އެމްއެމްޕީއާރުސީގެ އޮފީސް ކުރިން ހިން ގިތަން
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާއެއް ކުރަން ހުށައަޅައިފި
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ 'ޕޮޕިޔުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް'ގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވައިިފި އެވެ.
ވީ ކިހިނެއް؟ - އޭސީސީއިން މިއަދު ބުނީ އެ މައްސަލާގައި ދައުވާކޮށްދޭން ޕީޖީއަށް ފޮނުވީ މިދިޔަ 10 ފެބްރުއަރީގައި ކަމަށެވެ.
ތަފްސީލް - އޭސީސީއިން ބުނީ ފެބްރުއަރީ 2014އިން އޮކްޓޯބަރު 2015ގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގުން ހާމަވާ ކަމަށެވެ.
އެގޮތުން:
-
13 ޖުލައި 2015ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150،000 ޑޮލަރު، ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކުރި
-
މިއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ދައްކަން އެ ކުންފުނިން މަސައްކަތް ކޮށްފައިވޭ
-
މި ފައިސާގެ އަސްލު އޮޅުވާލާ، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި ފައިސާ ލިބުނު ގޮތް އޮޅުވާލަން ޕޮޕިއުލާ މޯލްޑިވްސްއިން މަސައްކަތްކުރި
-
ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކީ ކުށްކޮށްގެން ހޯދި ފައިސާކަން ތަހުގީގަށް ވަނީ ހޯދިފައި
-
ތ.އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހެދި އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި އެ ރަށް ރިސޯޓަކަށް ތަރައްގީ ކުރަން ވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަކޮށްފައި ނުވާ ނަމަ ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލްކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވޭ
-
ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަހުގީގަށް ވަނީ ފާހަގަވެފައި
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހެޅީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާ ކަމަށް އޭސީސީއިން ބުންޏެވެ.
އޭސީސީއިން ބުނީ ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދި 150،000 ޑޮލަރު ވެސް އެ ދައުވާގެ ތެރެއިން ދައުލަތަށް ނަގައިދޭން އެދިފައިވާނެ ކަމަށެވެ.
ތ. އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހެދި އެއްބަސްވުމުގެ ދަށުން ޕޮޕިއުލާ މޯލްޑިވްސްއަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައި ނުވާތީ އެ ރަށް ދައުލަތަށް އަނބުރާ ނަގަން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވަން ވެސް ނިންމާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.
އޭސީސީއިން ބުނީ މި މައްސަލައިގެ އިތުރުން ވެސް އެމްއެމްޕީއާރުސީއާ ގުޅޭ ސީރިއަސް ގިނަ މައްސަލަތަކެއްގައި ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީ އޮފީހާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން ދިޔައީ އެސްއޯއެފްގެ އެކައުންޓަށެވެ. އެ އެކައުންޓުން އެހެން މީހުންނަށް އެ ފައިސާ ދީ، މަނީ ލޯންޑަރިންގެ ގިނަ އަމަލްތަކެއް ހިންގި އެވެ.
އެ އެކައުންޓު 2020 ގައި ފްރީޒް ކުރުމަށް ފަހު 2022ގައި ވަނީ ދޫކޮށްލައިފަ އެވެ.