މޭ ޑޭ ފާހަގަކުރުމަށް މާލޭގައި މިއަދު ދެ ހިނގާލުމެއް ކުރިއަށް ގެންދަނީ: ޖަމިއްޔާތަކުން ކަނާތްފަރާތުގައި، އަދި ސަރުކާރުން އިސްނަގައިގެން ބޭއްވި ހިނގާލުމުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.

މޭ ޑޭ

މޭ ޑޭއަށް ސަރުކާރުން ވަކި ހިނގާލުމެއް؛ ޖަމިއްޔާތަކުން ބުނީ އެއީ ޔޫނިއަންތަކާ ޖައްސާލުން ކަމަށް

ހޯމްލޭންޑް މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ހިނގާލުމުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވި. މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބޭނުމަކީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމާއި ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދިނުން ކަމަށް.

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ޖަމިއްޔާތަކާ ވަކިން ސަރުކާރުން އިސް ނަގައިގެން ވަކި ހިނގާލުމެއް ކުރިއަށް ގެންދިޔައީ މަސައްކަތްތެރިންގެ ހައްގުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާ "ޖައްސާލަން" ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ވީ ކިހިނެއް؟ - އެކި ގައުމުތަކުގައި ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަަަތަމަ ދުވަހު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް، އާންމުކޮށް ރާއްޖޭގައި ހިނގާލުންތައް ބާއްވަމުން އަންނަނީ މަސައްކަތްތެރިންގެ ޖަމިއްޔާތަކުން އިންތިޒާމްކޮށްގެނެވެ.

އެކަމަކު ހޯމްލޭންޑް މިިނިސްޓްރީގެ އިސް ނެގުމަކަށް، މާލޭގެ މަގުތަކުގައި މި ދުވަސް ފާހަގަކުރަން މިއަދު ޖަމިއްޔާތަކާ ވަކިން ހިނގާލުމެއް ވަނީ ބާއްވައިފަ އެވެ. މިފަހުން ކެބިނެޓަށް ގެނައި ބަދަލާ އެކު، ވަޒީފާއާ ބެހޭ މަސައްކަތްތައް މިހާރު އޮންނަނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުގަ އެވެ.

މި ދުވަހާ ގުޅުވައި މަގުމަތީ ހިނގާލުމެއް ސަރުކާރުން އިސް ނަގައިގެން ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.

ތަފްސީލް - ސަރުކާރުގެ ފަރާތުން ބޭއްވި ހިނގާލުމުގައި ބައެއް ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ބައިވެރިވި އެވެ. އާޓިފިޝަލް ބީޗުން ފެށި މި ހިނގާލުން ނިންމާލާފައިވަނީ ސޯޝަލް ސެންޓަރާ ހަމައިންނެވެ. ހިނގާލުން ފެށުމުގެ ގޮތުން ޒުމްބާގެ ހަރަަކާތްތަކެއް ވެސް ކުރިއަށްގެންދިޔަ އެވެ. 

މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން ވެސް ހިނގާލުމެއް ވަނީ ބާއްވާފަ އެވެ.

މި ހިނގާލުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ދުވަސް ފާހަގަކުރުމުގެ ހިނގާލުމެއް ބޭއްވުމަށް ނިންމީ، މަސައްކަތްތެރިންގެ އަގުވަޒަންކުރުމާ އެކު، ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއަހައި އެކަންކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުން މިއަދު ބޭއްވި މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުމުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ޕީއެސްއެމް)

މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ދަށުގައި ހިމެނޭ ޖަމިއްޔާތަކުން ބައިވެރިވެގެން ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހު ހިނގާލުން ބާއްވަ އެވެ.

ސުލްހަވެރިކަމާ އެކު ޝުއޫރު ފާޅުކުރާ އެ ހިނގާލުމަށް މިދިޔަ އަހަރު ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ. އެކަމަކު މިއަދުގެ ހިނގާލުމަށް ހުރަހެއް ނާޅަ އެވެ. 

"މިދިޔަ އަހަރުގެ ރެލީ ނިމިގެންދިޔައީ ވަރަށް ބޮޑު އަނިޔާތަކެއް ލިބިގެން. އެކަމަކު މިފަހަރު ސަރުކާރުން އިސްނަގައިގެން ހަމަ ސީދާ މަސައްކަތްތެރިންގެ ޔޫނިއަންތަކާ ޖައްސާލުމަށްޓަކައި ނޫނީ ކޮންމެވެސް އެހެން މަންޒަރެއް ދެއްކުމަށްޓަކައި މިހާރު ރެލީ ބާއްވަމުން އެ ގެންދަވަނީ،" މަސައްކަތްތެރިންެގެ ޖަމިއއްޔާތަކުގެ ހިނގާލުމުގައި ފާޅުކުރި ޝުއޫރުތަކުގެ ތެރެއިން، އެމްޔޫޓީސީގެ ބޭފުޅަކު ވިދާޅުވި އެވެ.

"މީގެން ދޭހަވަނީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެން މަސައްކަތްތެރިންގެ އަގު ވައްޓާލުމަށްޓަކައި މިއަދުގެ ސަރުކާރުން އަދި ކުރިން ވެސް ކޮށްފައި އޮތް ކަން." 

އެނގުން މުހިންމު - ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަން ފަށައިފައިވަނީ 1886 ވަނަ އަހަރު އެވެ. 

އެގޮތުން:

  • އެ އަހަރުގެ 1 މޭގައި އެމެރިކާގެ ސިނާއީ މަސައްކަތްތެރިންގެ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރި 

  • އެ މީހުން ގޮވައިލީ އެ ދުވަސްވަރު 10 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ދިގުމިނަކަށް މަސައްކަތްކުރުވުމުގެ ސަގާފަތް ނައްތާލާ، ރެޔަކާއި ދުވާލެއްގެ ތެރޭގައި މަސައްކަތުގައި އުޅޭން ޖެހޭ ވަގުތު އަށް ގަޑި އިރަށް ބަދަލު ކުރަން 

  • ޝިކާގޯގެ 'ހޭމާކެޓް ސްކުއާ' ނަމަކަށް ކިޔާ މައިދާނެއްގައި ފެށި މި މުޒާހަރާ އެތައް ދުވަހަކަށް ދެމިގެން ދިޔަ އިރު ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވި

ކޮމެންޓް (5)

ސިކުނޑި

2 މޭ 2026
މީ މިދައުރުގެ ބޮޑު ޖޯކު!! ސިކުނޑި އަބަދުވެސް މިކިޔަނީ މިސާރުގެ ސިޔާސަތު ތަކަކީ ދެކޮޅުނުޖެހޭ ސިޔާސަތުތަކެކޭ! މިސަރުކާތުގެ ވެރިންގެ ވާހަކަތަކާއި ޢަމަލުތަކަކީ ދެއުޅިއެއްނުވާ ވާހަކަތަކެކޭ! ނޭނގުމެއްގެ ތެރޭގައި އެތިބީ އިޔަހޫދިކަން ހައްދުފަހަނައަޅައި ކައިރިން ދިޔަސް ވަސްދުވާ ހިސާބުގައި!
0 0

ޞައްދާމު

1 މޭ 2026
މަސައްކަތްތެރީން ނަށް ދޭން ހުރި ފައިސާ ދީބަލަ! ބޭކާރު ކަންކަން ނުކޮށް!؟
4 0

އިސްމާލު2.0

1 މޭ 2026
ސިފައިންގެ ތެރޭ އުޅެފައި ތިބޭ ގިނަ މީހުނަކަށް ގަވަނަންސްއެއް ނޭނގޭނެ. ޕޮލިސީއެއް ނޭނގޭނެ. ހުދު އެމީހުންނަކީވެސް އެމީހުންގެ އެންމެ މަތީ ވެރިންގެ ގޮތުގައި، އެމީހުން ތިބޭ ބައެއް ނޫން (ސިވިލް ލިޑަޝިޕް). އެހެންވީމާ، މިނިސްޓަރު އިހުސާން މިކަހަލަ ކަމެއް ކުރީމާ ހައިރާނެއް ނުވޭ. މިއީ މަސައްކަތްތެރިންގެ ދުވަސް. ސަރުކާރު ދުވަހެއް ނޫން. ޔޫނިއަންތަކަށް މި ގައުމުގައި މާ ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައި ނެތުމެން، އާންމު ރައްޔިތުންނަށްވެސް މިކަންކަން ނޭނގޭ.
5 0

ކޮމޮޑަސް

2 މޭ 2026
@އިސްމާލު2.0 އާންއެކެވެ. ސިފަައިންނަކީ ބުނާކަމެއް ބުނާގޮތަކަށް ކުރަންތިބޭ ބައެކެވެ. އެހެންކަމުން، ސިޔާސަތަކީ އެމީހުންގެ އިހުތިސޯސުން ބޭރުގައިވާ ކަމެކެވެ. ސިފައިންގެ މީހުން ސިޔާސަތުތައް ކަނޑައަޅާ އަދި ތަންފީޒުކުރާ ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމަކީ ރާއްޖެކަހަލަ ޑިމޮކްރަސީ މިހާ ޅަފަތުގައި އޮތް ގައުމެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ.
6 0

ކޮމޮޑަސް

1 މޭ 2026
މުރައްކަބުޖާހިލުކަން. މަސައްކަތްތެރިންނާއި ސަރުކާރުގެ ވެރިންނާއި އެއްހަމަތަ؟ މަސައްކަތްތެރިން ކުރާ މަސައްކަތުން ލިބޭ ޓެކްސް ފައިސާއިން މުސާރަނަގާ ސަރުކާރުގެ ވެރިންނަށް އޮންނާނެ ޒިންމާއަކީ، މިއަދު މަަަސައްކަތްތެރިން ދައްކާ ވާހަކަ އަޑުއެހުން.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް