މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގައި އެތަނުގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަނީ
ފުލުހުން މައުލޫމާތު ހޯދުމުގައި އަމަލުކުރަންވީ މިންގަނޑު ކަނޑައެޅުމުގެ އިހުތިޔާރެއް ނެތް: މީޑިއާ ކޮމިޝަން
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އުފައްދާފައިވާ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ރޭ ފުލުހުން 'އަދަދު' ނޫހަށް ވަދެ އަމަލުކުރި ގޮތާ މެދު އެއްޗެކޭ ބުނުމުގެ އިހުތިޔާރެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ލިބިގެންނުވާ ކަމަށް ބުނާ ބީދައަކުން އެތަނުން ވާހަކަ ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އެގޮތުން:
-
އެ ތަހުގީގަށް 'އަދަދު' ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ރޭ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތައް ފުލުހުން ވަނީ ގެންގޮސްފައި
-
'އަދަދު'ގެ އިދާރާއަށް ވަދެ އެތަން ފާސްކުރުމުގެ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ފުލުހުން އެ އަމުރު ހޯދަން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، މީޑިއާ ކޮމިޝަންގެ ސިޓީއެއް ހިމެނޭ
-
ޑޮކިއުމެންޓްރީ މައްސަލައިގައި، 'އަދަދު' ނޫހުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު، ތިން މަސް ދުވަހަށް ވަނީ ހިފަހައްޓާފައި.
-
އަދި ފިޔާޒު އާއި ހަސަން މާދަމާ ފުލުހަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައި
މިކަމާ ގުޅޭގޮތުން މީޑިއާ ކޮމިޝަނުން މިހާތަނަށް އެއްޗެއް ބުނެފައި ނުވާތީ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، މިރޭ އެތަނުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.
ތަފްސީލް - ނޫސްވެރިން ދެކޮޅުހަދަމުން ދަނިކޮށް މި ސަރުކާރުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި މީޑިއާ ކޮންޓްރޯލްކުރެވޭ ގޮތަށް އުފައްދާފައިވާ އެމްއެމްބީސީ އިން ބުނިގޮތުގައި އެތަނަކީ ނޫސްވެރިކަމުގެ މިނިވަންކަން ވީހާވެސް ފުޅާ ދާއިރާއެއްގައި ކުރިއަރުވައި، ދެމެހެއްޓުމުގައި ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން، އިދާރީގޮތުން ކަނޑައަޅަން ޖެހޭ މިންގަނޑުތައް ކަނޑައަޅައި މަތިކޮށްފައިވާ ގާނޫނީ ޝަހުސެވެ.
އެކަމަކު ފުލުހުންގެ އިދާރާއިން އެ ފަރާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ އިހްތިޔާރު އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް ބުންޏެވެ. ނަމަވެސް އެތަނުން ބުނީ މީޑިއާތަކުން އާއްމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި ތަހުގީގުކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހިއްޖެ ހިނދެއްގައި އެކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާނެ ކަމަށެވެ.