނަ ލައިނަކީ އޭގެ މަތިން ދުއްވަން ހުންނަ ތަނެއް ނޫން. އިންޓަރނޭޝަނަލް ރޯޑް މާރކިން މިންގަނޑު ތަކެއް ހުރޭ. ރޯޑު މާރކިން މެކިން ޕެއިންޓު ނޫން ޕެއިންޓެއް ލާފައި ހުރިއްޔާ އެކަން ކުރި ބަޔަކު ޒިންމާދާރު ކުރުވަން ޖެހޭ.. ކަހާލަނީ ކޮންޓްރޯލް ނުކުރެވޭ ސްޕީޑެއްގައި ދެވޭތީ. އެކަން ޑިޕެންޑު ވާނެ އެމީހެއްގެ ސައިޒާއި ، ސައިކަލު ސައިޒާއި ، ދުއްވާ ސްޕީޑަށް ، ބާރު ސްޕީޑުގައި ދުއްވަން ހުއްދަ ސަރަހައްދުތަކުގައި ދުއްވާއިރު ދެފުރޮޅު އުޅަނދު 4 ފުރޮޅު އުޅަނދު ތައް ކައިރިން ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން.. ހާއްސަކޮށް ޕެއިންޓު މަތިން ދުއްވާއިރު އަދި ވާރޭވެހި މަގުތެމިފައި ވާއިރު ދުއްވާއިރު ދުއްވާ މީހުން ހާއްސަ ސަމާލުކަމެއް ދިނުން ރަނގަޅު ވާނެ އަދި ދަތުރު ދުއާއިން ކަމެއް ހިނގި ކަމުގައި ގެއްލުން ކުޑަކޮށްދޭކަން ފާހަގަވޭ
0 0

މީހާ

14 މޭ 2026
ނުކުރާނެ ތިކަމެއް ގެރެންޓީ. ވަރަށް ވިޔާނުދާ ސިޓީ ކައުންސިލެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް