ބާރަށު މޮނިއުމެންޓުގެ ޑިޒައިން. ގިނަ ބައެއްގެ ސަމާލުކަން މި ޑިޒައިނަށް ވަނީ ލިބިފައި (ފޮޓޯ/ބާރަށު ކައުންސިލް)
ބާރަށު މޮނިއުމަންޓް: އަނެއްކާވެސް ތަފާތު، ރީތި މަސައްކަތެއް
ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ރަށުގެ ނަމާއި ސިފަތައް ރަމްޒުކޮށްދޭ ގޮތަށް މޮނިއުމެންޓްތައް ހަދަމުންދާ މި ދުވަސްވަރު، ހއ. ބާރަށު މޮނިއުމަންޓްގެ ޑިޒައިނަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - ދިވެހި ތާރީހުގެ މުހިއްމު ރަށެއްގެ ގޮތުގައި ބަލާ ބާރަށުގެ މޮނިއުމަންޓް ޑިޒައިން އިއްޔެ ދައްކާލުމާ އެކު ގިނަ ބަޔަކު އަޅައިގަތީ، އެ މޮނިއުމަންޓުން އެ ތާރީހު ފެންނަން ހުރުމުންނެވެ. ބާރަށު ކައުންސިލުން ބުނިގޮތުގައި މޮނިއުމެންޓުން ރަމްޒުކޮށްދޭން ބޭނުންވީ ވެސް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށް މުހައްމަދު ތަކުރުފާނު ނުވަތަ ބޮޑުތަކުރުފާނު ކުރެއްވި ޖިހާދެވެ.
މޮނިއުމެންޓު ދުރުން ބަލާލާއިރު ސިފަވަނީ ތާނައިގެ ބ. އަކުރެވެ. އޭގެ ތެރެއިން މެދުގައި ދެން ފެންނަން ހުންނަނީ، ބޮޑުރަސްގެފާނުގެ ޖިހާދުގެ ދަތުރަށް ބޭނުންކުރެއްވި އޮޑިކޮޅު ނުވަތަ ކަޅުއޮއްފުންމި އެވެ.
ކައުންސިލުން ބުނިގޮތުގައި ކަޅުއޮއްފުންމިއަކީ އެ ޑިޒައިންގެ މައިގަނޑު އަސާސެވެ.
"މި އޮޑިކޮޅު ބެންނެވީ ބާރަށުގަ އެވެ. އޮޑިކޮޅު ބެންނެވި އޮޑިވަޅާއި ހަރުގެ އެޅުއްވުމަށް ޖެއްސެވި ނިކަމުޑިތައް ފެންނަން އެބަހުއްޓެވެ،" މޮނިއުމަންޓާ ގުޅޭ ގޮތުން ކައުންސިލުން އާއްމު ކުރި ލިޔުމުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން:
-
ބިނާގެ މަތިން ބަލާލާއިރު ދެ ބުރު ފެންނަން ހުރޭ. އެއިން ރަމްޒުކޮށްދެނީ، ކަޅުއޮއްފުންމި ބަންނަމުން ދިޔަ ދުވަސްވަރު އެ މަސައްކަތް ބޭނުން ކުރި ވަޅުތައް. މިހާރު ވެސް އެ ވަޅުތައް ބާރަށުގައި ހުރޭ
-
މޮނިއުމެންޓް ބ. އަކުރުގެ ބައްޓަމަށް ޑިޒައިންކޮށްފައިވާއިރު އޭގެ ތެރޭގައި ތާނަ އަކުރު ބޭނުންކޮށްގެން، ލިޔުންތައް ހިމަނާފައިވޭ. އޭގައި ހިމެނެނީ ބާރަށާ ގުޅުން ހުރި ނަންތަކާއި ތަންތަން
-
ތިން ބ. އަކުރު ޑިޒައިންގައި ހިމަނާފައިވާއިރު އެއިން ރަމްޒުކޮށްދެނީ، ރަށުގެ ތިން ބެރެބެދި. އެއީ ބާރަށު ރެހެންދި ގޮއްޔެ މަލިކަށް ގެންދެވުމަށް ރޭގަނޑު ދަންވަރު ކަޅުއޮއްފުންމީގައި ހަސަން ތަކުރުފާނު އައިސް، ފުއްޓަރު ފަރާތު އިރުދެކުނުގައި މަޑުކުރައްވައި، އެކަމަނާ ގޮވައިގެން ފުރި ސަރަހައްދު
"މުޅި ބާރަށުގެ ވާހަކަ ކިޔައިދޭ ގޮތަށް މިތަން ފަރުމާކޮށްފައި އެވަނީ،" ބާރަށު ކައުންސިލްގެ ރައީސް ސަފްއަތު މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ ޑިޒައިންގެ މަސައްކަތް ނިންމައި، އާއްމުންނަށް ދައްކާލި ނަމަވެސް އޭގެ އަމަލީ މަސައްކަތް ކުރާނީ ކައުންސިލްގެ ދެން އަންނަ ދައުރުން ކަމަށެވެ. އެހެންވެ، އެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ތާރީހެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ސަފްއަތު ވިދާޅުވީ މިހާރު އޮތް ކައުންސިލުން މޮނިއުމަންޓްގެ މަސައްކަތް ނިންމޭތޯ ވަރަށް ބެލި ކަމަށާއި އެކަމަކު ޑިޒައިންކޮށްދޭނެ ބަޔަކު ނުވެގެން ދެ އަހަރު އެކަމަށް ހޭދަވި ކަމަށް ވިދާޅުވި އެވެ. ކައުންސިލުން އެކަމަށް، 250،000ރ.ގެ ބަޖެޓެއް ވެސް ކަނޑައެޅި ކަމަށް ވިދާޅުވި އެވެ.
"އެންމެ ފަހުން އަދިކިރިޔާ މި ޑިޒައިންގެ މަސައްކަތް ދައްކާލެވޭވަރުމިވީ. އަޅުގަނޑުމެން އުއްމީދުކުރަނީ ދެން އަންނަ ކައުންސިލުން މިމަސައްކަތް ކުރިއަށް ގެންދާނެ ކަމަށް،" ސަފްއަތު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރުމަތީގައި އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓްތައް، ރަށުގެ ނަމާއެކު ހަދާފައި ހުރެ އެވެ. ގިނަ ރަށްރަށުގައި އެ މޮނިއުމެންޓްތައް ހަދާފައި ހުންނަނީ، ރަށަށް އަރާ މީހުންގެ ސަމާލުކަން ހުއްޓޭނެ ފަދަ ގޮތަކަށެވެ.
ކޮމެންޓް (1)
ރަހާބެ