އެމްޑީޕީން މިރޭ ބޭއްވި އިހްތިޖާޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ރައީސް މަޝްވަރާ ކުރަން ވަޑައިގަންނަވާ، ނޫނީ ތާ އަބަދު މަގުމަތީގައި ތިބޭނަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ކޮންމެހެން ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތަށް ދޫކޮށްނުލެވޭނެ ކަމަށް

ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ބަދަލު ގެނައުމާ މެދު މަޝްވަރާ ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވައި، އެއަށް އިޖާބަ ނުދެއްވާ ނަމަ، "ތާ އަބަދު މަގުމަތީގައި" އިހްތިޖާޖް ކުރާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީއިން ބާއްވަމުން އަންނަ މަގުމަތީ ހަރަކާތުގައި މިރޭ ފުރަތަމަ ފަހަރަށް ބައިވެރިވެ ވަޑައިގަންނަވައި ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. 

އެމްޑީޕީން މިރޭ ބޭއްވި އިހްތިޖާޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)

ތަފްސީލް - ނަޝީދު ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި ތަކެތީގެ އަގު އުފުލި، ޑޮލަރުގެ އަގު ދަނީ ބޮޑުވަމުން ކަމަށެވެ.

އެހެންވެ، ނާޒުކު ފައްތަރެއްގައި އޮތް ރާއްޖެ މިގޮތުގައި ދޫކޮށްލެވެން ނެތް ކަމަށާއި މި ހާލަތުން އަރައިގަތުމަށް، ސަރުކާރެކޭ އެއްގޮތަށް އެންމެން ވެސް މަސައްކަތް ކުރުމަކީ ވާޖިބެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ސަރުކާރަށާއި ރައީސް މުއިއްޒަށް މި ގޮވާލަނީ ވަޑައިގަންނަވާށޭ މޭޒު ދޮށަށް، މަޝްވަރާ ފައްޓަވާށޭ. ރާއްޖެ ދޫކޮށްލެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ ހައްގުތަކާއި ތަނަވަސްކަމާއި ހިތްހަމަޖެހުން ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އެންމެންގެ މައްޗަށް ވާޖިބެއް."

ނަޝީދު ވިދާޅުވި ގޮތުގައި:

  • ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމާއެކު ރައްޔިތުންނަށް ފައިދާތަކެއް ލިބުނު. އެގޮތުން ދައުލަތުގެ އާމްދަނީ އިތުރުވެ، އާއްމު ގޭބިސީތަކުގެ އާމްދަނީ އުފުލިގެން ދިޔަ 

  • އެކަމަކު މި ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެ މަނިކުފާނަށް ދޫކޮށްލައްވަން މަޖުބޫރުވެވަޑައިގެންނެވި ހަމައެކަނި މިންވަރަށް ދޫކޮށްލައިގެން އެކުލަވާލި ގާނޫނުއަސާސީއެއް

  • އޭގެ 18 އަހަރު ފަހުން ވެސް، އިސްރާފާއި ނޭދެވޭ އެތައް ކަމެއް، ހާއްސަކޮށް ވެރިކަމުގެ އެތެރޭގައި ހިނގާ ކޮރަޕްޝަނާއި ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރަން ފަހިކޮށްދިނީ އެ ގާނޫނުއަސާސީ

އެމްޑީޕީން މިރޭ ބޭއްވި އިހްތިޖާޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

"އެހެންވެ އަޅުގަނޑަށް ޔަގީން ކަށަވަރު ރާއްޖޭގެ އޮނިގަނޑަށް، ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ އެކަކު ވެސް ނުހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ރައީސަށް ދައުވަތު ދެއްވީ، އެ ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރެއްވުމަށެވެ. އެކަން ގަބޫލު ނުކުރައްވައިފި ނަމަ، މަގުމަތީ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް (6)

ކެޔޮގަނޑު

23 އޭޕްރީލު 2026
ނަޝީދުއާއި ރޫޅާލާނަން ގުރޫޕު ތާއަބަދު މަގުމަތީގައި ތިއްބަވާ. އެމްޑީޕީގެ ނަކުގައި ތިޔަފަދަ ކަމެއް ކުރަން ޕާޓީން ނިންމާފައެއް ނެތް. ރޫޅާލާނަން ގުރޫޕަކީ އެނޫކަމެއް ކުރަން ދަންނަ ބައެއްނޫން. ވެރިކަން ކުރާކަށް ނޭނގުނު. ޕްރައިމަރީގައި ބަލިވީމާ ނިކުތީ ޕާޓީ ރޫޅާލަން.
0 0

ހެހެ

22 އޭޕްރީލު 2026
ރޫޅާލާފަ ވައްޓާލި ފޫވަކާ އެއއކޮށް ގާނާގަ މަޑުކޮށްލާ، ބޮޑުވަޒީރުގެ ހުވަފެންދެކޭނެކަމެއްނެތް
1 0

މުއްތު

22 އޭޕްރީލު 2026
އެކްސްޕަޔަރޑް ޕްރަޑަކްޓްސް
1 0

ސާމަރާ

22 އޭޕްރީލު 2026
ހުރިހާ ސިޔާސީ ވެރިން އެއްތަންވެ މަޝްވަރާ ފަށަން ފެނޭ. މަޝްވަރާގައި ނިންމަން ވާނީ، ކެނެރީގޭ ނަޝީދު ދުނިޔޭގައި ހުރިހައި ދުވަހަކު، ދައުލަތުގެ ވެރިޔާގެ މަގާމުގައި އޭނާ ބަހައްޓަން. އެނޫން ގޮތަކަށް މީނާއަށް ހަމަ ނޭވާ ނުލެވޭނެ. ރައީސް މައުމޫންގެ ވެރިކަމުގައި މީނާ ސަރުކާރާ ދެކޮޅުވެރިވެގެން ރާއްޖޭން ބޭރުގައި ހުރެފައި އައިސް ފުރަތަމަ ވެސް ބުނީ ވެރިކަން ބޭނުމެއް ނޫނޭ. އެހެން ބުނި ދުވަހުން ފެށިގެން، ވެރިކަމުގެ ބޭނުމުގައި ނޫނީ އެންމެ ނޭވާއެއް ވެސް ނުލާ.
0 0

ތެފައާސާ.

22 އޭޕްރީލު 2026
ރޫޅާލުންގަނޑު ނިމިގެން އަމިއްލަ ސައިޒު ބެލިއިރު އޮތީ %7.16 ގައި. ދެން ވިދާޅުވީ މުއިއްޒުގެ ސަރުކާރުގެ ބައިވެރިއެކޭ ހިއްސާދާރެކޭ، ކޭކު ފަޅި ބަހައި ނިމުނުއިރު ހިތުލީ އެއްވެސް މަގާމެއް ނުއެއް ލިބުނު. ދެން ތިބީ ހައްޕު ކިޔައިގެން ބިމަށް ތުންގަނޑު ހަރައިގެން. ހައްގުތައް ނިގުޅައި ޖުޑިޝަރީ ފުނޑައި މަޖިލިސް ނަޓުއަޅުވައި ކޮރަޕްޝަން އިންތިހާވެ މި ހުރިހާ ކަމެއްގައި 2 އަހަރާއި ބައި ދިޔައިރު ދެ ލޯ މަރައިގެން ތިބެފައި، ސަރުކާރު ފެއިލްވެއްޖެކަން އިދިކޮޅު ގަދަކޮށްްފިކަން ޔަގީންވީމާ، އެއްކަލަ ރޫޅާލި ބައިގެ ދިދަދަށަށްވަނދެ އަލުން އެނުކުންނެވީ ބޮޑުވަޒީރުކަން ހޯދުމަށް މުޒާހަރާގެ ޖަޑިބަކަށް.
3 0

މުޙައްމަދު

22 އޭޕްރީލު 2026
ބަލަ މިބޭފުޅާއަށް އޮތް ސަޕޯޓް %15 ފެނި އުނބަށް ޖެހީވެސް އެހެންވެ ނޫންތޯ ޑިމޮކްރެސީގެ މާޒީ ބެއްލެވީމަ ފެނިގެން ދަނީ އެންމެ ފުރަތަމަ 12. ހުރި ޑޮލަރު 15 ރުފިޔާއަށް ބްލެކް މާކެޓަށް ޑޮލަރު ނެރެގެން ވިއްކީ މި މަނިކުފާނު. މި މަނިކުފާނަށް އިނގޭ އެއްކަމެއްވެސް ނޯވޭ،ދުނިޔޭގަ ވާނުވާ ބަލާ ކޮންމެ މީހަކަށްވެސް އިނގޭނެ ތަކެތީގެ އަގުތަކަށް ބަދަލު އައި ގޮތް،އަމިއްލަ ޕާޓީގެ ސަރުކާރު އަދި މި މަނިކުފާނުގެ ސަރުކާރުން ކުރި ވައްކަންތަކާއި ވީ ހިޔާނާތުގެ ވާހަކަވެސް ގޮވީ ހަމަ މި މަނިކުފާނުގެ ދުލުންނެއް ނޫންތޯ. ހަމަހޭފުޅުގަ ނުހުންނަވާތީ ނޭގުނަސް ދިވެހި ރައްޔިތުންނަށް އެކަން ހަނދާނަކުން އަދި ނެތޭނެއެކޭ ހިޔެއްނުވޭ!!!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް