އިނާހު ފެމުނު މިޔަރެއްގެ ނޭފަތުގައި ހިފަހައްޓާލައިގެން: މިޔަރާއެކު ފީނުމުގެ ކުރިން އޭގެ އުޅުން ހުންނަ ގޮތް ދަސްކުރަން ޖެހޭނެ ކަމަށް އޭނާ ބުނޭ

މިޔަރު

މިޔަރުގެ ހަމަލާތައް އިތުރުވެއްޖެ؛ ތަޖުރިބާކާރުން މިކިޔައިދެނީ ރައްކާތެރިވާނެ ގޮތް

މި މަހުގެ ތެރޭގައި ތިން މީހަކަށް މިޔަރު ހަމަލާދީ، ޒަހަމުކޮށްލާފައި ވޭ

މި މަހުގެ ކުރީކޮޅު ރާއްޖެއާ ބެހޭގޮތުން ދުނިޔޭގެ ނޫސްތަކަށް އެރި އެންމެ ބޮޑު ހަބަރަކީ، މިޔަރުގެ ހަމަލާއެއްގައި ޓޫރިސްޓެއްގެ ފައި ޒަހަމްވެ، އެ ފައި ބުރިކޮށްލަން ޖެހުމެވެ. އެއާ ވިދިގެން ދެން ވެސް އިވުނީ، އިތުރު ހަމަލާތަކެއްގައި ދެ ޓޫޜިސްޓަކާއި ދިވެއްސަކަށް ބޮޑެތި ޒަހަމްތަކެއް ލިބުނު ހަބަރެވެ.

އެކަމަކު ތަޖުރިބާކާރުންގެ ނަޒަރުގައި މިޔަރަކީ އިންސާނުންނަށް ގަސްތުގައި ހަމަލާދޭ އެއްޗެއް ނޫނެވެ. އޭގެ ހަމަލާ އަމާޒުވަނީ ކޮންމެވެސް ގޮތަކުން އެޔަށް ގޯނާއެއް ކުރެވި ނުވަތަ އޭގެ އުޅުން ބަދަލުވާ ކަހަލަ ކަމެއް ކުރެވިގެންނެވެ.

ބައެއް ރިސޯޓުތަކާއި ރަށްރަށުގެ ލޯކަލް ޓޫރިޒަމް ވެސް މިހާރު ވިއްކަނީ، ރާޅު ޖަހާ ފަށަށް އެއްވާ ނިދަން މިޔަރުތަކުގެ ރީތި މަންޒަރުތަކުންނެވެ. އެ މިޔަރުތަކާއެކު ފޮޓޯ ނަގައި، ފީނާ، ކާން ދޭ މަންޒަރަކީ އާޝޯހު ކުރުވާ މަންޒަރުތަކެއް ނަމަވެސް އެއީ ވެސް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

މިޔަރާއެކު ފީނުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން އިނާހް (މެދުގައި) އާއި އިތުރު ބައެއް ޑައިވަރުން މައުލޫމާތު ދެނީ

މިޔަރާއެކު ފީނުމުގައި ރައްކާތެރިވާނެ ގޮތް އަދި ސަމާލުކަން ދޭން ޖެހޭނެ ކަންކަން، ތަޖުރިބާކާރު ޑައިވަރު އަހުމަދު އިނާހު ވަނީ ކިޔައިދީފަ އެވެ. އޭނާއަކީ ރާއްޖޭގައި ފެމުނު މިޔަރު އެންމެ ގިނައިން އުޅޭ އަދި އެ މިޔަރުތަކުގެ ރީތިކަން ޕްރޮމޯޓް ކުރާ ޏ. ފުވައްމުލަކުގެ ޑައިވަރެކެވެ.

އިނާހު ބުނިގޮތުގައި ނާސް ޝާކް ނުވަތަ ނިދަން މިޔަރަކީ ރުޅިގަދަވެ، ހަމަލާ ދިނުމަށް އެއްވެސް ޝައުގުވެރިކަން ހުންނަ އެއްޗެއް ނޫނެވެ. އެކަމަކު އޭގެ އަނގައިގައި ދަތް ނުހުރި ނަމަވެސް އެއީ އަނގައިގެ ތެރެއަށް ވަރުގަދައަށް ދަމައިގަތުމުގެ (ސަކްޝަން) ބާރު ހުންނަ އެއްޗެއް ކަމަށް ބުންޏެވެ. އެހެންވެ، ޓޫރިސްޓުން ކާ އެއްޗެހި އަތަށް އަޅައިގެން އެއަށް ކާންދޭއިރު، އެ އަތް އަނގައިގެ ތެރެއަށް ދަމައިގަންނަ ގޮތްވާ ކަމަށް އިނާހް ބުންޏެވެ.

"ދެން އެޔެއް ފަސޭހައަކުން ނުވެއް ނެއްޓޭނެ. ހަންގަނޑާއި މަސް ގަނޑާ އެއްޗެހި ނައްޓައިގެން އަންނާނީ،" އޮސްޓްރޭލިއާ އާއި މެކްސިކޯގެ ކަނޑުގައި، ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި ބޮޑެތި މިޔަރާއެކު ފީނައި، ތަޖުރިބާ ހޯދާފައި ހުރި ޒުވާނާ ބުންޏެވެ. 

މި މަހުގެ ތެރޭގައި އެ ފަދަ ހާދިސާއެއް އއ. އަތޮޅުގައި ވެސް ވަނީ ހިނގާފަ އެވެ. ނިދަން މިޔަރުގެ ހަމަލާއެއްގައި ޓޫރިސްޓެއްގެ އަތުގެ އިނގިލިތަކުގެ މަސްގަނޑު އޮތީ އެއްކޮށް ނެއްޓިފަ އެވެ.

ދެން އޭނާ ފާހަގަ ކުރީ، ޓޫރިސްޓުން ބިކިނީގައި ނުވަތަ ސްވިމްސޫޓުގައި ނިދަން މިޔަރާއެކު ފީނަން ފޭބުމެވެ. މިއީ ވެސް ކުރަން ނުވާ ކަމެއް ކަމަށް އިނާހް ބުންޏެވެ.

ދެން އޮތީ ހަމަލާ ދިނުމުގެ ފުރުސަތު އޮތް، ޓައިގާ ޝާކް ނުވަތަ ފެމުނާއެކު ފީނުމެވެ.

އިނާހު ބުނިގޮތުގައި ފެމުނާއެކު ފީނާއިރު އޭގެ ތަޖުރިބާ ހުންނަން ޖެހޭނެ އެވެ. މިޔަރު އުޅޭގޮތް ނުވަތަ ބިހޭވިޔާ އެނގެން ޖެހޭނެ އެވެ. ސަމާލުކަން ދޭން ޖެހޭ އިތުރު ކަންތައްތަކުގެ ގޮތުގައި އޭނާ ފާހަގަކުރީ:

  • މިޔަރު އުޅޭތަނަށް ފީނުމުގެ ކުރިން ގައިޑާއި ގެސްޓުންގެ ރޭޝިއޯއެއް ކަނޑައެޅުން، މިސާލަކަށް އެއް ގައިޑެއްގެ ބެލުމުގެ ދަށުގައި އެންމެ ގިނަ ވެގެން ބައިތިއްބޭނީ ހަތަރު ގެސްޓުން ކަމަށް ކަނޑައެޅުން

  • ގެސްޓުންނަށް ވަރަށް ރަނގަޅަށް މައުލޫމާތު ދިނުން. ގެސްޓުންގެ އަމަލުތައް ހުންނަން ޖެހޭނެ ގޮތާއި މިޔަރުގެ އުޅުން ހުންނާނެ ގޮތާއި ކަން ހިނގާނެ ގޮތް ކިޔައިދިނުން

  • އަޑީގައި ގެސްޓުން އުޅޭގޮތުގެ ކޮންޓްރޯލް ގައިޑު މީހާގެ އަތުގައި އޮތުން

ނިދަން މިޔަރުތަކަކާއެކު ޓޫރިސްޓަކު މޫދަށް އެރެނީ

"ކާއެއްޗެހި އަޅައިގެން [މިޔަރު ތިލަކޮށްގެން] ވަރަށް ގިނަ ރަށްރަށަށް މާލީ ގޮތުން ފައިދާވޭ. އަޅުގަނޑު އެކްސްކާޝަން ސެންޓަރުތަކުގެ ވެރިންނާއި ވިޔަފާރިވެރިންނަށް ބުނެލަން އޮތީ ގައިޑުން ޓްރެއިން ކުރާށޭ. ގެސްޓުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށް ނުލާށޭ،" މިޔަރާއެކު ފީނުމަށް މަޝްހޫރު، ޕެލަޖިކް ޑައިވާސްގެ ވެރިޔާ އިނާހު ބުންޏެވެ.

"ރައްކާތެރިގޮތުގައި މިކަން ކުރީމާ ކުރެވޭނެކަން ފުވައްމުލަކުން މިދަނީ ދައްކައިދެމުން."

އިނާހު ބުނިގޮތުގައި މިޔަރާ އެކު ފީނާ ގައިޑުންނަކީ ވެސް 'ކޮލިޓީ' ހުރި، ރަނގަޅު ގައިޑުންނަށް ވާންޖެހެ އެވެ. ފެތުމާއި 'ކިކް' ކުރުމުގެ އިތުރުން މޫދުގައި ބޭނުން ކުރާ އާލާތްތަކަށް ފަރިތަ، ކަނޑު އަޑީގައި އުޅޭއިރު މައްސަލައެއް ފާހަގަވެއްޖެ ނަމަ، އެކަން ދެނެގަނެ ހައްލުކުރާނެ ގޮތް އެނގެން ޖެހޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ދެން އިނާހު ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި:

  • ގެސްޓުންގެ އަތަށް ދީފައި މިޔަރަށް ކާން ނުދިނުން

  • ކާން ދެންޏާ ވެސް، އެއްޗެއްގެ ތެރޭގައި، މިސާލަކަށް ތާންގީއެއް ނުވަތަ ގަލެއްގެ ދަށުގައި މަހުގެ ބޮލެއް ކަހަލަ އެއްޗެއް ބާއްވައިގެން، މިޔަރުތައް އެ ދިމާއަށް ދާ ގޮތަށް ހަދައިގެން ކާންދިނުން

  • ފެމުނު މިޔަރާއި ބުލްޝާކް އާ އެކު ފީނަންޏާ އޭގެ ލޮލާ އަމިއްލަ މީހާގެ ލޯ ދިމާކުރުން ނުވަތަ އައިކޮންޓެކްޓް ކުރުން 

  • ފީނާތަނުގައި ކިތައް މިޔަރު އުޅޭތޯ އާއި މޫދުގެ ހާލަތާއި އޮއެވަރު ހުރީ ކިހިނެއްތޯ ބެލުމާއި ގެސްޓުން ލައިގެން ހުރީ ކޮންކަހަލަ އަންނައުނެއްތޯ އާއި ކެމެރާ ގެންގުޅެނީ ކިތައް ގެސްޓުންގެ އަތުގައިތޯ ބެލުން

'ޕޮއިންޓް އޮފް އިންޓަރެސްޓް'

މިޔަރާއެކު ފީނާއިރު، 'ޕޮއިންޓް އޮފް އިންޓަރެސްޓް'އަކީ އެންމެ މުހިއްމު އެއް ކަންތައްކަމުގައި އިނާހު ފާހަގަ ކުރި އެވެ. ކާންދީގެން މިޔަރު ތިލަކޮށްގެން ފީނާތަނެއްގައި، އޭގެ އިންޓަރެސްޓް ނުވަތަ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ތަނަކީ އެ ކާންދޭ އެއްޗަކަށް ހެދުމެވެ. މިޔަރުގެ ސަމާލުކަން 'ޗަންކް' ނުވަތަ ކާންދޭ އެއްޗަކަށް ހުރިތޯ، ގައިޑު ބަލަން ޖެހޭނެ ކަމަށް ބުންޏެވެ.

"ގައިޑަކަށް އެނގެން ޖެހޭ މިޔަރުގެ ޕޮއިންޓް އޮފް އިންޓަރެސްޓްއަކީ މަސްބޮލެއް ކަމަށް ވަންޏާ، އެއިން އެހެން ތަނަކަށް އެ ސަމާލުކަން ބަދަލުވާ ނަމަ. މިސާލަކަށް މަސް ބޮލުން ގެސްޓެއްގެ ކެމެރާއަށް ނުވަތަ ފިންސަށް ސްވިޗްވުން،" އިނާހު ބުންޏެވެ.

"އެގޮތަށް ސްވިޗްވުމުގެ ކުރިން އެބަ އިނދޭ ވަރަށް ސަޓްލް މޫވްމެންޓްތަކެއް. އޭގެ ލޯއެނބުރޭ ގޮތާއި ސްނައުޓް އެނބުރޭގޮތް."

އޭނާ ބުނީ މި ތަފްސީލުތަކަށް ގައިޑު މީހާ ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި އެގޮތަށް މިޔަރުގެ ފޯކަސް ބަދަލުވެ، މީހުންނާ ދިމާއަށް އައުމުގެ ކުރިން، ގައިޑު ގޮސް އެ ދޭތެރެއަށް ވަދެ، އޭގެ މިސްރާބު ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް (2)

ތެފައާސާ.

27 އޭޕްރީލު 2026
ތިޔަ ބުނާ ޖަރުމަނު ޓޫރިސްޓަށް ދިން ހަމަލާގައިވެސް ވީގޮތަކީ އާދަވެގެން ކާން އަޅާ ނާސް ޝާކް ޕޮއިންޓަކަށް، ކާން ނުދީ ދުވަސްތަކެއް ކޮށްފައި ގޮސް ފުރަތަމަވެސް މި ފުންމާލީ ޖަރުމަނު ޓޫރިސްޓު މީހާ. އަސްލު މީ ގައިޑުންގެ މައްސަލަ. ޓޫރިސްޓު މީހާއަކަށް ނުވެސް އެނގޭނެ، ކާން ނުދީ ހުރިކަމެއްވެސް. ބައެއް ގައިޑުން ވަރަށް ފަރުވާކުޑަކޮށް ކުރާކަމެއް. އެހެންތާ ވާނީ ކިތަންމެ ބޮޑު ހާދިސާއެއް ހިނގިއަސް ޒިންމާ ވާކަށް ނުޖެހޭ. ދެން ހަމަ ހިތަށް އެރި ގޮތަކަށް ކުރަނީ.
1 0

ފެމުނު

27 އޭޕްރީލު 2026
"ރައްކާތެރިގޮތުގައި މިކަން ކުރީމާ ކުރެވޭނެކަން ފުވައްމުލަކުން މިދަނީ ދައްކައިދެމުން." ހުސްދޮގު!!! ކާންދެންޔާ ހަމަލާދޭނެ.. ލާރިލިބޭތީ ކަމުގެ ހަގީގަތް ނުފޮރުވާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް