ކޮވިޑް އެންމެ ގަދައަށް ފެތުރުނު ދުވަސްވަރު ވެކްސިން ޖެހުމަށް ބަޔަކު ކިއޫގައި

އެޗްޕީއޭ

އިންފްލުއެންޒާ އާއި ޑެންގީ ގިނަވާތީ ސަމާލުވާން އިލްތިމާސްކޮށްފި

ރޯގާ ޖެހި ނުވަތަ ހުން އައިސް ތިން ދުވަހަށް ވުރެ ގިނަ ދުވަސްވާ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭން އިލްތިމާސްކުރޭ؛ ރައްކާތެރިވުމަށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ވެސް އެދޭ

އިންފްލުއެންޒާ އާއި ޑެންގީ ޖެހުން މިދުވަސްވަރު އިތުރުވަމުންދާތީ ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެޗްޕީއޭން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް އަތޮޅުތެރެ އާއި މާލޭގައި ވެސް ބަލިތައް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އިންފްލުއެންޒާ ވައިރަސް

  • ޑެންގީ ހުން

  • އަރިދަފުސް ރޯގާ

ތަފްސީލް - މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް ޖުމްލަ 2،183 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެހާތަނަށް ރިޕޯޓުކޮށްފައިވަނީ އެންމެ 374 ކޭސް އެވެ.

އެންމެ ގިނައިން ޑެންގީގެ ކޭސްތައް ރިޕޯޓުކުރަމުންދަނީ އަތޮޅުތެރެއިންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އަތޮޅުތެރެއިން 1813 މީހަކަށް މި ހުން ޖެހިފައިވެ އެވެ. އަދި މާލެއިން 370 މީހަކަށް މި ހުން ޖެހިފައިވެ އެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުން:

  • ޖެނުއަރީ މަހު 679 ކޭސް ރިޕޯޓުކުރި؛ މިދިޔަ އަހަރު ރިޕޯޓުކުރީ 79 ކޭސް

  • ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓުކުރި؛ މިދިޔަ އަހަރު ރިޕޯޓުކުރީ 87 ކޭސް

  • މާޗު މަހު 600 ކޭސް ރިޕޯޓުކުރި؛ މިދިޔަ އަހަރު ރިޕޯޓުކުރީ 76 ކޭސް

  • މިމަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓުކޮށްފައިވޭ؛ މިދިޔަ އަހަރު ރިޕޯޓުކުރީ 135 ކޭސް

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް އިންފްލުއެންޒާއަށް 1119 މީހަކު ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 130 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެގޮތުން، އިންފްލުއެންޒާއަށް:

  • ޖެނުއަރީ މަހު 791 މީހަކު ޓެސްޓުކުރި؛ 99 މީހަކު ޕޮޒިޓިވް

  • ފެބްރުއަރީ މަހު 134 މީހަކު ޓެސްޓުކުރި؛ 8 މީހަކު ޕޮޒިޓިވް

  • މާޗު މަހު 105 މީހަކު ޓެސްޓުކުރި؛ 5 މީހަކު ޕޮޒިޓިވް

  • މިމަހުގެ މިހާތަނަށް 89 މީހަކު ޓެސްޓުކުރި؛ 18 މީހަކު ޕޮޒިޓިވް

މީގެ އިތުރުން، މިދިޔަ މާޗު މަހުން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މާޗު މަހުން ފެށިގެން މިހާތަނަށް 21،687 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ފަރުވާދީފައިވެ އެވެ. އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން:

  • އަތޮޅުތެރެއިން ޖުމްލަ 11،792 މީހަކު ރޯގާޖެހިގެން ރިޕޯޓުކޮށްފައިވޭ

  • މާލެއިން ޖުމްލަ 9،894 މީހަކު ރޯގާޖެހިގެން ރިޕޯޓުކޮށްފައިވޭ

  • މިދިޔަ ހަފްތާގައި އެކަނި އަތޮޅުތެރެއިން 3،225 މީހަކަށް ރޯގާޖެހިގެން ރިޕޯޓުކުރި؛ މާލެއިން 2،456 މީހަކު ރިޕޯޓުކުރި

  • މިދިޔަ ހަފްތާގައި އަރިދަފުސް ރޯގާ ޖެހިގެން ޖުމްލަ 5،682 މީހުން ރިޕޯޓުކުުރި؛ އޭގެ ކުރީ ހަފްތާގައި ރިޕޯޓުކޮށްފައިވަނީ ޖުމްލަ 5،625 ކޭސް

ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

މި ދުވަސްވަރު ބަލިތައް އިތުރުވަމުންދާތީ، ރައްކާތެރިވުމަށް ކުރިޔާލާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފަ އެވެ. ރޯގާޖެހި ނުވަތަ ހުން އައިސް ތިން ދުވަހަށް ވުރެ ގިނަ ދުވަސްވާ ނަމަ، ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރި އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، އިންފްލުއެންޒާއަކީ ވައިރެސްއަކުން ފެތުރޭ ބައްޔެއް ކަމަށާއި އޭގެ އެންމެ ނުރައްކާ ބޮޑީ ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނަށް ކަމަށެވެ. އަދި ހަކުރުބަލި ނުވަތަ ލޭ މައްޗަށް ދިއުމާއި ކިޑްނީ ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ވެސް ބަލީގެ ނުރައްކާތެރިކަން ބޮޑު ކަމަށް ފައިސަލް ވިދާޅުވި އެވެ.

މި ބަލި ޖެހުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ، ހުން އައިސް ރޯގާ ޖެހުމާއި ބޮލުގައި ނުވަތަ ގައިގާ ރިއްސުމާއި ލޯ ރަތްވުން ފަދަ ކަންކަމެވެ. އަދި ކެއްސުމާއި ފުއްމެޔަށް އަސަރުކޮށްފިނަ ނޭވާލާން އުނދަގޫވުން ވެސް އަލާމަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް:

  • ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން

  • ބަލީގެ އަލާމާތް ހުރިނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުން

  • ސާފުތާހިރުކަމަށް ސަމާލުކަންދިނުމުން

ޑެންގީ ހުމުން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ފެން އުފެދޭ ޒާތުގެ ތަންތަން ނައްތާލުން ކަމަށް އެޗްޕީއޭއިން ބުންޏެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ޑެންގީ ޖެހިގެން މި މަސް ތެރޭ ވަނީ 23 އަހަރުގެ ޒުވާނަކާއި 17 އަހަރުގެ ކުއްޖަކު މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް