އެމްޓީޔޫސީއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމިއްޔާތަކުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/އެމްޓީޔޫސީ)

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން ނިންމުން ކުށްވެރިކޮށްފި

މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ބުނީ މި ފިޔަވަޅުގެ މަގްސަދަކީ ހިންގުމުގެ ހަރަދު ކުޑަކުރުމާއި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުން ކަމަށް ބުނި ނަމަވެސް، އޭގެ ބުރަ އާއްމު މަސައްކަތްތެރިންގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން ނިންމުން، މަސައްކަތްތެރިންގެ ޖަމިއްޔާތައް ހިމެނޭ، ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުންފުނިތަކުގެ މުވައްޒަފުން ވަކި މިންވަރަކަށް މަދުކުރުމުގެ އިތުރުން، ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފަ އެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމެވެ.

ތަފްސީލް - ނަމަވެސް، އެމްޓީޔޫސީއިން ބުނީ މިއީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދޭ ސިގްނަލެއް ކަމަށެވެ. 

އެކަން ކުށްވެރިކޮށް އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި:

  • މި ނިންމުމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމުގެ އާމްދަނީއަށް ވަނީ ނުރައްކާ ކުރިމަތިވެފައި

  • ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް، ދާއިމީ ވަޒީފާއަށް ބަރޯސާވެފައިވާ މި ދަނޑިވަޅުގައި، މި ފަދަ ބޮޑު ފިޔަވަޅެއްގެ ސަބަބުން މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ނުތަނަވަސްކަން ކުރިމަތިވާނެ

  • އަދި ހާއްސަކޮށް މެދު ފަންތީގެ އާއިލާތަކަށް މާލީގޮތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ

"މި ފިޔަވަޅުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެމްޓީޔޫސީއިން ބުނީ މި ފިޔަވަޅުގެ މަގްސަދަކީ ހިންގުމުގެ ހަރަދު ކުޑަކުރުމާއި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުން ކަމަށް ބުނި ނަމަވެސް، އޭގެ ބުރަ އާއްމު މަސައްކަތްތެރިންގެ ބޮލުގައި އެޅުވިގެން ނުވާނެ ކަމަށެވެ. 

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ:

  • ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފަށަން ވާނީ މާލީ ބޭކާރު ހަރަދުތަކަށް އެންމެ ކުޑަކޮށް ޒިންމާވާންޖެހޭ މީހުން ނޫން ކަމަށް

  • އަދި ހާއްސަކޮށް، ސިޔާސީ މަގާމުތައް މަދުކުރުމާއި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުން ފަދަ ރަނގަޅު ބަދަލުތައް ފެންނަން އޮތް އިރު، މިއީ ގަބޫލު ކުރެވޭނެ ފަދަ ނިންމުމެއް ނޫން ކަމަށް 

  • މީގެ ސަބަބުން މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކާއި މުޅި މުޖުތަމައުއަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށް

އެހެންވެ އެ ޖަމިއްޔާއިން ގޮވާލީ، ސަރުކާރުގެ މި ނިންމުން މުރާޖައާ ކުރުމަށެވެ. އަދި މަސައްކަތްތެރިންގެ މަންދޫބުންނާ މިކަމުގައި މަޝްވަރާކޮށް، އެ މީހުންގެ ހައްގުތަކާއި އާމްދަނީ ރައްކާތެރިކޮށްދޭނެ ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށެވެ.

ކޮމެންޓް (3)

ބޮއުހަލާޚު

22 އޭޕްރީލު 2026
އެއްވެސް މީހަކު މި ފެނަކަ ނަރަކަ 20 ކުންފުންޏަ ހަދާކަށް ނުކިޔާނު. އެއި ގަބީލާތަކުގެ ބާރު ދަށްވެދާނެތީ. 20 ކުންފުންޏަށް އަތޮޅުގައި ހެދީމަ ސަރުކާރު އޮންނާނީ ފާރަވެރިވާން. މަޖިލީހާ.އޭޜުން ޗެކް އެންޑް ބެލެންސް އައީ. ކުރީގެ ރަށު އިންޖީނުގެތެއް ހިންގިއިުރ ސީދާ މާރކެޓް އުސޫލުން ހިނގީ. ބޮޑުވީމާ ބޮޑު ކުޑަވީމަ ކުޑަ ތެޔޮ އަގު. އަިދ ބޭކާޜު މީޙުންތަކެއް ނުލާ. ރައްޔތުންގެ އިންޖީނުގެ. ދެންވެސް ރައްޔިތުންގެ އަތޮޅު އިންޖީނުގެ ނުވަތަ ފެން އަތޮޅާ ހަވާޅު ކުރަން ވާހަކަ ނުދްކަނީ 4 ވަނަ ބާރު މަރުވެ ކަފުންކޮށްފައިވާތީ
0 0

އެދރު

22 އޭޕްރީލު 2026
ވަރަށް މޮޅު ނިންމުމެއް. ދަހިވެތިކަމުގައި އުސޫލުންބޭރުން ނާޖާއިޒު ގޮތުގައި ވަޒީފާތަކަށް އައިފަރާތްތައް މިވީ ކުއްވެރި. ނަމަވެސް ވެރިކަމުގެ ދަހިވެތިކަމާއި ތިމާމެންގެ ބާރުދެއްކުމާއި، ރަތްޔިތުންގެ ފައިސާއަށް ޚިޔާނާތްެރިވި ސަރުކާރުގެ ފަރާތްތައް ކުއްވެރިވެސް ނުވި. އަދަބު މިލިބުނީ ތަރްޔިތުންނަށް.
0 0

ނިޔަމި

21 އޭޕްރީލު 2026
ތެދެއްވާނީ ތެދަކަށް. ދުނިޔޭ ބޮޑު ދަތިކަމަކާ ކުރިމަތިލާފައިވާއިރު، ޢާއިލާތަކުގެ އުންމީދުކަމުގައިވާ ވަޒީފާއިން ލިބޭ އާމްދަނީގެ ޔަޤީންކަން ގެއްލި މާޔޫސްވާކަހަލަ ސިޔާސަތުތައް ޢާންމުކުރުމަކީ ޒިންމާދާރުކަން ކުޑަޢަމަލެއް. މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްލުުގެ ބަދަލުގައި އެހެންގޮތަކުން ފޫބެއްދޭތޯ މަސައްކަތް ކުރުމެއްނެތި ކަނޑާ ވައްޓާލާ ސިޔާސަތެއް ޢާންމުކޮށް މުވައްޒަފުންގެ މެދުގައި މާޔޫސްކަމާއި ނާއުންމީދު އުފެއްދުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް. މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފުންނާދޭތެރޭ އިޞްލާޙީ ފިޔަވަޅު އެޅުމުންވެސް އިޞްލާޙު ނުވެއްޖެނަމަ، ވަޒީފާއިން ވަކިކުރުމަކީ އަބަދުވެސް ކުރާކަމެއް. އެފަދަ އެއްވެސް ކަމެއް ކުރުމެއްނެތި ކުއްލިޔަކަށް ވަކި ޕަސެންޓެއް ވަޒީފާއިން ވަކިކޮށްލުމަށް އިޢުލާންކުރުމުން ވަޒީފާ ގެއްލޭ މީހުންގެ ތެރޭގައި ތިމަންނަވެސް ހިމެނޭ ނޫންބާއޭ ހިތައްއަރާ ނަފުސާނީގޮތުން އެތަކެއް މުވައްޒަފުން ބަލިކަށިވެގެންދާނެކަން އިޙްސާސްކޮށްލެވެންޖެހޭ. މިއީ ޕްރައިވެޓް ކުންފުންޏެއްގެ ވާހަކައެއްނުން. ރައްޔިތުންގެ ޙިއްސާވާ ކުންފުނިތަކެއްވެ ވާހަކަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް