ލޭ އަޅަނީ

ތެލަސީމިއާ

ކުނިވެފައިވާ ލެޔެއް ނޭޅޭ، އިހުމާލުވި ފަރާތަށް ފިޔަވަޅު އަޅައިފިން: އެމްބީއެސް

ކަންހިނގާ ދިޔަ ގޮތަށް ބަލާ، ލޭ އެޅުމުގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ސިއްހީ ހިދުމަތްތެރިން ފާހަގަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އެ ތަނުން ބުނި

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގައި ލޭ ރައްކާކުރާ ފްރިޖެއް ހަލާކުވި ނަމަވެސް އޭގައި ރައްކާކޮށްފައި ހުރި ލޭ ކުނި ނުވާ ކަމަށާއި އެ ފްރިޖަށް ޓެކްނިކަލް މައްސަލައެއް ދިމާވި ނަމަވެސް އޭގައި ރައްކާކޮށްފައި ހުރި ލޭ ތަގައްޔަރު ނުވާ ކަމަށް އެ ތަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްބީއެސްގައި ލޭ ރައްކާކުރާ ފްރިޖެއްގެ ފިނިހޫނުމިނަށް މައްސަލަ ދިމާވީ މި މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ. އޭގައި ރައްކާކޮށްފައި ހުރި ލޭ ޕެކެޓުތަކެއް ތިން މީހެއްގެ ގަޔަށް އެޅިފައިވާ ކަމަށް އެމްބީއެސް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ތަފްސީލް - އެމްބީއެސް އިން ނެރުނު ބަޔާނުގައި އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައިދެމުން ބުނީ:

  • ދެ ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން ފާހަގަވީ 19 ވަނަ ދުވަހުގެ ރޭ ބްލަޑް ސާވިސްގެ ހިދުމަތް ދީ، ބަންދު ކުރި ފަހުން

  • ފްރީޒަރަށް މައްސަލަ ދިމާވިކަން އެލާޓު ވުމުން ތިން މުވައްޒަފަކު ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ ސްޓޭންޑްބައި ފްރީޒަރަށް 12 ޕެކެޓު ލޭ ބަދަލު ކުރި

  • އަނެއް ދުވަހު ހެނދުނު ކަމާ ގުޅޭ މުވައްޒަފުން ވަނީ އޮފީހަށް ނުކުމެ، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ބޭނުންކުރާ 'މެޑިކަލް ގްރޭންޑް މެޝިން' އާއި އާލާތްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަމަލުކުރާ އުސޫލާ އެއްގޮތަށް މަސައްކަތް ކޮށްފައިވޭ

  • އާންމު ގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަން ޖެހެނީ 2-6 ޑިގްރީއާ ދެމެދުގައި ކަމަށް ވިޔަސް، ދެ ނަމްބަރު ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާކަން ފާހަގަވި

  •  11 ޑިގްރީއަށް ވުރެ މަތީގައި ފްރީޒަރުގެ ޓެމްޕަރޭޗަރު ހުރީ ކިހާ އިރެއް ވަންދެން ކަަމެއް ސިސްޓަމްގައި އޮޓޯއިން ލޮގްކޮށްފައިވާ މައުލޫމާތުތަކުން ސާފެއްނުވޭ

  • ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ނުވާ ގޮތަށް ޖުމުލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާ އެކު، ފްރީޒަރުގައި ލޭގެ ޕެކެޓުތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑުން އެނގެން އޮވޭ

"އެހެންކަމުން، 19 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭގަނޑު މުވައްޒަފުން ފްރީޒަރު ކައިރިއަށް ހާޒިރުވުމަށް ހޭދަވި ވަގުތާ އަދި ސިސްޓަމުގެ ލޮގު ކުރެވިފައި ހުރި ފިނިހޫނުމިނުގެ ލޮގުތަކުގެ ވަގުތަށް ބަލާއިރު 2 ނަންބަރު ފްރީޒަރުގައި ހުރި ލެޔަކީ ކުނިވެފައި ނުވަތަ ތަގައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަން އެ ހާލަތުގައި ސިއްހީ ގޮތުން ބަލާއިރު އެނގެން އެބައޮތެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެމްބީއެސް އިން ބުނީ، ފިނިހޫނުމިނާ މެދު ސުވާލު އުފެދޭ ހާލަތްތަކުގައި ރައްކާކުރެވިފައި ހުންނަ ލޭ ނާޅަނީ އެންމެ މަތީ ފެންވަރުގައި ލޭގެ ކޮލެޓީ ހިފެހެއްޓުމަށްޓަކާ ކަމަށެވެ.

މީގެ އިތުރުން، އެ ސާވިސް އިން ބުނީ:

  • ފްރީޒަރަށް ދިމާވި މައްސަލަ ބަލަމުންދަނިކޮށް މި މަހުގެ 20 ވަނަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ލޭ އަޅަން މަޑުކޮށްގެން ތިބި 3 މީހެއްގެ ގަޔަށް ލޭ އެޅި

  • އެއީ އެ މީހުންގެ ގަޔަށް އެޅުމަށް ކަނޑައަޅާ ފްރީޒަރުގައި ރައްކާކޮށްފައި ހުރި ލޭ

  • އެކަން ފާހަގަވީ ލޭ އަޅާ ނިމުނު ފަހުން؛ އެއާ އެކު އެ މީހުންނަށް އެކަން އެންގުމުގެ މަސައްކަތް ފެށި

އެމްބީއެސްއިން ބުނީ:

  • ކަންހިނގާދިޔަ ގޮތަށް ބަލާ، ލޭ އެޅުމުގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ސިއްހީ ހިދުމަތްތެރިން ފާހަގަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް ތަހުގީގެއް ފަށާފައިވޭ

  • ލޭ އެޅުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތުން ލޭ އެޅުމުގެ ކުރިން އަންގަން ޖެހޭ މައުލޫމާތު އެންގުމުގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިދާރީ މަސައްކަތްކުރާ އެ މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައިވޭ

ބްލަޑް ސާވިސަސް އިން ބުނީ، އާންމު އުސޫލުން މިފަދަ ކަމެއް މެދުވެރިވާ ހާލަތްތަކުގައި މެޑިކަލް އެތިކްސްއާ އެއްގޮތަށް ހިދުމަތް ހޯދާ ފަރާތްތަކަށް ލޭ ޕެކް އަލުން ހޯދާ އަދި ލޭ އެޅުނު ފަރާތްތަކަށް ކަން ހިނގި ގޮތް އަންގާފައިވާ ކަމަށެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އާއި ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ ޕެކެޓުތައް އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ އާއިލާ ހިމެނޭ ގޮތަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑުއެހި ކަމަށާއި އެ ވަގުތާ ހަމައަށް ހާމަކުރެވެން ހުރި ސައްހަ އަދި ފުރިހަމަ މައުލޫމާތު ފޮރުވުމެއް ނެތި އެ ފަރާތްތަކަށް ދިން ކަމަށް ވެސް ބްލަޑް ސާވިސް އިން ބުންޏެވެ.

ގުޅުން ހުރި - ތެލެސީމިއާ ކުދިންތަކަކަށް އެ ލޭ އެޅުނު މައްސަލަ ތަހުގީގުކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެކަމާ ގުޅޭ މައުލޫމާތު ތެލެސީމިއާ ކޮމިއުނިޓީއާ ހިއްސާ ކުރަމުން ދިއުމަށް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ވަނީ އިއްޔެ ގޮވާލައިފަ އެވެ.

ތެލެސީމިއާ ސޮސައިޓީން ވަނީ އެ ލޭ އެޅުނު ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލާ، މިފަދަ ލެޔެއް އެންމެ ކުއްޖެއްގެ ގަޔަށް ވެސް އެޅިގެން ނުވާނެ ހާލަތުގައި، އެ ލޭ އެޅުނު ސަބަބު ތަހުގީގުކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެކަން ތެލެސީމިއާ ކޮމިއުނިޓީއާ ހިއްސާކުރަމުން ދިއުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

26 އޭޕްރީލު 2026
މިހާރު ދެއުޅިއެއްނުވާ ވާހަކަތަށް ގިނަވެގެން ގޮސް ސަރުކާރުގެ އިދާރާތަކާހަމަޔަށްވެސް ތިރިވީ އުތަ؟ އެންމެ މަތީ ކޮލިޓީ ހިފަހައްޓަން ބޭނުން ނުވާނަމަ ކީއްވެގެން އެހެން ފްރިޖަކަށް ބަދަލު ކުރަންވީ؟ ވަގުތުން ޑިސްކާޑް ކުރަންޖެހޭނެ ނޫންތޯ؟ އަނެއްކާ ބަދަލުކޮށްފައި އެހެން ބަޔަކަށް އެކަން ނާންގާ އޮންނަ އުސޫލުން ލޭ އެޅި މީހުންނާއި އިދާރީ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގެ މާނައެއްނެތް! މައިގަނޑު މައްސަލައަކީ، ސްޓޭޑަޑްތައް ނުހިފެހެއްޓުން! ހުރިހާ ތަނެއްގައިވެސް ކަން އޮތީ އެގޮތަށް! ޕްރޮޓޮކޯލްތަކާއި ޕްރޮސީޖަރތައް ލިޔެވިފައި ހުންނަނީ! ޢަމަލު ކުރޭތޯ ނުކުރޭތޯ ބަލާވެސްނުލާ! އަމާބުނީތީ ފަރަށްދާގޮތަށް ހުރިހަ ކަމެއްވެސް ކުރަނީ! މުދިން ކަލޭގެ އިން ފެށިގެން ރައީސާ ހަމަޔަށް މަސައްކަތް ކުރަނީ މުސާރަ/ފައިސާ ހޯދަން! ޚިދުމަތެއް ދޭކަށެއްނޫން!! އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭ މުސާރައަކީ މައްސަކަތް ކުރީމާ ލިބޭ އެއްޗެއްކަމެއް! ޔައުނީ މަސައްކަތަށް އިޚްލާސްތެރި ހަމައެކަކުވެސް މިހާރަކު ނޫޅޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް