އީދު ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރު. (ފޮޓޯ/ރައީސް އޮފީސް)

ކުޑަކުދިން

އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް އާ ނުރައްކާތައް ކުރިމަތިވޭ: ރައީސް

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ކުޑަކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ބައެއްކުދިންނަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމަށް

އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް އާ ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ކުޑަކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމަށެވެ.

ތަފްސީލް -  ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާއިރު، މިއީ ކުޑަކުދިންގެ ހައްގުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އާއިލާ ތެރެއިންނާއި ސްކޫލު މާހައުލުން އެ ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ، ބޮޑެތި މީހުންގެ ޒިންމާއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ގައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ތުލުސްދޫގައި ބައެއް މީހުން އަދި ކުޑަކުދިން ހިނގާފައި ދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި އެ ކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށްދިނުމަށް ކަމަށާއި ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ކަށަވަރުކުރާ ކަމަށެވެ.

އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް