ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި (ފޮޓޯ/ރައީސް އޮފީސް)

އަލީ އިހުސާން

މި ސަރުކާރުން ގެންގުޅެނީ މަސައްކަތްތެރިންގެ އަޑު އަހައި އެކުގައި މަސައްކަތްކުރުމުގެ ރޫހު: އިހުސާން

މަސައްކަތްތެރިންގެ ދުވަހު ސަރުކާރުން ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ވަރަށް ގިނަ ކަންކަން އޮތީ 'އަތްދަށުން ދޫވެފައި' ކަމަށާއި މި ސަރުކާރުން، ތަފާތު ދައްކާ މަސައްކަތު މާހައުލެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް 'މިއަދު މި ފެށުނީ' ކަމަށް

މި ސަރުކާރުން ގެންގުޅެނީ މަސައްކަތްތެރިންގެ އަޑު އަހައި އެ މީހުންނާ އެކުގައި މަސައްކަތް ކުރުމުގެ ރޫހު ކަމަށާއި ތަފާތު ދައްކާ މަސައްކަތުގެ މާހައުލެއް ރާއްޖޭގައި ގާއިމުކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ އޮނިގަނޑަށް މިފަހުން ގެނައި ބަދަލުތަކާ އެކު މަސައްކަތްތެރިކަމާ ބެހޭ ޒިންމާތައް ވެސް އުފުއްލަވަމުން ގެންދަވާ އިހުސާން މިހެން ވިދާޅުވީ، ބައިނަލްއަގުވާމީގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ހޯމްލޭންޑް މިނިސްޓްރީން އިސްނަގައިގެން ބޭއްވި ހިނގާލުމުގަ އެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި މި ހިނގާލުން ނިންމާލީ ސޯޝަލް ސެންޓަރު ސަރަހައްދުންނެވެ.

ތަފްސީލް - އެ ހަރަކާތް ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން، އިހުސާން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަސް ރާއްޖޭގައި އަބަދުވެސް ފާހަގަކުރަމުން އައީ ސަރުކާރާ "ދެކޮޅުވެރިވާ" ދުވަހެއްގެ ގޮތުގައި ކަމަށާއި މިއަދު ސަރުކާރުން އިސް ނަގައިގެން ބޭއްވި ހިނގާލުމުގެ މަގުސަދަކީ އެކަން ބަދަލުކުރުން ކަމަށެވެ.

ބުނީ ކީކޭ؟ - "އާދެ، ވަރަށް ގިނަ ދުވަސްވަންދެން މޭ 1 ރާއްޖޭގައި ފާހަގަކުރެވެމުން އައީ މަސައްކަތްތެރިންނާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވިގެން އަންނަ ރޫހެއް ފެންނަ ކަހަލަ ދުވަހަކަށް. އެހެންނަމަވެސް މިއަދު މަސައްކަތްތެރިންގެ އަޑު އަހައި މަސައްކަތްތެރިންނާ އެކުގައި މަސައްކަތް ކުރުމުގެ ރޫހެއް އަޅުގަނޑުމެން މި ގެންގުޅެނީ،" އޭނާ ވިދާޅުވި އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުމުގައި އިހުސާން (ވ2) އާއި އިތުރު ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ޕީއެސްއެމް)

އިހުސާން ވިދާޅުވީ:

  • މަސައްކަތްތެރިންގެ ހައްގުތައް ނަގަހައްޓަންޖެހޭ ވަރަށް ގިނަ ކަންކަން "އަތްދަށުން ދޫވެފައި" އޮތްކަން ގަބޫލުކުރައްވާ ކަމަށް

  • މަސައްކަތްތެރިންނަށް ގާނޫނުތަކުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ހިމެނޭހެން އެތައް ރައްކާތެރިކަމެއް ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން ނުލިބިފައި އެބައޮތް

  • މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅިގެން އެކަންކަން ހައްލުކޮށް، އަބުރުވެރި، ރައްކާތެރި، ހަމަހަމަ ވަޒީފާގެ މާހައުލެއް ގާއިމުކޮށްދޭނަން

  • ކޮންމެ ފަދަ ވަޒީފާއެއް ވެސް އިސްއުފުލައިގެން ކުރެވޭނެ މާހައުލެއް ގާއިމުވެގެންދާ ދުވަސް މި ސަރުކާރުން ދެކެން ބޭނުންވޭ

"އެ ދުވަސް ޖެހެންދެން، ތިބޭފުޅުންނާ އެކު އެއް ފިޔަވަޅުމަތީގައި ފައި ހަމަ ކޮށްގެން އަޅުގަނޑުމެން މިއަދު މި ހިނގި ގޮތަށް ހިނގާނަން. ހުއްޓައެއްނުލާނަން ތިބޭފުޅުންގެ ހައްގުތަކަށް އެދެވިގެންވާ ހައްލުތަކެއް ނުލިބެނީސް. އަޅުގަނޑުމެންގެ ހުރިހާ ޑިޕާޓުމަންޓުތަކުން ތިބޭފުޅުންނާ ގުޅިގެން މަސައްކަތްކުރާނަން،" އިހުސާން ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖޭގައި ތަފާތު ދައްކާ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް މިއަދު މި ފެށުނީ. އަންނަ އަހަރުގެ މި ރެލީ މިޔަށްވުރެ ކުލަގަދަކޮށް، މިޔަށްވުރެ ހައްގުތައް ކަށަވަރުވެފައިވާ މާހައުލެއްގައި ބާއްވަން އަޅުގަނޑު އުންމީދުކުރަން."

ފާހަގަކޮށްލެވޭ - ސަރުކާރުން އިސްނަގައިގެން މި ދުވަހުގެ ހިނގާލުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މި ހިނގާލުން ކުރިއަށްދިޔަ ވަގުތު މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން އިސްނަަގައިގެން މާލޭގައި ހިނގާލުމެއް ކުރިއަށް ގެންދިޔަ އެވެ. އެއީ ޖަމިއްޔާތަކުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހިނގާލުމެކެވެ. 

ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަހުގެ އެއްވުންތައް ބާއްވަމުން އައި ގޮތަށް ބަލާއިރު:

  • 2006 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މޭ ޑޭގެ އެއްވުމެއް ފުރަތަަމަ ފަހަރަށް ބޭއްވި 

  • އެ މުޒާހަރާ ރޭވީ އެމްޑީޕީން

  • ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު މޭ ޑޭ މުޒާހަރާ 2015ގައި ބޭއްވި

  • މިހާތަނަށް އެންމެ ގިނަ މީހުން އެއްވި އެ މުޒާހަރާ ބޭއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތައް ގުޅިގެން؛ އިސްކޮށް އޮތީ އާދަލަތު ޕާޓީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް