އަމިއްލަ އެކައުންޓްތައް 'ކުއްޔަށް' ދޫކުރުމަށް އިޝްތިހާރު ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގައި ބެދިދާނެ އަމަލެއް ކަމަށް ފުލުހުން ބުނޭ

ފުލުހުން

ބޭންކް އެކައުންޓް 'ކުއްޔަށް' ދީގެން ބޮޑު ކުށެއްގައި ބެދިދާނެ: ފުލުހުން

މިގޮތަށް ކުއްޔަށް ނަގާ އެކައުންޓްތައް ބޭނުން ކުރަނީ ސްކޭމް ފައިސާ ދައުރުކުރުމަށް ކަމަށާއި އެހެންވެ، އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ދޫކުރުމަކީ މިފަދަ ޖިނާއީ ކުށްތަކަށް އެހީތެރިވެދިނުމުގެ އަމަލެއް ކަމަށް ފުލުހުން ބުނޭ

އަމިއްލަ ބޭންކް އެކައުންޓުގެ މައުލޫމާތު ހިއްސާކޮށް، އެކައުންޓް 'ކުއްޔަށް' ދޫކުރުމަކީ ޖިނާއީ ބޮޑު ކުށެއްގައި ބެދިދާނެ ކަމުގެ އަމަލެއް ކަމަށް ފުލުހުން ބުނެފި އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި މިގޮތަށް އެކައުންޓް 'ކުއްޔަށް' ދޫކުރަނީ އުޖޫރައެއް ނަގައިގެން އަމިއްލަ ބޭންކް އެކައުންޓުގެ ކޮންޓްރޯލް އެހެން މީހަކަށް ދީގެންނެވެ. މި ގޮތަށް އެކައުންޓު ކުއްޔަށް ދޫކުރާ ކަމުގެ އިޝްތިހާރުތައް ޓިކްޓޮކާއި ޓެލެގްރާމް މެދުވެރިކޮށް މިހާރަކަށް އައިސް ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވާ އަދި އޭގެ ސަބަބުން ގާނޫނީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކޮންމެ ބޭންކް އެކައުންޓެއް ވެސް ބޭނުންކުރަންޖެހެނީ އެ އެކައުންޓެއް ރަޖިސްޓްރީކޮށްފައިވާ މީހާގެ އަމިއްލަ ބޭނުމަށް އެކަންޏެވެ.

ފުލުހުން ބުނީ:

  • އެކައުންޓް އެހެން މީހަކަށް ބޭނުންކުރަން ދިނުމަކީ މުއާމަލާތުގެ ހަގީގީ ވެރިފަރާތް އޮޅުވާލުމަށް ހިންގާ ޖިނާއީ އަމަލެއް ކަމަށް 

  • ހަގީގީ ވެރިފަރާތް އޮޅުވާލުމަކީ މި ގާނޫނުތަކުގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެއް ކަމަށް

  • އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ 'މަނީ މިއުލް'އެއްގެ ގޮތުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމުގައި ބައިވެރިވުން ކަމަށް ބެލެވޭނެ ކަމަށް. އަދި މިފަދަ އެކައުންޓެއް މެދުވެރިކޮށް ގާނޫނާ ހިލާފު މުއާމަލާތެއް ހިންގައިފި ނަމަ، އެއީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ކަމެއްކަމަށް ބުނެ ޒިންމާއިން ބަރީއަނުވެވޭނެ ކަމަށް

 ފުލުހުން ބުނިގޮތުގައި މިގޮތަށް 'ކުއްޔަށް' ނަގާ އެކައުންޓްތައް ބޭނުން ކުރަނީ މަކަރާއި ހީލަތުން ފޭރޭ ފައިސާ ދައުރުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމަށެވެ. އެހެންވެ، އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރުމަށް ދޫކޮށްލުމަކީ މިފަދަ ޖިނާއީ ކުށްތަކަށް އެހީތެރިވެދިނުމުގެ އަމަލެއް ކަމަށް ބުންޏެވެ.

"އެ ފަރާތެއްގެ ބޭންކް އެކައުންޓްގެ މައުލޫމާތު، ޕިން ނުވަތަ އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރެއްވުމަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ. ފަސޭހައިން ފައިސާ ލިބޭނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ މިފަދަ އިޝްތިހާރުތަކަށް އިޖާބަ ނުދެއްވާށެވެ،" ފުލުހުންގެ އެންގުމެއްގައި ބުނެފައި ވެ އެވެ.

އެނގުން މުހިއްމު - ރާއްޖޭގައި ފަހަކަށް އައިސް، ސްކޭމްކޮށްގެން ގިނަ އަދަދެއްގެ ފައިސާ އާއްމުންގެ އަތުން ފޭރޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިގޮތަށް ފޭރިގެން މިލިޔަނުން ބައެއް މީހުން ހޯދަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް