އިރުތިޝާމް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ މިދިޔަ މަހުގެ ފަހުކޮޅު ބައްދަލުކުރައްވަނީ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-އިންޑިއާ

އިރުތިޝާމްގެ މިނިސްޓަރުކަމުގައި ފުރަތަމަ ރަސްމީ ދަތުރު އިންޑިއާއަށް

މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެ؛ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ
12 މޭ 2026

ފޮރިން މިނިސްޓަރުކަމާ މިދިޔަ މަހު ހަވާލުވެވަޑައިގެންނެވި އިރުތިޝާމް އާދަމްގެ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އިނގިރޭސި ސަފީރަކަށް ހުންނެވި އިރުތިޝާމް ފޮރިން މިނިސްޓަރަކަށް އައްޔަންކުރީ، އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް ވަކިކުރުމަށް ފަހު އެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ދަތުރުގައި:

  • އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެ 

  • މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ

އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު އިއްޔެ ދައްކާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެސްބީއައި މެދުވެރިކޮށް ދޫކޮށްފައިވާ އެ 200 މިލިއަން ޑޮލަރުގެ ތެރެއިން ދެން ބާކީ އޮތީ 50 މިލިއަން ޑޮލަރެވެ. އެ އަދަދު ވެސް އަންނަ 17 ސެޕްޓެމްބަރުގައި ދައްކަން ޖެހޭނެ އެވެ.

މީގެ އިތުރުން، ރާއްޖެއިން އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކަންޖެހޭ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުނުވުމުން ދިވެހި ސަރުކާރުން އެ ފައިސާ ވަނީ މިދިޔަ މަހުގެ ފަހުކޮޅު ދައްކާފަ އެވެ. އެއާ އެކު، އިންޑިއާއިން ރާއްޖެއަށް ވަނީ 30 ބިލިއަން ރުފީސް (319 މިލިއަން ޑޮލަރު)ގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޫކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް