ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު؛ އިވެންޓްސްގެ ތަކެތި ޕީއެސްއެމްގެ ގުދަނެއްގައި ހުރި މައްސަލަ ދިފާއުކުރެއްވި (ދައުރު ފޮޓޯ/ އަނޫދް ޖުނައިދު)
ޕީއެސްއެމް ގުދަނެއްގައި އިވެންޓްސްގެ ތަކެތި؛ ޝުޖާއު ވިދާޅުވީ ޕީއެސްއެމް އިވެންޓަކަށް ބެހެއްޓީ ކަމަށް
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ގުދަނެއްގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ 'އޮފިޝަލް އިވެންޓްސް' ކުންފުނީގެ ތަކެތި ހުރި މަންޒަރު ފެންނަ ފޮޓޯއެއް މީޑިއާއެއްގައި ރިޕޯޓްކުރުމުން އެކަން ޝުޖާއު ދިފާއު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުން ރިޕޯޓްކުރި ހަބަރުގައި ހިމެނޭ ފޮޓޯއިން ސައުންޑް ސިސްޓަމާއި، ލައިޓިންއަށް ބޭނުުންކުރާ ތަކެއްޗާއި އެކި ވައްތަރުގެ ގޮނޑި މޭޒުގެ އިތުރުން އިވެންޓްތަކަށް އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ފެނެ އެވެ.
ތަފްސީލް - 'އަދަދު'ގެ އެ ހަބަރު ހިއްސާކުރައްވަމުން ޝުޖާއު އެކްސްގައި ލިއުއްވީ އެ ފޮޓޯއިން ފެންނަނީ ޕީއެސްއެމްގެ ނިމިދިޔަ ޤުރްއާން މުބާރާތާއި މަދަހަ މުބާރާތުގެ އިވެންޓަށް ގެންދިޔަ ސާމާނު ކަމަށެވެ.
އެއީ އެ ކުންފުނީގެ ސީއެސްއާރު (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިޕިލިޓީ) ނުވަތަ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ކުރި މަސައްކަތެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ޒިންމާގެ ތެރެއިން ޕީއެސްއެމްގެ ވަރަށް ގިނަ އިވެންޓްތައް މެނޭޖުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީއެސްއެމްގެ ބޯޑު ޑިރެކްޓަރަކަށް އިންނަވާ އަހުމަދު އަދުހަމަކީ އޮފިޝަލް އިވެންޓްސް ޑިރެކްޓަރެއް ކަން ވެސް ޝުޖާއު ފާހަގަކުރެއްވި އެވެ.
"އޮފިޝަލް އިވެންޓްސްގެ ޑިރެކްޓަރ އަހްމަދު އަދުހަމަކީ ޕީއެސްއެމްގެ ބޯޑް ޑިރެކްޓަރެއް ކަމުން ޕީއެސްއެމްގެ ތަފާތު އިވެންޓްތައް އޮފިޝަލް އިވެންޓްސްގެ ސީއެސްއާރުގެ ދަށުން ހަދައިދެމުން ގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.
"އޮފިޝަލް އިވެންޓްސްގެ މުދާ ރައްކާކުރާނެ ގުދަން ހުންނާނެ. މުދާ ރައްކާކުރާނީ އެ ގުދަންތަކުގައި،" އެ ޕޯސްޓްގައި ޝުޖާއު އިތުރަށް ލިއުއްވާފައިވެ އެވެ.
މިއީ ހަޤީގަތާ ހިލާފު ވާހަކައެއް.މިޚަބަރަށް މަޢުލޫމާތު ސާފުކުރުމަށް އަޅުގަނޑަށް ގުޅީމަވެސް ދެންނެވިން ތީދޮގެއް ކަމަށް.އިތުރަށް މަޢުލޫމާތު ސާފުކުރުމަށްވެސް ދެންނެވިން.
— Ibrahim Shujau (@IbrahimShujaau) May 7, 2026
އޮފިޝަލް އިވެންޓްސްގެ ޑިރެކްޓަރ އަހްމަދު އަދުހަމަކީ PSM ގެ ބޯޑް ޑިރެކްޓަރެއް ކަމުން PSM ގެ ތަފާތު އިވެންޓްތައް… https://t.co/rUqZRzS5NQ
ފާހަގަކޮށްލެވޭ ކަމެއް - ޝުޖާއު އާއި އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އަދުހަމްއާ ބެހޭ ގޮތުން އެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މުއާމަލާތްތަކެއްގެ މައްޗަށް، އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ން ރިޕޯޓެއް ވެސް ތައްޔާރުކުރި އެވެ.
އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:
-
ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން
-
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް
-
ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި
-
ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓް ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި
-
އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމްލަ އަގަކީ 20 މިލިއަން ރުފިޔާ
-
އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ