ދިވެހި ޕާސްޕޯޓު: އީ-ޕާސްޕޯޓު ދޫކުރުން މިހާރު ވަނީ މެދުކަނޑާލާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިފު)

އިމިގްރޭޝަން

ޕްރިންޓް ނުކުރެވިގެން އީ-ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި

ޕްރިންޓު ނުކުރެވެނީ، އިމިގްރޭޝަނުން ބުނިގޮތުގައި، ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ނުގެނެވި ލަސްވެގެން

ދިވެހި 'އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް' ޕްރިންޓް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ނުގެނެވި ލަސްވެގެން، އެ ފަދަ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި އެވެ.

ތަފްސީލް - އިމިގްރޭޝަނުން މިއަދު ބުނިގޮތުގައި ނުގެނެވި ލަސްވަނީ، އީ-ޕާސްޕޯޓް ޕްރިންޓު ކުރުމަށް ބޭނުން ކުރާ 'ޕާސްޕޯޓް ބުކްލެޓް'ގެ ސްޓޮކެވެ. އެހެންވެ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދެން ދޫކުރާނީ 'ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް' ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި:

  • މިގޮތަށް ނިންމީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް

  • ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް އެއްޗެއް

  • މިއީ ވެސް ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެއް

އީ-ޕާސްޕޯޓު ދޫކުރަނީ 1،000 ރުފިޔާ އަށެވެ. އެކަމަކު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާ އެވެ.

އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުން ވެއްޖެ ނަމަ، 'ކެންސެލޭޝަން ފީ'އަކާ ނުލައި އެކަން ކޮށްދޭނެ ކަމަށެވެ. މީގެ ކުރިން އެ ހާލަތުގައި ފީއެއް ނަގަ އެވެ.

ކޮމެންޓް (1)

ޒުއީމު

9 މޭ 2026
ރައްޔިތަކު ބޭނުންވާ ހިދުމަތެއް ނުދެވެންޏާ ނޫނީ ކުރިންދެމުންއައި ހިދުމަތް އެގޮތުގައި ނުދެވެންޏާ ތިޔަކަހަލަ ޒިންމާދާރު މަޤާމުތަކައި ހާވާލުވެތިބޭމީހުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގަ ކޮށްއުޅޭކަމެއް އޮވޭ މިވެރިން ހަމަ ކަރިބަކެކޭވެސް ހޮތަށް ނާރާދޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް