ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއް (ފޮޓޯ/ރައީސް އޮފީސް)

ރައީސް އެދިވަޑައިގަތީ ތެދުބުނެ، ހަގީގަތާ އެއްގޮތަށް ލިޔުމަށް

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓާ އެންމެ މަތީ އެއް މަސްލަހަތަކީ ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި، ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުން ކަމަށް ރައީސް ވިދާޅުވި

ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮތަށް ލިޔާ އަދި ތެދު ބުނާ މީހުންނަށް ރައްކާތެރި ވެއްޓެއް ބިނާކުރުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މުއިއްޒު ދެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ، ހާމަކަން ބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެެރިކަން ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ރައީސް ވިދާޅުވީ މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި  އޮންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ.

އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީ އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމު ކަނޑައަޅުއްވަމާ ހިންގަވާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓާ އެންމެ މަތީ އެއް މަސްލަހަތަކީ ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި، ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުން ކަމަށެވެ. ނޫސްވެރިންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ ހުރިހާ ހައްގެއް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު  ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މިނިވަން މީޑިއާއަކީ ހައްގެއް ޒިންމާއެއް ކަމަށް ވިދާޅުވެ، ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ އަދި އޭގެ ސަބަބުން އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ކަމަށެވެ.

"ހަމަ އެހެންމެ ދިވެހިން ގަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށް ވެސް މީޑިއާ ވާންޖެހެ އެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި ހާމަކަމާއި ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔަމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިތޯބުގައި ނޫސްވެރިކަމުގެ މުސްތަގުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން، މޯލްޑިވްސް 2.0 ހުރިހާ ގޮތަކުން ވެސް ތަނަވެސްވެގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަގުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ނޫސްވެރިން (ފޮޓޯ/ރައީސް އޮފީސް)

އެ މަނިކުފާނު ވިދާޅުވީ: 

  • ރާއްޖޭގެ އާބާދީ ކުޑަކަމުން ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި

  • އެކަމަށް ހައްލު ހޯދައި ދުނިޔެއަށް އަންނަ ބަދަލުތަކާ ފައިހަމަކުރާނެ މީޑިއާގެ އިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒު

ރައީސް ވަނީ ބަވަނަވަމުން އަންނަ ދުނިޔޭގައި ދޮގު މައުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާ މެދު ވެސް ރައްކާތެރިވުމަށް ވެސް ގޮވާލައްވައިފަ އެވެ. މިއީ ރައްޔިތުންނަށް ތެދު މައުލޫމާތާއި ބަހަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭ ކަމެއްކަން ހަނދާންކޮށްދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓް (4)

ހެހެ

4 މޭ 2026
މިއީ ވަރައްމަޖާ ވާހަކައެއް، މީނަ ބުނާގޮތުން މީނަޔައް އެކަނި ދޮގުހެދުމުގެ ހުއްދައޮތީ، ވަރައްރުންކުރު ޒާތީވެސްމީހެއް، ރަތްޔިތުން ތުހުމަތުކުރާ ވާހަތައް ތަހުގީގު ކުރަންފުރުސަތުދޭން އެއްފަރާތައް ޖެހި ތިމާމީހާވެސް ތަހުގީގުކުރުވަބަލަ،ލައިވްކޮށް ރަތްޔިތުނައް ފެންނަގޮތައް، ވޯޓްހޯދަން އަހަރެމެން ކައިރީބުނީ ތިމަންނަ ނުފޮރުވާނަމޭ އެކައްޗެއްވެސް، އޭރުންދޯއެގޭނީ ނުފޮރުވާކަން
1 0

ސިކުނޑި

3 މޭ 2026
ސަރުކާރުން ދޮގު ހަދާތީ ރައީސަށް ހީފުޅުވަނީ އަސްލު ދޮގު ހަދަނީ މީޑިއާހެން! ހަގީގަތަކީ މީޑިއާއިން ހަދަނީ ތެދު! ދޮގު ހަދައި އޮޅުވާލަނީ ސަރުކާރުން! އެކަން ފެށުނީ ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއަކުން!!! ކައްޗަށް އެޅި ބިންގަލެއް ކެއްޗާހަމަޔަށް ދިޔަސް ހުންނާނީ ކައްޗަށް!!
2 0

ތެފައާސާ.

3 މޭ 2026
އަހަރެމެންވެސް ވަރަށް އެދެން ރައީސްވެސް ތެދުބަހުން ހަގީގަތާއި އެއްގޮތަށް ވާހަކަދައްކަވަން ފެއްޓެވުމަށް.
4 0

އަޙްމަދު

3 މޭ 2026
ތެދު ތެދަކަށް ވަނީ ހަމަ އެކަނި ރައީސުލް ޖުމްހޫރިއްޔާ ހިތްޕުޅުވާ ކަންކަން ތޯ އޭ؟
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް