އެންވަޔަރަމެންޓު މިނިސްޓަރު އަލީ ޝަރީފް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ކެބިނެޓް

އެންވަޔަރަމެންޓު މިނިސްޓަރު ކުރިން ގެންގުޅުއްވި ބަސްމަގަށް މައާފަށް އެދިވަޑައެއްނުގެންނެވި

އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ޓެރަރިސްޓެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އެކްސްގައި ޕޯސްޓުކުރައްވާފައި؛ އޭނާ މިއަދު ވިދާޅުވީ މޯދީއަކީ 'މޮންސްޓާއެއް' ކަމަށް ގަބޫލު ނުކުރައްވާ ކަމަށް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ 'ތިމެޓިކް އޭރިއާ'އަށް ނުފެތޭތީ ކަމަށް ވިދާޅުވެ، އެންވަޔަރަމެންޓު މިނިސްޓަރު އަލީ ޝަރީފް މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާގައި ހުތުރު ބަހުން ކުރައްވާފައިވާ ޕޯސްޓުތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށް ފަހު، އެންމެ ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ "މޯދީއަކީ މޮންސްޓާއެއް ކަމަށް ގަބޫލު ނުކުރާ" ކަމަށް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަލީ ޝަރީފް މަގާމަށް އައްޔަން ކުރުމާ އެކު، އޭނާ އެކްސްގައި މީގެ އަހަރުތަކެއް ކުރިން ކުރެއްވި ޕޯސްޓުތައް ދައުރުވާން ފެށި އެވެ.

އޭގެ ތެރޭގައި، ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ބޭރުގެ ސިޔާސީ ބޭފުޅުންނަށް އަމާޒުކޮށް ކުރައްވާފައިވާ ޕޯސްޓުތައް ވެސް ހިމެނެ އެވެ.

އަލީ ޝަރީފްގެ އޭރުގެ ޕޯސްޓުތައް ރައްދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އޭނާއާ އެކު މިހާރު ކެބިނެޓުގައި ތިއްބަވާ ބައެއް ވަޒީރުންނާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ފްރާންސްގެ ރައީސް އެމަނުއެލް މެކޮން ހިމެނެ އެވެ. މޯދީއަކީ ޓެރަރިސްޓެއް ކަމަށް ސިފަކުރައްވާ އޭނާ ވަނީ 2020ގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

މޯދީއާ ގުޅޭ ގޮތުން އަލީ ޝަރީފް ކުރެއްވި ޕޯސްޓް.

ތަފްސީލް - މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ޕޯސްޓުތަކެއް ކުރެއްވީ ކީއްވެތޯ އާއި ކޮންކަމަކާ ގުޅުވާފައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ސުވާލުގެ ޖަވާބު ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވާފައިވާ ކަމަށެވެ.

ރައީސް މިދިޔަ ހަފްތާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވަޒީފާ ދެއްވުމުގައި އިސްކަންދެއްވާނީ މެރިޓާއި ތަޖުރިބާއަށް ކަމަށެވެ.

އޭގެ ފަހުން ވެސް ނޫސްވެރިޔަކު ވަނީ މިނިސްޓަރު ކުރައްވާފައި ހުރި ބައެއް އަހުލާގީ ގޮތުން ދަށް ފެންވަރުގެ ބަސްމަގު ހިމެނޭ ޕޯސްޓުތައް ފާހަގަކޮށް އެ ޕޯސްޓުތައް ކުރެއްވީ މިނިސްޓަރު ކަމަށް ވާތީ އެކަމާ ގުޅިގެން ޖަވާބެއް ދެއްވުމަށް އެދިފަ އެވެ.

މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ޓެރަރިސްޓެއް ކަމަށް ސިފަަކޮށް ޕޯސްޓެއް ކުރައްވާފައިވާތީ މޯދީއަކީ ޓެރަރިސްޓެއް ކަމަށް އަދިވެސް ގަބޫލު ކުރައްވަންތޯ ސުވާލުކޮށް އެ ސުވާލަށް އިނގިރޭސި ބަހުން ޖަވާބު ދިނުމަށް ވެސް ނޫސްވެރިޔާ ވަނީ މިނިސްޓަރު އަރިހުން އެދިފަ އެވެ. އަދި އެކަމަށް މައާފަށް އެދުމުގެ ވިސްނުން ގެންގުޅުއްވަންތޯ ވެސް ނޫސްވެރިޔާ ސުވާލު ކުރި އެވެ.

އެންވަޔަރަމެންޓު މިނިސްޓަރު އަލީ ޝަރީފް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

"ތިމެޓިކް އޭރިއާ އިން ބޭރު ސުވާލެއް އެއީ. އެހެންވީމާ އަޅުގަނޑު ކުރިން ވެސް ދިން ޖަވާބު ދެން ވެސް ދޭން އޮތީ،" އަލީ ޝަރީފް ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް އެ ނޫސްވެރިޔާ ވަނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަކަށް ވާތީ އެ ޕޯސްޓުތަކާއި ބަސްމަގު ގެންގުޅުއްވާފައިވާ ގޮތަށް މައާފަށް އެދިވަޑައިގަންނަވަންތޯ ސުވާލުކޮށްފަ އެވެ.

"އަނެއްކާވެސް މިއަދުގެ މައުލޫން ބޭރު ވާހަކައެއް އެއީ. ކުރިން ދަންނަވައިފި އަޅުގަނޑުގެ ބައެއް ކަހަލަ ބިލީފްތައް އެބަހުރި ހެއްޔޭ. ހަމަ އޭގެ ޖަވާބުގައި އަޅުގަނޑު ދަންނަވަން އޮތީ، ނޯ، އައިޑޯންޓް ބިލީވް މޯޑީ އިޒް އަ މޮންސްޓާ، އިނގޭ. އަނެއްކާވެސް އެވަރަށް އަޅުގަނޑު އޭގެ ޖަވާބު ބާއްވާފައި މިއަދުގެ މައުލޫން ބޭރު ސުވާލެއް ވީމާ އެހެން ފަރާތަކަށް ފުރުސަތު އަރުވާނަން،" އަލީ ޝަރީފް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ޕޯސްޓުތައް އާންމުވެ، ފާޑުކިޔުން އަމާޒުވުމުން އަލީ ޝަރީފް ވަނީ ޕޯސްޓުތައް ޑިލީޓް ކުރައްވަން ފައްޓަވާފަ އެވެ. ދައުރުވި ގިނަ ޕޯސްޓުތައް މިހާރު އޭނާ ވަނީ ޑިލީޓް ވެސް ކުރައްވާފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

28 އޭޕްރީލު 2026
އިންސާނުން ވީމާ ކުށްކުރެވޭނެ. ރީތި ގޮތަކީ މައާފަށް އެދުން. އެވަރު ކޮށްލަން ނުކެރުނީމާ މަނިކުފާނުގެ ޝަޚުސިއްޔަތާއިމެދު ލައްކަ ވާހަކަ ބުނެދީފި.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް