ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް
ދަރިފުޅަށް ދިން ޒަހަމްތައް ފެނި ހާލު ދެރަވި މަންމަ މަރުވެއްޖެ
އއ. ރަސްދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޗައިނާގެ މީހަކު އެ ރަށުގެ މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލުމުން، ދަރިފުޅު އޮތް ހާލު ފެނި ހާލު ދެރަވި އޭނާގެ މަންމަ މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފިރިހެން މީހާއަށް ހަމަލާދިނީ، އެ ރަށުގައި ގެސްޓްހައުސްއެއް ހިންގާ ޗައިނާގެ މީހެކެވެ. އެ ފިރިހެން މީހާ ވެސް މަސައްކަތް ކުރަނީ އެތަނުގަ އެވެ. ފައިސާގެ މުއާމަލާތެއްގައި ހިނގި ހަމަނުޖެހުމުގައި ފިރިހެން މީހާއަށް ހަމަލާދިނީ ދަގަނޑުބުރިއަކުން ބޮލުގައި ޖަހަ އެވެ.
ތަފްސީލް - "އަނެއް ދުވަހު އެ ފިރިހެން މީހާގެ މަންމަ [ޒާހިދާ އިދުރީސް] ދިޔައީ ހޮސްޕިޓަލަށް އެތަނުގައި އޮތް މީހަކަށް ގޮވާލަން. އެތަނުން އޭނާއަށް ފެނުނީ ދަރިފުޅު އެޑްމިޓްކޮށްފައި އޮއްވާ،" މައުލޫމާތު އެނގޭ މީހަކު 'ދައުރު'އަށް ކިޔައިދިނެވެ.
"އޭރު ވެސް އެ ފިރިހެން މީހާ ހޭނާރާ. ވަރަށް ވަރުވެފައި އޮތީ."
އެ މަންޒަރު ފެނުމުން އުމުރުން ދުވަސްވީ މަންމަ ވަގުތުން ހޭނެތިގެން ވެއްޓުނެވެ. ފަހުން އެނގުނު ގޮތުގައި މަންމައަށް ޖެހުނީ ހާޓްއެޓޭކެކެވެ. އަދި ހަމަ އެ ދުވަހު އެ މީހުންނަށް ފަރުވާ ދިނުމަށް މާލެ ވަނީ ގެނެސްފަ އެވެ.
ހޮސްޕިޓަލުގައި ހޭނާރާ އޮވެ، އަންހެން މީހާ މިއަދު ވަނީ މަރުވެފަ އެވެ. ޒަހަމްވި ފިރިހެން މީހާގެ ހާލު ރަނގަޅު ކަމަށް ވެ އެވެ.
އެނގުން މުހިއްމު - މި މައްސަލައާ ގުޅިގެން ޗައިނާގެ ފިރިހެން މީހާ ވަނީ އެ ރޭ ހައްޔަރުކުރި ނަމަވެސް ފަހުން އޭނާ ދޫކޮށްލި އެވެ. އަދި އެކަމާ ހިތްހަމަ ނުޖެހި އެ ރަށުގެ ބައެއް މީހުން، ގެސްޓުހައުސް ދޮށަށް އެއްވެ އަޑުއުފުލާފައިވެ އެވެ.