އެމްޓީސީސީގެ ޓެކްސީ ކާރެއް ދުއްވަނީ (ފޮޓޯ/ އެމްޓީސީސީ)

އެމްޓީސީސީ

ތަހުގީގު ހިނގާ ކަމަކަށް ވާތީ ބުނެ ސަރުކާރު ޓެކްސީލައިނާއި އެޕްލިކޭޝަންގެ މައުލޫމާތު ސިއްރުކޮށްފި

ސަރުކާރު ކުންފުނި އެމްޓީސީސީން ދެމުންދާ މާލެ ޓެކްސީ ލައިންގެ ހިދުމަތަށް ކުރި ހަރަދުތައް ހިމެނޭ ގޮތަށް 'ދައުރު'ން އެދުނު މައުލޫމާތުތައް އެމްޓީސީސީން ނުދިން

ސަރުކާރު ކުންފުނި އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުންދާ މާލެ ޓެކްސީ ލައިންގެ މައްސަލަތަކެއް ތަހުގީގުކުރަމުންދާތީ އެކަމާ ގުޅޭ މައުލޫމާތުތަކެއް ދެވެން ނެތް ކަމަށް އެ ކުންފުނިން މިއަދު އަންގައިފި އެވެ.

ވީކިހިނެއް؟ - ލޯކަލް ކައުންސިލް އިންތިހާބަށް 72 ގަޑިއިރަށް ވެފައި އޮއްވާ އެމްޓީސީސީއިން ކުލަ ގަދަ ރަސްމިއްޔާތެއްގައި ނެރުނު 'މާލެ ޓެކްސީ' އެޕްލިކޭޝަން އުފެއްދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެ އެވެ. އެ ގޮތުން:

  •  ވާދަވެރި ބީލަމަށް ފުރުސަތު ނުދީ، މާލެ ޓެކްސީ އެޕް ހަދަން ދިނީ އެވަރުގެ އެޕެއް ހަދަން ދާ ހަރަދަށް ވުރެ އެތައް ގުނަ ބޮޑުކޮށް، 13 މިލިއަން ރުފިޔާގެ އަގަކަށް

  • ވަށައިގެން ހުރި ގިނަކަންކަމަށް ބެލުމުން ފެންނަ ތުހުމަތުގެ މަންޒަރަކީ، އެ މުއާމަލާތަކީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ހިންގި މުއާމަލާތެއް ކަން

މި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ކުރި ހަރަދުތަކާއި ހިނގަމުންދާ ހަރަދުތަކުގެ އިތުރުން އެ ހިދުމަތަށް ތައްޔާރުކުރަން ހަވާލުކުރި އެޕްލިކޭޝަންގެ މައުލޫމާތުތަކެއް ދިނުމަށް ވެސް 'ދައުރު'ން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި އެވެ.

ތަފްސީލް - އެ ހުށަހެޅުމުގެ ޖަވާބުގައި އެމްޓީސީސީން ބުނީ އެދިފައިވާ މައުލޫމާތުތަކަކީ:

  • ސަރުކާރުގެ އިދާރާއަކުން ތަހުގީގުކޮށް ބަލަމުންދާ މައްސަލައަކާ ގުޅިގެން ގުޅުން ހުރި މައުލޫމާތުތަކެއް ކަމަށް؛ އެހެންވެ އެ މައުލޫމާތު އާންމުކުރުމަކީ މައްސަލައަށް އަސަރުކުރާނެ ކަމެއް ކަމަށް މައްސަލަ ބަލަމުންދާ ފަރާތަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް

  • މި ހިނދަށް އެ މައުލޫމާތުތައް އާންމުކުރުމަކީ ގާނޫނީ ގޮތުންނާއި މި ކަމުގައި މަސްލަހަތު އޮތް ފަރާތްތަކަށް ވެސް ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނީ އިމްތިޔާޒު ލިބިފައިވާ މައުލޫމާތުތަކެއް

އެމްޓީސީސީން ހަވާލަދިނީ ގާނޫނުގެ 26ވަނަ މާއްދާގެ (ހ)އަށެވެ. އޭގައި އޮންނަނީ:

  • ދޫކުރަން ޖެހޭ މައުލޫމާތަކީ ގާނޫނީ ގޮތުން ހިންގާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހިނގަމުންދާ ޝަރީއަތެއްގެ މައްޗަށް ބިނާކޮށް ގާނޫނީ އިމްތިޔާޒް ލިބިގެންވާ މައުލޫމާތެއް ނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބިގެންވޭ

މި ހިދުމަތާ ގުޅޭ ގޮތުން ދޫކުރުމަށް 'ދައުރު'ން އެދުނު މައުލޫމާތުތަކަކީ:

  • ޓެކްސީލައިން ފެށުމަށް ރާއްޖެ ގެނައި ކާރުގެ އަދަދު އަދި އިތުރަށް ގެންނަން ހަމަޖެހިފައިވާ ކާރުގެ އަދަދު

  • އެ ކާރުތައް ގެނައުމަށް ހަވާލުކުރި ކުންފުނި އަދި އެ ކުންފުންޏާއެކު އެގުރިމަންޓްގައި ސޮއިކުރި ތާރީހު

  • އެ ކާރުތައް ގެނައުމަށް އެ ކުންފުންޏަށް ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމުލަ އަގު

  • ގެނެސްފައިވާ ކާރުތަކުގެ ބްރޭންޑް އަދި މޮޑެލް

  • އެމްޓީސީސީން ދެއްކި ވީޑިއޯތަކުގައި އިޝްތިހާރުކޮށްފައިވަނީ ޗައިނާގެ ބީވައިޑީ ކުންފުނީގެ ސީގަލް (ބީވައިޑީ ޑޮލްފިން) މަރުކާގެ ކާރު ނަމަވެސް ގެނައީ އެހެން މަރުކާގެ ކާރުތަކެއް ކަމަށްވާތީ އެ ކަން ބަދަލުވީ ކީއްވެގެންކަން

  • ޓެކްސީ ހިދުމަތް ފެށުމަށް ނެގި މުވައްޒަފުންގެ އަދަދު

  • މުޅި ހިދުމަތް ފަށަން ހަރަދުވި މިންވަރު އަދި އެ ފައިސާ ހަމަޖެއްސި ގޮތް؛ ފައިސާ ހަމަޖައްސައިދިނީ ސަރުކާރުންތޯ ނުވަތަ އެމްޓީސީސީގެ އަމިއްލަ ފައިސާއިންތޯ

  • ޓެކްސީލައިން ހިންގުމަށް މަހެއްގެ މައްޗަށް ކުރެވޭ ހަރަދު އަދި ލިބޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީ

  • ޓެކްސީލައިން ހިދުމަތަށް ހާއްސަކޮށް އެޕްލިކޭޝަނެއް ތައްޔާރުކުރަން ހަވާލުކުރި ކުންފުނި އަދި ކޮންޓްރެކްޓްގެ އަގާއި އެޕްލިކޭޝަން ނެރެވޭނެ ތާރީހު

އެނގުން މުހިންމު - ޓެކްސީލައިންގެ ހިދުމަތަށް އެޕްލިކޭޝަން ތައްޔާރުކުރަން ހަވާލުކުރުމުގައި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ އިތުރު ސަބަބުތަކަކީ:

  • ރާއްޖޭގެ ބޮޑެތި ޓެކް ކުންފުނިތަކަށް ފުރުސަތުނުދީ، މި ޕްރޮޖެކްޓްގެ ބިޑް ހުޅުވާލާފައިވަނީ ހަމައެކަނި "ދައުވަތު ދެވުނު ސަޕްލަޔަރުންނަށް" އެކަނި ކަމުގައިވުން

  • އެޕް ހަދަން ހަވާލުކުރި 'ފިކްސްޑް މޯލްޑިވްސް'އަކީ އެޕް އަދި ވެބް ޑިވެލޮޕްމަންޓްގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏަކަށްވާތީ

  • އެމްޓީސީސީގައި މި ޓެންޑަރުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އިސްވެރިއެއް ކަމަށްވާ، ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝް ހުސައިންގެ ތިމާގެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް މި މަސައްކަތް ދީފައިވާތީ

ކޮމެންޓް (2)

ތެފައާސާ.

27 އޭޕްރީލު 2026
ސުބުހާނަﷲ ތަހުގީގެއްވެސް އެބަ ހިންގާ ދޯ އެހެންވީމާ؟ އަކަމަކު ރައީސް ވިދާޅުވީ ދެނެހުރި ކަމެއްވެސް ނޫނޭ.
1 0

ޢަސްލު

26 އޭޕްރީލު 2026
އޭސީސީން އާއި ފުލުހުން ބުނީ ތި އެޕުގެ މައްސަލަ ތަހުގީގު ނުކުރަމޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް