ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމުގެ ކެމްޕޭން ލޯންޗުކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އެމްޑީޕީ

އަޅުގަނޑު ވާނީ ވަކި ކޮޅަކަށް ބުރަނުވާ އިންސާވެރި ޗެއާޕާސަންއަކަށް: މީކާއީލް

ނަޝީދު ޗެއާޕާސަންކަމަށް ވާދަ ކުރެއްވުމުގެ ނިންމުމަށް މަރުހަބާ ވިދާޅުވި ނަމަވެސް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ އެމްޑީޕީ އެންމެ ހާލުގައި އޮތް ދުވަހު ވެސް އާންމު މެންބަރުންނާ އެކު ޕާޓީގައި ދެމިހުރީ އޭނާ ކަމަށް

އެމްޑީޕީގެ ޗެއާޕާސަންއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ ވަކި ކޮޅަކަށް ބުރަނުވެ، މިނިވަން އަދި އިންސާވެރި މީހެއްގެ ގޮތުގައި ކަމަށް އެ މަގާމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ޕާޓީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ވަނީ ހުސްވެފަ އެވެ. އެއާއެކު މީކާއީލް އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރެއްވި އެވެ.

މ. ފިނިފަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވަނީ އޭނާގެ ކެމްޕެއިން 'އިތުބާރު' ރަސްމީކޮށް ފައްޓަވައިފަ އެވެ.

ތަފްސީލު - މީކާއީލްއަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން އަދި އާންމު ބައެއް މެންބަރުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއީލް ވަނީ އޭނާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ސަބަބާއި އޭނާއަށް ވޯޓު ދޭން ޖެހޭ ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުގެ ޗެއާޕާސަންކަމުގައި މި ޕާޓީ ހިންގާނީ އިންސާވެރިކަމާ އެކު، ހަމަހަމަކަމާ އެކު، ތަފާތު ހިޔާލަށް ޖާގަ ދީގެން، މި ޕާޓީއަކީ ތަފާތު ހިޔާލުތަކާއި ތަފާތު ފިކުރުތަކުގެ މީހުން އުޅޭ ޕާޓީއެއްގެ ގޮތުގައި ހުރިހާ ބޭފުޅުންނަނަށް ވެސް ޖާގަ ދީގެން ހިންގާ ޕާޓީއެއްގެ ގޮތުގައި،" މަޖިލީިހުގައި ދެވަނަ ދައުރު ފުރުއްވަމުން ގެންދަވާ މީކާއީލް ވިދާޅުވި އެވެ.

މީކާއީލްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން: މީގެ ތެރޭގައި މާލޭގެ މޭޔަރު އާދަމް އާޒިމް އާއި މަޖިލީހުގެ ބައެއް މެންބަރުން އަދި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ފާހަގަކުރެވޭ - ޗެއާޕާސަން ރޭހުގައި މީކާއީލްއާ ވާދަ ކުރައްވާނެކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަ ކުރައްވައިފަ އެވެ. އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދު ކުރައްވާނެކަން ވެސް އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

ނަޝީދު ފައްޔާޒަށް ތާއީދު ކުރައްވާތީ، އެކަމަށް އިޝާރާތް ކުރައްވައި މީކާއީލް ވިދާޅުވީ، އޭނާ ހުންނެވީ ވަކި ރިޔާސީ ކެންޑިޑޭޓަކާ އެކުތޯ ސުވާލު ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ، އެމްޑީޕީގެ ޗެއާޕާސަންއެއްގެ ހައިސިއްޔަތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޝައުގުވެރިކަން ހުރި ހުރިހާ ބޭފުޅުންގެ މެދުގައި ވެސް އިންސާފުވެރިކަމާ އެކު، ހަމަހަމަކަމާ އެކު، އެ ބޭފުޅުންނަށް ގަބޫލޫކުރެއްވޭނެ، އިތުބާރު ކުރެއްވޭނެ ޕްރައިމަރީއެއް ބާއްވަން ތައްޔާރަށް ހުރިކަން،" މީކާއިލް ވިދާޅުވި އެވެ.

"އަދި އަޅުގަނޑު މި ހުރީ ވަކި ބޭފުޅަކާއެކުއެއް ނޫން. އަޅުގަނޑު މިހުރީ އެމްޑީޕީގެ އާންމު މެންބަރުންނާ އެކު."

ނޫސްވެރިންގެ ބައްދަލުވުމުގައި މީިކާއީލް މިއަދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ޗެއާޕާސަންގެ މަގާމަށް ދެން އަންނަ މީހެއްގެ އެންމެ އިސް ވާޖިބަކަށް ވާނީ 2028ގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދިނުންކަން ފާހަގަ ކުރައްވައި، މީކާއިލް ވިދާޅުވީ، މިދިޔަ ހުރިހާ އިންތިހާބެއް ވެސް އެމްޑީޕީއަށް ކާމިޔާބުވެފައި އޮތީ ޕާޓީގެ ހުރިހާ ބޭފުޅުން އެކުގައި ބަދަހިކޮށް މަސައްކަތްކޮށްގެން ކަމަށެވެ. އެހެންވީމާ ދެން ވެސް އެކަން ކުރެވެން އޮތީ، އެންމެންގެ މަސްލަހަތުގައި މަސައްކަތްކޮށްގެންކަން ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ މީކާއީލްއަށެވެ. ނޫސްވެރިއަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މީކާއީލް އެކަން ކަށަވަރުކޮށްދެއްވި އެވެ.

'ނަޝީދު ވާދަ ކުރެއްވުމަށް މަރުހަބާ ކިޔަން؛ އެކަމަކު ޕާޓީގައި ދެމިހުރީ އަޅުގަނޑު'

ނަޝީދު ޗެއާޕާސަންކަމަށް ވާދަ ކުރެއްވުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި ވާދަ ކުރެއްވުމަކީ، އެމަނިކުފާނަށް ވެސް އޮތް ހައްގެއް ކަމަށެވެ.

"އަޅުގަނޑު އެމަނިކުފާނުގެ ނިންމުމަށް މަރުހަބާ ކިޔަން. އެހެން ނަމަވެސް، އަޅުގަނޑަށް ވޯޓު ދޭން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ، އަޅުގަނޑު މި އުޅެނީ އުމުރުން 16 އަހަރުން ފެށިގެން މި ޕާޓީގެ އެންމެ ކުޑަކުޑަ މަގާމުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ ހަމައަށް މެދުކެނޑުމެއް ނެތި، މި ޕާޓީއަށް ހިދުމަތް ކުރުމުގައި،" މީކާއީލް، ނަޝީދަށް ނުސީދާކޮށް ރައްދު ދެއްވަމުން ވިދާޅުވި އެވެ.

އެމްޑީޕީ ދެ ފަޅިވިއިރު ފުރަަތަމަ ނަޝީދު ފެކްޝަންއާ އެކު މަސައްކަތް ކުރެއްވި ނަމަވެސް މީކާއީލް ފަހުން ވަނީ އޭރުގެ ރައީސް ސޯލިހުގެ ފެކްޝަނާ ގުޅިވަޑައިގެންފަ އެވެ. ދެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެ، އެންމެ ފަހުން ނަޝީދު ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ އެކު ޕާޓީ ދޫކުރައްވައި އަމިއްލަ ޕާޓީއެއް އުފެއްދެވީ އެވެ.

މީކާއީލް ވިދާޅުވީ، އޭނާ ޕާޓީގައި ހޭދަ ކުރެއްވި 16 އަހަރު ތެރޭ ވަރަށް އުނދަގޫ ވަގުތުތައް ވެސް އައި ކަމަށެވެ. އެގޮތުން 2023ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕާޓީ ދެ ފަޅިވި ދަނޑިވަޅަކީ އެފަދަ ވަގުތެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ހަގީގީ ޕޮލިޓިކަލް މެޗުއަރިޓީއަކީ، ހަގީގީ އެކްސްޕީރިއަންސްއަކީ، ހަގީގީ ތަޖުރިބާގެ ނަތީޖާއަކީ، އަޅުގަނޑު މި ޕާޓީގައި ދެމިހުންނަން ނިންމުން. މި ޕާޓީގެ އާންމު މެންބަރުންނާ އެކު، މި ޕާޓީ އެންމެ ހާލުގައި އޮތް ދުވަހު ވެސް އަޅުގަނޑު ދެމިހުރުން،" ނަޝީދު ފަދަ ތަޖުރިބާކާރު ބޭފުޅެއްގެ ބަދަލުގައި މީކާއީލްއަށް ވޯޓު ދޭން ޖެހޭ ސަބަބާ ގުޅޭ ގޮތުން ކުރި ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން މީކާއިލް ވިދާޅުވި އެވެ.

"މި ދަނޑިކޮށި ހަރުގެ ކުރިމަތީގައި މި ދެ އަހަރު މި ބޭފުޅުންނާ އެކު ހުރީ އަޅުގަނޑޭ. މި ޕާޓީގެ މެންބަރުންނާ އެކު ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރަން ނުކުތީ އަޅުގަނޑޭ. މި ޕާޓީ ހާލުގައި އޮތް ދުވަހު، އެންމެ ދެ މީހުންނާއި ފަޅި އެއްވަމުން ދިޔަ ދުވަހު ވެސް ހުރީ ހަމަ އަޅުގަނޑޭ."

އެއާއެކު މީކާއީލް ވިދާޅުވީ، އެކަންކަމުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުންނަށް އޭނާގެ މައްޗަށް އިތުބާރު އޮންނާނެ ކަމަށެވެ. އަދި ޗެއާޕާސަންގެ "އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ދެން ވެސް ޕާޓީއާ އެކު ހުންނާނީ އަޅުގަނޑުކަން ޕާޓީގެ މެންބަރުންނަށް ޔަގީންވާނެ" ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (4)

ތެފައާސާ.

22 އޭޕްރީލު 2026
ޝޮޓްސް ފަޔާރޑް، އައި ރިޕީޓް، ޝޮޓްސް ފަޔާރޑް
0 0

ކައެ

21 އޭޕްރީލު 2026
ކޮންތާކު ކަލޭ ހުރީ އިބޫ އާއެކު މިހާރު ވެސް. ވަޒީފާ ދިނީ އަންހެނުންނަށް އޭރު
1 0

ފްލެޓު މަންމަ

22 އޭޕްރީލު 2026
@ކައެ ފިނި ކޮޓަރީގަ ތިބެގެން މިސޮރު ނެރިގެން އަގަޑަބަގަޑަ ކުރަނީ... ބާއޮޑިގަނޑެއްގަ 2ޓީ އައުޓުބޯޑު އަޅާގެން މިކަމެއްނުވާނެ!
0 0

ހެހޭ

22 އޭޕްރީލު 2026
@ކައެ އެވާހަކަދޯ އެބުނީ. ކިޔާބަލަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް