ހިމާޔަތްކޮށްފައިވާ ވ. ވައްޓަރު

ވ. އަތޮޅު

ގުދުރަތީ ގޮތުން މުއްސަނދި ވ. ވައްޓަރު ސަރަހައްދު ހިމާޔަތްކޮށްފި

ހިމާޔަތް ކުރުމާ އެކު މި ރަށް ހިމެނޭ ސަރަހައްދުގައި ވަކި ކަންކަން ކުރުން މަނާވާނެ

ގުދުރަތީ ގޮތުން މުއްސަނދި ވ. ވައްޓަރާއި އެ ރަށް ހިމެނޭ ސަރަހައްދު، ސަރުކާރުން ހިމާޔަތްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވައްޓަރު ސަރަހައްދަކީ މ. އަތޮޅުގެ އުތުރުގައިވާ ޖިއޮގްރަފިކް އަތޮޅެކެވެ. އެ ރަށުގެ ބޮޑު މިނުގައި 1.4 ހެކްޓަރު ހުރިކަމުގައި ވިޔަސް އެ ސަރައްދު 9،700އަށް ވުރެ ބޮޑެވެ.

ތަފްސީލް - އެންވަރަޔަމެންޓް މިނިސްޓްރީން މިއަދު ގެޒެޓް ކުރި ގޮތުގައި، މި ރަށާއި ސަރަހައްދަކީ ވެސް ގުދުރަތީގޮތުން މުއްސަނދި، ތަފާތު ދިރުންތަކުގެ ގޮވައްޗެވެ. ރަށުގެ ހާއްސަ ބައެއް ސިފަތަކުގެ ތެރޭގައި:

ހިމާޔަތްކޮށްފައިވާ ވ. ވައްޓަރާއި އެ ރަށް ހިމެނޭ ސަރަހައްދު
  •  ރަށުގެ ހުޅަނގު ފަރާތުގައި ޗަސްބިމެއް އޮވޭ

  • މިއީ ކަނޑުލުގެ އެކިވަރުގެ ގަސްތައް ހުރި ސިއްހަތު ރަނގަޅު ވެއްޓެއް

  • ގިނަ އަދަދަކަށް ކުރެއްޖާއި އެކި ބާވަތުގެ ގަސް ހުރޭ

  • ރަށުން މާކަނަ އާއި ބޮޑަނަ އާއި ރާބޮންޖާއި ފިނދަނަ ފެނޭ

  • ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދަކަށް ފާނަ އުޅޭ

މިނިސްޓްރީން ބުނި ގޮތުގައި، މިތަން ހިމާޔަތް ކުރުމުގެ މަގްސަދަކީ މި ސަރަހައްދު ރައްކާތެރިކޮށް، ރާއްޖެ އާއި ދުނިޔެއިން ވެސް ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ނަސްލުތައް ހިމާޔަތް ކުރުމެވެ.

މި ރަށުގައި ކުރުން ބައެއް މަނާ ކަންކަން:

  • އެއްވެސް ދިރުމެއްގެ ހާލި ނޫނީ ބިސްނެގުން

  • އެއްވެސް ބާވަތެއްގެ ދިރުމެއް  ތައާރަފް ކުރުން

  • އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރަސްޓްރަކްޗާއެއް ގާއިމް ކުރުން

  • މިތަނުގައިވާ ދިރުންތަކަށް ބުރުއަރާގޮތަށް އަލިކުރުން. އަދި ރޭގަނޑު ދިއްލައިގެން މަސް ތިލަކުރުން.

މޫދު ސަރަހައްދުގައި ކުރުން މަނާ ކަންކަން:

  • ބިންހިއްކުމާއި ފަޅުފުންކުރުން

  • ގަލާއި ވެލި އަދި އަކިރި ނެގުން

  • ނަގިލިލުން

އެއްގަމު ސަރަހައްދަށް ހާއްސަކޮށް މަނާކޮށްފައިވާ ބައެއް ކަންކަން:

  • އަލިފާން ރޯކުރުން

  • ހަވީރު 5:30 އިން ފެށިގެން ހެނދުނު 6:30އާ ދެމެދު ޒިޔާރަތް ކުރުން

  • ދޫނި ބިސް އަޅާ މޫސުމުގައި ޒިޔާރަތްކުރުން

  • ގަސްކެނޑުމާއި ލަކުޑި އާއި ދަނޑި ކެނޑުން

  • ދަނޑުވެރިކަމުގެ މަސައްކަތް ކުރުން

ހާއްސަ އުސޫލެއްގެ ދަށުން ހުއްދަ ކަންކަން:

  • ހިމާޔަތްކޮށްފައިވާ ސަރަހައްދަށް އާއްމުންނާއި ޓޫރިސްޓުން ޒިޔާރަތްކުރުން

  • ނޭޗާ ބޭސްޑް ރެކްރިއޭޝަން މަސައްކަތް ކުރުން

  • ދިރާސާކުރުން

  • ރެސްޓޮރޭޝަން ނުވަތަ ރިހިބިލިޓޭޝަންގެ ބޭނުމަށް އެއްވެސް ކަމެއް ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް