ޕީއެންއެފްގެ މުޒާހަރާއެއްގައި ސޯފާއެއް މަގުމައްޗަށް ނެރެ ބަހައްޓައިގެން މުޒާހަރާގެ ބައިވެރިން ސޯފާގައި އިށީނދެގެން (ފޮޓޯ/ޕީއެންއެފް)

ޕީއެންއެފް

އީސީގެ ބަޔާނުން ޕާޓީގެ ނަން ކިލަނބުވޭ، ފިޔަވަޅު އަޅަން އެދޭނަން: ޕީއެންއެފް

އީސީގެ ބަޔާނުގައި އޮތީ ޕީއެންއެފުން މިހާރު މަގުމަތީ ހަރަކާތްތައް ހިންގަނީ ޑިމޮކްރަސީއާ ހިލާފަށް ކަމަށާއި އެކަން ނުހުއްޓާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން މިހާރު ހިންގަމުންދާ މަގުމަތީ ހަރަކާތްތައް ނުހުއްޓާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ބަޔާނަށް އެ ޕާޓީއިން ރައްދު ދީފި އެވެ.

ވީ ކިހިނެއް؟ - 'އަދަދު' ނޫހުން މިދިޔަ މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކުރި ފަހުން ޕީއެންއެފްގެ މުޒާހަރާތަކުގައި ދަނީ އެ ވާހަކަ ދައްކަމުންނެވެ. އަދި ގިނަ ރޭތަކުގައި މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ސޯފާއެއް ނެރެ ބަހައްޓައިގެން އެ މަންޒަރުތައް ލައިވްކޮށް ދައްކަ އެވެ.

އެކަން ކުރަމުން ދަނީ، ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށް ބުނެ އީސީއިން ވަނީ ދެ ފަހަރެއްގެ މަތިން ބަޔާން ނެރެފަ އެވެ. އަދި އެކަން ނުހުއްޓާ ނަމަ، ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެންމެ ފަހުން ވަނީ ދީފަ އެވެ.

ތަފްސީލް - އީސީގެ މި ބަޔާން، ޕީއެންއެފުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ޕާޓީއިން ބުނީ އީސީއިން ތުހުމަތުކުރާ ގޮތަށް، ސިލްސިލާކޮށް މި ދުވަސްވަރު އެއްވެސް ސިޔާސީ ހަރަކާތެއް އެ ޕާޓީއިން ކުރިއަށް ނުގެންދާ ކަމަށެވެ.

އަދި އީސީއިން އެ ބަޔާން ނެރުނީ ޕާޓީގެ ނަން ކިލަނބުވާ ގޮތަށް، ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެފައި ވެ އެވެ.

"އަދި މިފަދަ ކަންކަން ތަކުރާރުކުރައްވާ ނަމަ، ގާނޫނީ ފިޔަވަޅު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހިންގުމަށް މި ޕާޓީއިން އެދޭނެ ވާހަކަ ދަންނަވަމެވެ،" ޕީއެންއެފުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ޕާޓީއިން ބުނީ ސިޔާސީ ޕާޓީއަކުން މުޒާހަރާ ކުރަން ޖެހޭ ހާލަތުގައި ވެސް އީސީއިން ނަގަން ޖެހޭ ހުއްދައެއް ނޯންނާނެ ކަމަށެވެ. އަދި މާލޭގެ އެއްވެސް އާއްމު ބިމަކަށް އެ ކޮމިޝަނުގެ މެންޑޭޓެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުންޏެވެ.

ޕީއެންއެފުން ވަނީ، އީސީގެ ބަޔާން ލިޔެފައި އޮތްގޮތަށް ވެސް ފާޑުކިޔާފަ އެވެ. އެގޮތުން ބަޔާނުގެ އެއް ޕެރެގްރާފު އަނެއް ޕެރެގްރާފާ ފުށުއަރައި، ދިމާނުވާ ކަމަށް ބުންޏެވެ. އަދި އެއް ޕެރެގްރާފްގައި ބުނެފައިވާ ވާހަކަތައް، އަނެއް ޕެރެގްރާފްގައި ނަފީކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް