މިއަދު ކުރިއަށް ގެންދިޔަ މޭޑޭގެ ހިނގާލުމުގައި ބައިވެރިން އަޑުއުފުލަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މޭ ޑޭ ހިނގާލުން ފުލުހުންގެ ހުރަސްއެޅުންތަކާ އެކު ވެސް ބާއްވައިފި
މަސައްކަތްތެރިންނަށް ލިބެން ޖެހޭ ހައްގުތައް ދިނުމަށް ގޮވާލައި މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.
ވީ ކިިހިނެއް؟ - މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ މުނާސަބާގައި، މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކި ޖަމިއްޔާތަކުން ވަނީ މަގުމައްޗަށް ނުކުމެފަ އެވެ.
ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި މި ހިނގާލުން ކުރިއަށް ގެންދިޔުމަށް ފުރަތަމަ ފުލުހުން ހުއްދަ ދީފައި އޮތީ، އާޓިފިޝަލް ބީޗުން ފަށައިގެން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށް ނިންމާ ގޮތަށެވެ. އެކަމަކު ވަކި ހިސާބަކުން ބަންދުކޮށް މަޖީދީމަގުން ކުރިއަށް ނުދެވޭ ގޮތަށް އޮތީ ހަދައިފަ އެވެ. ފުލުހުން ބުނީ، އެ ނިންމުން ބަދަލު ކުރިކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
އެއާއެކު ފުލުހުންނާއި ހިނގާލުމުގެ ބައެއް ބައިވެރިންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކޮށް، މަޝްރަހު ހޫނުވި އެވެ. ހިނގާލުމަށް ހުރަސް އެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
'މޭ ޑޭ ހިނގާލުމުގެ' ގޮތުގައި ކޮންމެ އަހަރަކުހެން ބާއްވަމުން އަންނަ މި ހަރަކާތުގައި ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންގެ ޔޫނިއަން ފަދަ ޖަމިއްޔާތަކުން ބައިވެރިވި އެވެ. އެ މީހުން ގޮވާލާފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް އަދާކޮށްދީ، މަސައްކަތަށް އެކަށީގެންވާ އުޖޫރަދިނުމަށެވެ.